އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން، ލީގު ވަންގެ ވިގަން އެތުލެޓިކްސް ބަލިކޮށްފިއެވެ.
ވިގަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން އެޓީމު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޔުނައިޓެޑަށްވެސް ހަތަރުވަނަ ބުރު ޔަގީންވެފައިވާ އިރު، ރޭ ވަނީ ހަތަރު ވަނަ ބުރުގެ ގުރުވެސް ނަގައިފައެވެ. ޔުނައިޓެޑުން ވާދަކުރަން ޖެހޭނީ ނިއުޕޯޓް ކައުންޓީއާއި އީސްޓްލެއި ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ރޭ ޔުނައިޓެޑުގެ ފުރަތަމަ ގޯލު މެޗުގެ 22 ވަނަ މިނެޓުގައި ޖަހައިދިނީ ޑިއޭގޯ ޑަލޯއެވެ. މާކަސް ރަޝްފޯޑު ޖައްސާލި ބޯޅަ، އޭރިއާ ބޭރުން ގޯލަށް ވައްދާލައިގެން ޑަލޯ ޔުނައިޓެޑަށް ލީޑު ނަގައިދިން އިރު، އޭގެ ފަހުން ރަސްމުން ހޮއިލުންނާއި އެލެހާންޑްރޯ ގާނާޗޯގެ ނުރައްކާ ފެނިގެން ދިޔައެވެ. ގާނާޗޯގެ ހަމަލާ ދަނޑިއަށް އަމާޒުވި ނަމަވެސް، ޔުނައިޓެޑަށް މެޗުގައި ދެވަނަ ގޯލެއް ޖެހުނީ 74 ވަނަ މިނެޓުގައެވެ.
ދެވަނަ ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ބްރޫނޯ ފެނާންޑޭޒް ޖަހައިދިން ގޯލެކެވެ.
އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ ގުރު ރޭ ނަގާފައިވާ އިރު، އެންމެ ފާހަގަކޮށްލެވޭ މެޗަކީ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ޓޮޓެންހަމްއާ ދެކޮޅަށް ނުކުންނަން އޮތް މެޗެވެ. އެ މެޗު އޮންނާނީ ޖެނުއަރީގެ ފަހު ވީކެންޑްގައެވެ.
ފުލަމްއާއި ނިއުކާސަލްވެސް ވާދަކުރަން ޖެހޭ އިރު، ލިވަޕޫލުން ނުކުންނަން ޖެހޭނީ ނޯވިޗާއި ބްރިސްޓަލްގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ޗެލްސީން އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނަ އިރު، ބޯންމައުތު ނުކުންނަން ޖެހޭނީ ސްވަންސީ ސިޓީއާ ދެކޮޅަށެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް