ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށާއި އޭނާ ރާއްޖެއިން ބޭރަށްދާން، ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ދެމެހެއްޓުމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް މިއަދު އެ މައްސަލަ ހުށަހަޅައިފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ އަޑުއެހުމުގައި، މައްސަލަ ހުށަހަޅުއްވަމުން، ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސިކިއުޓާ އިބްރާހިމް ނާސިހު ވިދާޅުވީ، އައްމަޓީގެ ފާސްޕޯޓް ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ނުކުރަން ޑިސެމްބަރު 26 ގައި ހައިކޯޓުން ކުރި ހުކުމުން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 143 (ރ) އާ ހިލާފަށް ކަމަށެވެ.

ހުޅުމާލޭގައި 3000 ފްލެޓް އިމާރާތްކުރަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނެގި މައްސަލައިގައި، އައްމަޓީއަށް ހިޔާނާތުގެ 42 ދައުވާއެއް ވަނީ ކޮށްފައެވެ. ނަމަވެސް އޭނާ ރާއްޖެއިން ބޭރަށް ދާން ވަގުތީ ހުއްދައެއް ކްރިމިނަލް ކޯޓުން ދިނީ އޭނާގެ ބޭސްފަރުވާއަށެވެ.

ނަމަވެސް އޭނާގެ މައިބަދައިގެ ސީރިއަސް އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައިވާކަމަށް ބުނެ، ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އޭނާ އެދުމުގެ ސަބަބުން ބޭހަށް ރާއްޖޭން ބޭރަށް ފުރުމަށް މިމަހުގެ ހަ ވަނަ ދުވަހު އޭނާގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

"އަހުމަދު މޫސާ މުހައްމަދުގެ މައްޗަށް މި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އޭނާގެ ފަރާތުން ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ދީފައިވާތީ، ކުރީގެ ހާލަތު ބަދަލުވެފައިވާ ކަމަށް ޝަރީއަތަށް ބުރަވެވޭތީ، މި ކޯޓުން ނެރެފައިވާ 'ފުރުން މަނާކުރުމުގެ' އަމުރު ބާތިލު ކުރުމުގެ ބަދަލުގައި، އެއަމުރު ވަގުތީގޮތުން ސަސްޕެންޑް ކުރުމަށް ޝަރީއަތަށް ފެންނާތީ، އޭނާގެ ޕާސްޕޯޓް 2023 ޑިސެމްބަރު ހަ ވަނަ ދުވަހުގެ 17:00 އިން ފެށިގެން 2023 ޑިސެމްބަރު 26 ވަނަ ދުވަހުގެ 23:00 ނިޔަލަށް ދޫކުރުމަށް، ނިންމައިފީމެވެ،" ކުރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.

އެކަމާ ގުޅިގެން ކުރިމިނަލް ކޯޓުގެ އެ އަމުރު ބާތިލުކޮށްދިނުމަށް އެދި ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެމައްސަލައިގެ މައުލޫއަށް ހައިކޯޓުން ހުކުމް ކުރަންދެން، ޕާސްޕޯޓް ދޫކޮށްފައިވިޔަސް އައްމަޓީ ރާއްޖޭން ފުރުން މަނާ ކުރުމަށް ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް، ހައި ކޯޓުން އަމުރުކުރިއެވެ.

ނަމަވެސް ޕާސްޕޯޓު ދޫކޮށްލަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށްދިނުމަށް ދައުލަތުން ހުށަހެޅި މައްސަލައިގައި، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން ޑިސެމްބަރުމަހުގެ 26 ގައި ހުކުމް ކޮށްފައި ވަނީ އައްމަޓީގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ބާތިލު ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އެގޮތަށް ރައުޔު ނެރުއްވީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ފާތުމަތު ފަރްހީޒާ އާއި ފަޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ނަމަވެސް ބެންޗުގައި އިންނެވި ފަނޑިޔާރު ހުސައިން މަޒީދު ރައުޔު ތަފާތެވެ. ފަނޑިޔާރު ހުސައިން މަޒީދު ރައުޔުގައި ވަނީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މި ހުކުމާބެހޭ އިސްތިއުނާފީ ނުކުތާތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ނާސިހު މިއަދު ވިދާޅުވީ، އައްމަޓީގެ މައްޗަށް ހިޔާނަތްތެރިވުމުގެ ކުށުގެ ގިނަ ދައުވާތަކެއް ހުށަހަޅާފައިވާތީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ޖެހޭކަމަށް ތަކުރާރުކޮށް ދައުލަތުން ވަކާލާތު ކޮށްފައިވާ ކަމަށެވެ. އެކަމާބެހޭ ތަފްސީލުތައް ވަކީލު ޝަރީއަތަށް ހާމަކޮށްދެއްވިއެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުން ބާތިލުކޮށް، ކްރިމިނަލް ކޯޓަށް މިކަމުގައި އޮތީ ދެ ނިންމުމެއް ނިންކަން ކަމަށް ކަނޑައަޅައިދިނުމަށް ވަކީލު ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ. އޭގެ ތެެރެއިން އެއް ކަމަކީ ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުކުރުމެވެ. ނުވަތަ އައްމަޓީ ނުފިލާނެކަން ކަށަވަރު ވާނެ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި އޭނާގެ ޕާސްޕޯޓާއި، އެކަމާބެހޭ ލިޔުމެއް އޮތްނަމަ އެ ލިޔުމެއް ހިފެހެއްޓުމަށް އަމުރުކޮށް، އޭނާ ރާއްޖޭން ފުރައިގެން ދިއުން މަނާކުރުމުގެ އަމުރެއް ނެރުމަށްފަހު ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުން ކަމަށް ކަނޑައަޅައިދިނުމެވެ.