ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވެސް އެމްޑީޕީ ދޫކުރައްވައި، ވެރިކަން ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

ސޯޝަލް މީޑިއާގައި ހަސަންޓޭ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ކުރިއަށްދިއުމަށް ނިންމަވާފައިވާ ކަމަށާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޕީއެންސީއާއެކު ހުންނަވާނެ ކަމަށެވެ.

ހަސަންޓޭ އަކީ އެމްޑީޕީ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، މަގުމަތީގެ ހަރަކާތްތަކުގައި ވެސް އެންމެ އިސް ސަފުން ފެނިވަޑައިގެންނެވި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި މީގެ ކުރިން ފާހަގަކުރެވުނު ނަމަވެސް، ދަ ޑިމޮކްރެޓްސްއާ ގުޅުމުގެ ބަދަލުގައި މިދިޔަ ރިޔާސީ އިންތިހާބުގައި ހަސަންޓޭ މަސައްކަތްކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައެވެ.

ހަސަންޓޭގެ އިތުރުން ވެސް މިދިޔަ މަހުގެ 28ގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ. އެ މެންބަރުންގެ ތެރޭގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ.

  • މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ)
  • ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
  • މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް
  • އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  • ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
  • ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްއަނީ އަބްދުލްޙަކީމް
  • މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
  • މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
  • ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު
  • މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
  • ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު
  • ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  • ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝާޒް

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ޕީއެންސީއަށް ސޮއިކުރެއްވި މެމްބަރުންނަކީ ގައުމު އިސްކުރެއްވި މެމްބަރުން ކަމަށާއި އެ މެމްބަރުން ގައުމު އިސްކުރައްްވައި، ޕީއެންސީއަށް ސޮއިކުރެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ އިތުރު މެމްބަރުންތަކެއް ތިއްބެވީވެސް އެ މަނިކުފާނާއެކު ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.