އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ލަކްޝަދީބުގެ ޓޫރިޒަމަކުން ރާއްޖެއަށް ސީދާ ގެއްލުމެއް ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ހިންގަމުންދާ މި ދަނޑިވަޅުގައި ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ބަދުބަސް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ މައްސަލަ ހޫނުވެ، އިންޑިއާގެ ޓްރޯލް އެކައުންޓުތަކުން ވަނީ ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕޭނެއް ފަށައިފައެވެ.

މައްސަލަ ހޫނުވެފައިވަނިކޮށް އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ސީއެންއެންނިއުސް18" އަށް ދެއްވި އިންޓަވިއެއްގައި ފައްޔާޒް ވިދާޅުވީ އޭނާ އަބަދުވެސް ލަކްޝަދީބަށް ވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ. އަދި ލަކްޝަދީބުގެ ޓޫރިޒަމާއި ރާއްޖޭގެ ޓޫރިޒަމާ ގުޅިގެން، ދެ ގައުމަށް ފައިދާ ކުރާނެ ކަންތައްތަކެއް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

"ލަކްޝަދީބަކީ ރާއްޖެއަށް ހުރި ސީދާ ގެއްލުމެއް ނޫން. ހެލްތީ ކޮޕްމެޓިޝަންތަކަށް އަޅުގަނޑުމެން އަބަދުވެސް މަރުހަބާ ދަންނަވަން. ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީބަށް ވަޑައިގެން ލަކްޝަދީބު ޕްރޮމޯޓު ކުރުއްވުމަކީ މައްސަލައެއް ނޫން،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިންޑިއާގެ ބައެއް ޓުވިޓާ އެކައުންޓުތަކުން "އިންޑިއާ އައުޓް" ކެމްޕޭނާއި މޯދީ، ލަކްޝަދީބަށް ކުރެއްވި ޒިޔާރަތާ ގުޅުވާފައިވާ ކަމަށެވެ. ރާއްޖޭގެ ބައެއް މީހުން ވަނީ ޑިޕްލޮމެޓިކް ހަމަތަކާ ހިލާފަށް އެކަމަށް ރިއެކްޓު ކޮށްފައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ދެ ގައުމުގެ މެދުގައި މިހާރު އުފެދިގެން އުޅެނީ އެއްވެސް ވަރަކަށް އުފެދިގެން ނުވާނެ ކަހަލަ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު ބައެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާގެ ކަންބޮޑުވުމަކީ ޓުއަރިޒަމް އިންޑަސްޓްރީއެއް ނޫން ކަމަށާއި ރާއްޖެ ބޮއިކޮޓްކުރާ ކެމްޕޭން ދުވަސްކޮޅަކުން ފަނޑުވެދާނެ ކަމަށެވެ. ރާއްޖެއާއި އިންޑިއާގެ ސަރުކާރުގައި ގާބިލު އަދި ޒިންމާދާރު މީހުން އެބަތިބި ކަމަށާއި އެ ފަރާތްތަކުން މިހާރު ޖެހިގެން އުޅޭ މައްސަލަ ހައްލު ހޯދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ދެ ގައުމުގެ ސަރުކާރުން މައްސަލަ ހައްލުކުރި ނަމަވެސް ފައްޔާޒް ވިދާޅުވީ އޭނާގެ ކަންބޮޑުވުމަކީ ޖެހިގެން އުޅޭ މައްސަލައިގެ ނުރަނގަޅު އަސަރު ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ފެތުރުން ކަމަށާއި ރައްޔިތުންގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި މި ސަރަހައްދުގެ ހަމަޖެހުން ވެސް ގާއިމުކުރެވެން އޮތީ އިންޑިއާއެކު ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.