މާލޭގެ މޭޔަރުކަމަށް ވަޑައިގަންނަވަނީ ސަރުކާރާ ކޯޅެން ނޫން ކަމަށާއި ނަމަވެސް ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކުރާ ނަމަ، އެކަމަށް އެއްބާރުލުން ނުދެވޭނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ރޭ ބޭއްވި މާލޭ މޭޔަރު ބަހުސްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އޭނާގެ މޭޔަރުކަމެއްގައި އެންމެންނާ ގުޅިގެން މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން މި އަންނަނީ ސަރުކާރާ ކޯޅޭކަށް ނޫން. އަޅުގަނޑުމެން މި އަންނަނީ ސަރުކާރާ އެއްކޮށް މަސައްކަތްކުރަން، ހުރިހާ މުއައްސަސާއަކާއެކު މަސައްކަތްކުރަން. ގާނޫނުއަސާސީގައި ބުނަނީ ކޯޅޭކަށެއް ނޫން. އަޅުގަނޑުމެން އެއްބާރުލުން ނުދޭނީ އިސްރާފަށް. ފުށިދިއްގަރުފަޅު ހިއްކުމަކީ މިވަގުތަށް ބޮޑު އިސްރާފެއް. ފަސް ބިލިއަނަށް އެމްޓީސީސީއަށް ކުރެވޭނެ މަސައްކަތެއް ދިހަ ބިލިއަނަަށް ކޮށް، ފަސް ބިލިއަން މިހާރު ވެސް އެ އިސްރާފުކޮށްލަނީ،" އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ގާނޫނުއަސާސީގައި ބުނަނީ މޭޔަރު ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ. އަދި ސަރުކާރުގެ ކެންޑިޑޭޓް ހޮވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާތީ، އެކަމަށް ވެސް އާޒިމް ރައްދުދެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ އެބަ ވިދާޅުވޭ ތިމަންނަމެންގެ މީހެއް ނަގައިގެން ނޫނިއްޔާ ކަމެއް ނުކޮށްދޭނަމޭ. އެބޭފުޅާއަށް އޮޕްޝަނެއް ނޫން އެއީ ކަންކަން ނުކޮށްދިނުމަކީ، އެބޭފުޅާ ޖެހޭނީ ކޮށްދެއްވަން. އަޅުގަނޑުމެން ހޮވީ ކޮށްދެއްވާށޭ. އެހެންވީމާ އެގޮތަށް ރައްޔިތުންނަށް ތުރެޓު ކުރާ ވެރިޔަކު ހުރުމަކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. ގާނޫނުގެ ވެރިކަން ހިންގައިދެއްވާ، އަޅުގަނޑުމެން ވެސް ހިންގާނީ އެގޮތަށް،" އޭނާ ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އޭނާއަކީ ޖަލުތަކަށް މީހުން ލައިގެން ގެންގުޅެން ބޭނުންވާ މީހެއް ނޫން ކަމަށާއި ހަމަ އެގޮތަށް ބުޅާތައް ވެސް ޖަލުތަކަށް ލައިގެން ގެންގުޅެން ބޭނުންނުވާ ކަމަށެވެ. އަދި ބުޅާތަކަށް ހަދާ ޕާކު ވެގެންދާނީ ޑޮކްޓަރުން ހާއްސަކުރެވި، އޯގާތެރިކަމާއެކު އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަ ތަނަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު