ކުރިން ސްޓެލްކޯގެ އިންޖީނުތައް ބަހައްޓާފައި ހުންނަ ދޮންއަދަރާދަ ހިނގުން މިމަހުގެ ނިޔަލަށް ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ދޮންއަދަރާދަ ހިނގުން ހުޅުވުމަށް ކުރާ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވީ މަގު ހުޅުވުމުގެ 40 ޕަސެންޓު މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށާއި މިމަހުގެ ނިޔަލަށް އެ މަގު ހުޅުވާލުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
އެ މަގަކީ ކުރިން 1.5 މެގާވޯލްޓްގެ ދެ އިންޖީނާއެކު ޕަވާޕްލާންޓެއް ހުންނަ މަގެއް ކަމަށާއި އެ ޕްލާންޓް ބަހައްޓާފައި ހުރި ބެޑްގައި ހަ ފޫޓް އަޑިއަށް ކޮންކްރީޓް އެބަހުރި ކަމަށެވެ. ނަމަވެސް މިހާރު އެތަނުން އެ ޕަވާޕްލާންޓް ނަގާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
"އެއްވެސް ބަޔަކަށް ނުވި އެ ޕަވާޕްލާންޓް އެ މަގުން ނެގުމުގެ މަސައްކަތެއް. ނަމަވެސް އެމްޓީސީސީގައި އެ މަސައްކަތްކުރަން ބޭނުންވާ އިކުއިޕްމްނަޓްތައް އެބަހުރި. އެހެންވީމަ މިހާރު އެ މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން. މިއީ މަސައްކަތް ބުރަ، އުނދަގޫ މަސައްކަތެއް. އެންމެ ބޮޑު ޗެލެންޖަކީ މިވަގުތު ހުރި ޕަވާޕްލާންޓް އެތަނުން ނެގުން. އޭގެ ފަހުން އެ ޕްލާންޓް ޑިސްމެންޓަލްކޮށްފަ އެހެން ރަށަކަށް ގެންދަނީ،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ކުރިން އެ ސަރަހައްދަކީ 17 ހައިސްޕީޑް އިންޖީނު ބަހައްޓާފައި ހުރި ސަރަހައްދެއް ކަމަށާއި އެ އިންޖީނުތަކުގެ ސަބަބުން ސްޓެލްކޯ ކައިރީ ދިރިއުލެމުންގެންދިޔަ ގިނަ ބަޔަކަށް ވަރަށް ގިނަ އުނގަދޫތައް ތަހައްމަލުކުރަން ޖެހުނު ނަމަވެސް މިހާރު އެ އިންޖީނުތައް އެ ސަރަހައްދުން ނަގައި ހުޅުމާލެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"ފިނިޝިން ފާރު ރޭނުމުގެ މަސައްކަތް އެއީ އަޅުގަނޑުމެންނަށް މާބޮޑު މަސައްކަތެއް ނޫން. އެހެންނަމަވެސް ކޮންކްރީޓް ނެގުމުގެ ވަރަށް ބޮޑުބައިގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް. މަގު މެދުގައި ވަނީ ކޮންކްރީޓު ދެ ބެންޑު. ދެ ބެންޑު ތަޅާލާފައި މަގު ނެގުމުގެ މަސައްކަތް ކުރިއަށްގެންދާނީ،" ފަހުމީ ވިދާޅުވިއެވެ.
އެ މަސައްކަތްތައް ކުރިން ހަވާލުކުރި ކުންފުނިތަކުގައި، މަގުގައި އަޅާފައިވާ ކޮންކްރީޓް ނަގައި ސާފުކުރުމުގެ ކެޕޭސިޓީއާއި އެ ތަކެތި ތަޅާލާފައި ސާފުކުރާނެ އިކުއިޕްމަންޓުތައް ނެތްކަށް ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ އެމްޓީސީސީގައި އެ އިކުއިޕްމަޓުތައް އެބަހުރި ކަމަށެވެ. އަދި 24 ގަޑިއިރު މަސައްކަތްކުރުމަށް އެމްޓީސީސީން އެދެފައިވީ ނަމަވެސް، އެ ހުއްދަ ދީފައިނުވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އުނގަދޫވާނެ ގޮތަށް މަސައްކަތްތައް ކުރިއަށްގެންދަން ބޭނުންނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ ދުވާލުގަޑީގައި މަސައްކަތްތައް ކުރިއަށްގެންދަން ނިންމާފައިވާނީ. އިސްކަންދެނީ މަގު ހުޅުވާލުމަށް އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެގޮތަށް. އެހެންވީމާ އެގޮތަށް މަސައްކަތްތައް ރާވާފައި ކުރިއަށްގެންދަން ނިންމާފައިވަނީ،" އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މަގު ހުޅުވާލީމާ ގޯތިން ގާތްގަނޑަކަށް އެއްލައްކަ އަކަފޫޓް ބެހިގެންދަނީ 50 ހާސް އަކަފޫޓްގެ ދެބިން ކަމަށާއި، ސްޓެލްކޯއިން ގަސްތުކުރަނީ ބްރިޖަކުން މަތިން ގުޅާލުމަށް ކަމަށެވެ. އެއީ ސްޓެލްކޯގެ މަސައްކަތްތައް ހުންނަ ގޮތުން ކޭބަލް ޓްރާންސްފާ ކުރުމާއި ނުވަތަ އެހެނިހެން މަސައްކަތްތައް ފެށުމަށްފަހު އެއްގަމު އުޅަދުތަކަށާއި، މަގުމަތީ ހިނގާ މީހުންނަށް ދަތިވާނެތީ ކަމަށްވެސް ވިދާޅުވިއެވެ.
މަތިން ހިނގައިބިނގާވެ އުޅެވޭނެ ނިޒާމެއް ގާއިމުކޮށް ފަޔާ ލޮރީތަކަށްވެސް ދަތިނުވާނެ ގޮތަކަށް ބުރިޖެއް އަޅައި، ދެ ބުރިޖު ގުޅައިލުމުން ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ރައްޔިތުންނަށްވެސް އުނގަދުގަލަކާ ނުލައި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު