ކުރިއަށް އޮތް މާލެ ސިޓީ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވައި، އެ އިންތިހާބުގައި އޭނާއަށް ގެއްލުންދޭން ބަޔަކު ރާވައިގެން ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކުރައްވައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި "ދައުރު" ނޫހާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވުމަށް، ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރު ނިންމަވައިފިއެވެ.
އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ ނަމުގައި އެމްއައިބީން ނަގާފައިވާ ގެދޮރުވެރިކަމުގެ ލޯނުގެ މައްސަލައިގައި ލޯނު ރީސްޓްރަކްޗާކުރުމަށް ވާހަކަދައްކަން ފަށައި، ފައިސާ ދައްކާނެ ގޮތުގެ ޝެޑިއުލެއް ބޭންކަށް ހުށަހަޅާފައިވަނިކޮށް ބޭންކުގެ އެދުމުގެ މަތިން އޭނާގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.
އެކަން އެމްއައިބީން ކުރިއަށްގެންގޮސްފައި ވަނީ ލޯނު ރީސްޓްރަކްޗާކުރުމަށް ދެކެވެމުންދިޔަ ވާހަކަތައް ވަކިގޮތަކަށް ނިމެންދެން ކޯޓުގައި ހިނގަމުންދިޔަ މައްސަލަ މަޑުޖައްސާލުމަށް ކޯޓަށް ލިޔުމުން އަންގާނެކަމުގެ ޔަގީންކަން އޭނާއަށް ދިނުމަށްފަހު ކަމަށް އާޒިމާ ވިދާޅުވިއެވެ.
"މިއީ އަޅުގަނޑު ކުރިމަތިލާފައިވާ މާލެ ސިޓީގެ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް ބޭންކިންގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ބޭންކުގެ ވަކި މުވައްޒަފަކު ކޮށްފައިވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ވަރުގެ މައުލޫމާތު ވަނީ ލިބިފައެވެ،" އާޒިމާގެ ބަޔާނުގައި ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ވަކި ފަރާތަކަށް ދޭން ޖެހޭ އިތުރު ފައިސާތަކެއް ހުރުމާއެކު އޭނާއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައި، ޣައިރު ހާޒިރުގައި އެ މައްސަލައިގެ ހުކުމްކުރުމަށް މާދަމާއަށް ތާވަލުކޮށްފައިވާ ކަމަށްބުނެ، "ދައުރު" ނޫހުގައި ހަބަރެއް ޝާއިއުކުރި ނަމަވެސް، އެކަން އޭނާއަށް އެނގިފައި ނުވާތީ، އެފަދަ އެއްވެސް ދައުވާއެއް ހުށަހެޅިފައިވޭތޯ ސިވިލް ކޯޓުން ބެލި ބެލުމުން، އެފަދަ އެއްވެސް ދައުވާއެއް ނެތްކަން ކޯޓުން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އެ ދެ މައްސަލައަކީ ވެސް އޭނާ ކުރިމަތިލެއްވި ބައި އިލެކްޝަންގެ އިންތިހާބަށް ނުފޫޒު ފޯރުވައި، އެ އިންތިހާބުގައި އޭނާއަށް ގެއްލުން ދިނުމުގެ ނިޔަތުގައި ބަޔަކު ރާވައިގެން ހިންގާ ކަމެއް ކަމުގައި ގަބޫލުކުރެވޭތީ، ފިޔަވަޅުތަކެއް އެޅުމަށް ނިންމަވައި، ގާނޫނޫ ވަކީލުންގެ ޓީމުން އެ މަސައްކަތް ފަށާފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
- މި މައްސަލަ ގާނޫނު ނަމްބަރު: 24/2010 ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނުގެ ދަށުން މި މައްސަލަ ބައްލަވައި ބޭންކާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހުށަހެޅުން.
- ދައުރު ނޫހުގައި ދޮގު ހަބަރު ފަތުރައި، ލިޔުންތައް އުފައްދައި ފެބްރިކޭޓްކޮށް އަބުރަށް އަރައިގަނެ، އަދި އާޒިމާއާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާފައިވާތީ، މި މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅުން.
- އާޒިމާގެ އިންތިހާބީ ހައްގަކަށް ދައުރު ނޫހުން އަރައިގަނެފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން.
- އަބުރުގެ ދައުވާ ސިވިލް ކޯޓަށް ހުށަހެޅުން.
އެމްއައިބީއަށް ހަތަރު މިލިއަން ރުފިޔާ ދައްކަން އާޒިމާގެ މައްޗަށް ސިވިލް ކޯޓުން މިމަހުގެ ދެވަނަ ދުވަހު ކުރި ހުކުމް އިސްތިއުނާފުކުރަން އޭނާ ވަނީ ނިންމަވައިފައެވެ. އެ ހުކުމަކީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީން އާޒިމާ ނަންގަވާފައިވާ ތިން މިލިއަން ރުފިޔާގެ ލޯނެއް، އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނުދާ ކަމަށް ބުނެ، އެމްއައިބީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ކުރި ހުކުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު