ރާއްޖެ އާއި ޗައިނާ ސަރުކާރާ ދެމެދުގައި ރަސްމީ ވާހަކަތައް މިއަދު ބާއްވައިފިއެވެ.
އެ ބައްދަލުވުންތައް ބާއްވާފައިވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ބޭއްވި އެ ބައްދަލުވުމުގައި ރައީސް މުއިއްޒާއި ރައީސް ޝީ ޖިންޕިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ވަފުދުގައި ހިމެނިގެން ޗައިނާއަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަޒީރުންނާއި ޗައިނާ ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ނަމަވެސް އެ ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތައް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޗައިނާގެ ރައީސް ޝީ ޖިން ޕިން މިއަދު ވަނީ ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވައިފައެވެ.
ރައީސް އޮފީހުން ބުނީ އެ ރަސްމިއްޔާތަށް ފަހު ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ރައީސް މުއިއްޒު ތައާރަފްކޮށްދެއްވި ކަމަށާއި، ރައީސާއެކު ވަޑައިގެންނެވި ވަފުދުވެސް ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ތައާރަފްކޮށްދެއްވި ކަމަށެވެ.
އެ ބައްދަލުވުންތަކުގެ އިތުރުން މިއަދު ރާއްޖެ އާއި ޗައިނާ އިން ވަނީ 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕްގެ އެއްބަސްވުމެއް ވެސް ހިމެނެއެވެ. އަދި މީޑިއާގެ ދާއިރާ ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމަކާއި ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެއިން އިންތިޒާމުކޮށްގެން އިއްޔެ ވަނީ އިންވެސްޓާސް ފޯރަމެއް ވެސް ބާއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު