ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ކޮމާޝަލް ޕޯޓު ހެދުމުގެ މަޝްރޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ އެހީއަށް އެދިވަޑައިގަންނަވައިފިއެވެ.
ރާއްޖެއަށް ޗައިނާގެ އިންވެސްޓަރުން ހޯދަން ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ޗައިނާގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024" ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގައި އިންވްސްޓުމެންޓުތަކަށް ފުރުސަތު ހުރި ދާއިރާތަކަށް އަލިއަޅުވައިލައްވައިފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ދާދި ފަހުން އެ މަނިކުފާނު އިފުތިތާހު ކޮށްދެއްވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވައްސަކީ ޗައިނާގެ ބީއާރްއައި ވިޝަންއާ ގުޅޭ މަޝްރޫއެއްް ކަމަށެވެ. "ބެލްޓް އެންޑް ރޯޑް އިނިޓިއޭޓިވް (ބީއާރްއައީ)" އަކީ އެކި ގައުމުތަކުގައި އިންވެސްޓު ކުރުމަށް ޗައިނާއިން 2013 ވަނަ އަހަރު ފެށި އިނިޝިއޭޓިވް އެކެވެ.
"އަޅުގަނޑު މިތަނަށް އައުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އިފުތިތާހުކުރި ސެންޓްރަލް އެއާޕޯޓުގެ އާ ތަސައްވުރާއި ކޮމާޝަލް ޕޯޓް ޕްރޮޖެކްޓަކީ، ބީއާރްއައިގެ އެއްގަމާއި ކަނޑު، ވައިގެ އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ވިޝަންއާ އެއްގޮތްވާ އަދި އަޅުގަނޑުގެ ސަރުކާރުގެ ވަރަށް މުހިންމު ސްޓްރެޓެޖިކް އިނިޝިއޭޓިވްސްތަކެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ޕްރޮޖެކްޓުތައް ބީއާރްއައިގެ ދަށުން ހިންގުމަށް ސަރުކާރުން ޝައުގުވެރިވާ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ދެ ވަނަ ފޭސް ތަރައްގީކުރަނީ ކުރިޔަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް އޮންނާނެ ގޮތުގެ މާސްޓާ ޕްލޭނެއްގެ ދަށުންނެވެ. އެ މަޝްރޫއު ނިމޭއިރު އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ވީއައިއޭން ހިދުމަތް ދިނުމުގެ ކެޕޭސިޓީ ލިބިގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެ މަޝްރޫއު އިފްުތުތާހު ކުރުމާ ގުޅިގެން ބުނެފައި ވެއެވެ.
ގުޅިފަޅުގައި މިހާރު ހަދަމުން އަންނަ ކޮމާޝަލް ޕޯޓު ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށް ރައީސް މީގެ ކުރީން ވިދާޅުވެފައި ވެއެވެ. ރައީސް އެހެން ވިދާޅުވީ ގުޅިފަޅަކީ އެފަދަ ޕޯޓެއް ހެދުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ވިދާޅުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު