ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އެކަކަށްވުރެ ގިނަ ފަރާތްތަކަށް ހުށަހެޅޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
މީގެ ކުރިން ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ހުށަހެޅެނީ އެންމެ މީހަކަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އެގޮތަށް ގަވާއިދަށް ބަދަލު ގެނެސް މިއަދު ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އެކަކަށްވުރެ ގިނަ ފަރާތްތަކަށް ހުށަހެޅިދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
އެކަމަށްޓަކައި އީސީން އިސްލާހު ގެނެސްފައިވަނީ ގަވާއިދުގެ ހަ ވަނަ މާއްދާއަށެވެ. އޭގެ އިތުރުން 18 ވަނަ މާއްދާގެ (ހ)ގެ ގޮތުގައި ގަވާއިދަށް ވަނީ އަކުރެއް އިތުރުކޮށްފައެވެ.
އެހެންކަމުން އެކަމަށްޓަކައި ހުށަހަޅާ ފޯމާއެކު ޕާޓީ ރަޖިސްޓަރީ ކުރަން އެދޭ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެ ފުށުގެ ސާފު ކޮޕީއަކާއި، ކުށުގެ ރިކޯޑު ފޯމު ހުށަހަޅަންޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.
ސިޔާސީ ޕާޓީއެއް އުފައްދަން އެދޭ ފަރާތަކުން ނުވަތަ ފަރާތްތަކުން، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި އީސީއަށް ހުށަހެޅުމުން، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ހަތް ދުވަހުގެ ތެރޭގައި އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ލިޔުމުން ދޭންޖެހޭނެ ކަމަށް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން ނުވަތަ ފަރާތްތަކުން، އެ ޕާޓީއަށް ކިޔަން ހުށަހަޅައިފައިވާ ނަމަކީ އީސީން ގަބޫލުކުރާ ނަމަކަށް ވާން ޖެހޭނެ ކަމަށާއި، ވަކި ނަމެއްގައި ޕާޓީ އުފައްދަން ކޮމިޝަނުން ހުއްދަ ދީފިނަމަ ކަނޑައެޅިފައިވާ މުއްދަތަކަށް އެ ނަން ބޭނުންކުރުމުގެ ހުއްދަ އެހެން ފަރާތަކަށް ދީގެން ނުވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދޭ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި، މަދުވެގެން 3,000 މީހުން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެ ކަމަށާއި، ޕާޓީއެއް އުފައްދަން ހުށަހަޅާ ފޯމުތައް ފުރައިފައިވާ މީހުން، އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެގެން ނުވާނެ ކަމަށްވެސް ގާވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހަޅާ ފޯމުތައް ޗެކުކޮށް ނިންމާ އިރު، 3,000 މީހުންގެ ސޮއި ހަމަނުވެއްޖެނަމަ، އެ އަދަދަށް ސޮއި ހަމަކުރުމަށް އިތުރު ތިން މަސްދުވަސް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ހަބީބު ވިދާޅުވީ، އަލަށް ސިޔާސީ ޕާޓީ އުފައްދާ ފަރާތްތަކަށް ސީޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު "ސިމަދަ ޕޯޓަލް" އިން އަލަށް އެކަމުގެ ހުއްދަ ދޭގޮތަށް ވެސް މިއަދު ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ޕާޓީތަކުން ނުވަތަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ފަރާތަކުން "ސިމަދަ ޕޯޓަލް" މެދުވެރިކޮށް ފޯމުތަކަށް ޝަކުވާ ހުށަހެޅުމާބެހޭ އުސޫލުވެސް އީސީން މިއަދު ވަނީ ގެޒެޓް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު