އަމީނީ މަގުގެ ހަދަމުންދާ ބައިގައި ތާރު އަޅަން ފަށާފައިވާ ކަމަށް އެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ އަމީނީމަގުގެ ފަހުބައި ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް ކަމަށާއި އޭބީސީ ފަށަލައިގެ މަސައްކަތް ނިންމައި، ބިޓުމެން ސްޕްރޭ ޖެހުމަށްފަހު ތާރު އެޅުމުގެ މަސައްކަތް މިރޭ ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން އަޕްރޭޑު ކުރާ ސްޓޯމް ވޯޓާ ޕަމްޕުތަކުގެ އައުޓް ފްލޯ ހޮޅި އެޅުމާއި ޑީ ވޯޓަރިން އައުޓް ފްލޯ ހޮޅި އެޅުމަށް ބޮޑުތަކުރުފާނު މަގުގެ ތާރު ކަނޑައިގެން ކުރަން ޖެހޭ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަމީނީ މަގު ހެދުމުގެ ފަހު ބައިގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ. މިދިޔަ އާދިއްތަ ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އާރުޑީސީން އެ މަސައްކަތް މެދުކަނޑައިލި ނަމަވެސް، ޖެހިގެން އައި ދުވަހު މަސައްކަތް އަލުން ވަނީ ފަށައިފައެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022 ގައެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

އެ މަސައްކަތުގެ ދަށުން މިހާރު ވަނީ ޕްލޭނިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައިގެން ތަރައްގީކޮށްފައެވެ.