އީކުއެޑޯގައި ހަތިޔާރު އެޅި ބަޔަކު ވަދެ ޓީވީ ސްޓޭޝަނެއް ހިސޯރުކޮށްފިއެވެ.

އީކުއެޑޯގެ ޓީވީ ޗެނަލް ''ޓީސީ''އަށް ހަތިޔާރާއެކު ވަތް މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ. އެ ޗެނަލްގެ ލައިވް ސްޓޫޑިއޯއަށް ވަދެ އެމީހުން ވަނީ އެވަގުތު ކުރިޔަށް ދިޔަ ލައިވް ޝޯގައި ހަރަކާތްތެރިވި މީހުން ރަހީނު ކޮށްފައެވެ.

ހާދިސާ ހިނގުމާއެކު އެ ގައުމުގެ ފުލުހުން ވަނީ ޓީވީ ސްޓޭޝަން ހިމެނޭ ސަރަހައްދު ބަންދުކޮށް އެތަން ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ވަނީ ޓީވީ ސްޓޭޝަނަށް ހަތިޔާރާއެކު ވަތް 13 މީހުން ހައްޔަރުކޮށްފައެވެ.

އީކުއެޑޯގެ ޖަލެއްގައި ހައްޔަރުގައި ހުރި އެގައުމުގެ ނުރައްކާތެރި ގޭންގު ލީޑަރަކު ގެއްލުމާއެކު އެގައުމުގެ ހަމަނުޖެހުން އިތުރުވެ ސަރުކާރުން ވަނީ 60 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިނަމަވެސް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފުލުހުންނާއި އާންމުންނަށް ވަނީ އަނިޔާވެ ބޮޑެތި ގެއްލުން ލިބެން ފަށާފައެވެެ.

އީކުއެޑޯގެ ޓީވީ ޗެނަލް ''ޓީސީ''އަށް ހަތިޔާރާއެކު ވަތް މީހުންގެ މައްސަލައިގައި އެގައުމުގެ ރައީސް ވަނީ ހުރިހާ ގޭންގުތަކެއް ނައިތައިލާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.