ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރެއް ބަގާވާތަކުން ވައްޓާލުމާ ދެކޮޅަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަދައްކަވައިފިއެވެ.

ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ރައްދުކުރުމުގެ ސަބަބުން ދެ ގައުމުގެ ދެމެދު މައްސަލަ ހޫނުވެފައިވަނިކޮށް ދަ ޑިމޮކްރެޓްސް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މަގާމުން ދުރުކުރަން ތައްޔާރުތޯއާއި އެމްޑީޕީން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުތޯ އަހައި އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.

އާޒިމަށް ރައްދު ދެއްވައި މަހުލޫފު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް މުއިއްޒު އިންތިހާބުވެވަޑައިގެންފައި ވަނީ އާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ތާއީދާއެކު ކަމަށެވެ.

"ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރެއް ގަދަބާރުން، ބަގާވާތަކުން ވައްޓާލުމާ ދެކޮޅު. އެއީ ދިވެހިރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ނޫން. އިންތިހާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެން ނުވާނެ،" މަހުލޫފު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމާ ދެކޮޅު ކަމަށް މަހުލޫފު ވިދާޅުވި އިރު، އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންނާއި މަޖިލިސް މެމްބަރުން ވަނީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.