ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 4.1 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ހައިކޯޓުން ބުނީ އެ މައްސަލަ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅީ އިއްޔެ ކަމަށެވެ. ނަމަވެސް މައްސަަލަ ބަލައިގަތުމާމެދު އަދި ވަކި ގޮތެއް ނިންމާފައެއްނުވެއެވެ.

އެމްއައިބީއަށް 4.1 މިލިއަން ރުފިޔާ ދައްކަން އާޒިމާގެ މައްޗަށް ސިވިލްކޯޓުން ކުރި ހުކުމަކީ، ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީން އާޒިމާ ނަންގަވާފައިވާ ތިން މިލިއަން ރުފިޔާގެ ލޯނެއް، އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނުދާ ކަމަށް ބުނެ، އެމްއައިބީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ކުރި ހުކުމެކެވެ. މި މައްސަލައިގައި މިމަހު ދެވަނަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ އާޒިމާގެ ގައިރު ހާޒިރުގައެވެ.

މި ދައުވާގައި ބުނެފައި ވަނީ، ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީން އާޒިމާއަށް ތިން މިލިއަން ރުފިޔާގެ ލޯނެއް ދީފައިވާ ކަމަށާއި ނަމަވެސް އެ ލޯނަށް ގަވާއިދުން ފައިސާ ދައްކަމުން ގޮސްފައި ނުވާތީ، ހަތަރު މިލިއަން ރުފިޔާ އެ ބޭންކަށް އާޒިމާ ދައްކަން ޖެހޭކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންވެ، އެ ފައިސާ ކުރިއަށް އޮތް ހަ މަސް ތެރޭ މަހުން މަހަށް ދައްކައި ނިންމުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. އެ ފައިސާ ދައްކައި ނިމެންދެން ރަހުނު ކޮށްފައިވާ ފްލެޓް އިސްލާމިކް ބޭންކުގައި ރަހުނެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށްވެސް ހުކުމުގައިވެއެވެ.

އާޒިމާގެ މައްޗަށް މި ހުކުމް ކުރިއިރު މާލޭ ސިޓީ މޭޔަރުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ.

ގާނޫނުގައި ބުނާގޮތުން، އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތެއް އުނިވާނީ ސާބިތުދަރަނީގެ މައްސަލައިގައި ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމައެވެ. ނަމަވެސް އިންތިހާބުގެ ތެރެއިން ވެސް ނުވަތަ އިންތިހާބު ވުމަށްފަހުވެސް ޝަރުތެއް އުނިވެއްޖެ ނަމަ އެމީހެއްގެ މަގާމު ގެއްލޭނެއެވެ.