ފަސް ތަރީގެ ފާހާނާތަކަކާއެކު މާލޭގެ މިސްކިތްތައް ސާފުތާހިރު ތަންތަނަށް ހައްދަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން މިރޭ ބޭއްވި މާލޭ މޭޔަރު ބަހުސްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އޭނާގެ މޭޔަރުކަމެއްގައި މިސްކިތްތަކުން ދުވާނީ މީރު ވަސް ކަމަށާއި އެކަމަށްޓަކައި މިސްކިތްތަކުގެ ފާހާނާތައް ވެސް ސާފުތާހިރު ތަންތަނަށް ހައްދަވައިދެއްވާނެ ކަމަށެވެ.

"މިސްކިތްތަކުގެ ފާހާނާތައް ފަސް ތަރީގެ ފާހާނާތަކަކަށް ބަދަލުކުރާނަން، އަޅުގަނޑުމެން ހަމަގައިމުވެސް ކުރަން ޖެހޭނެ ކަންތައް އެއީ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާ އިރު، މިސްކިތްތަކަށް އަޅައިނުލެވި، މިސްކިތްތައް މުޑުދާރުވެ، ހުރިހާ ފާހާނާތަކެއް ނަޖިސްވެދާ އިރު، އަޅައިނުލެވި މިތިބީ. އަޅުގަނޑުގެ މޭޔަރު ކަމެއްގައި އެންމެ އިސްކަމެއް ދޭނެ އެއް ކަމަކަށް ވާނީ މިސްކިތްތަކަކީ ފަސް ތަރީގެ ފާހާނާތަކަކާ އެއްކޮށް، ސާފުތާހިރުކޮށް އޮންނަ މިސްކިތްތަކަކަށް ހަދަން،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އޭނާގެ މޭޔަރުކަމެއްގައި ހަ މަސްދުވަހުގެ ތެރޭގައި ބުޅަލުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި ބުޅަލަށް ވެސް އޯގާތެރި މުޖުތަމައެއް ހޯދައިދޭނެ ކަމަށެވެ. އަދި ސަލާން ނުޖަހައި ސިޓީ ކައުންސިލުން ހިދުމަތް ލިބޭނެ ގޮތް ވެސް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މޭޔަރުކަމެއްގައި ވަލު ދޮރާށިން ވަދެގެން ހިދުމަތެއް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން. ޕާކިން ވިއްކުމާއި މިކަހަލަ ކަންތައްތައް އޮންނާނީ އުސޫލާއި ހަމަތަކުގެ ތެރެއިން، އެހެން ގޮތަކަށް ފުރުސަތެއް ނޯންނާނެ. އަޅުގަނޑުގެ މޭޔަރުކަމެއްގައި މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުން ކާނީ ކޮލިޓީ މަސް. ކޮލިޓީ ބެލިގެން މަސް ވިއްކޭނެ އިންތިޒާމު އަޅުގަނޑު ޕްރޮޕޯސްކޮށްފައިވާ މަސްމާރުކޭޓުގައި ހެދިގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މި މުޖުތުމައުން ގެއްލިފައިވާ ލޯތްބާއި ކުލުނާއި އޯގާތެރިކަން ގެނެސްދެއްވާނެ ކަމަށާއި ދޮގު ތުހުމަތުކޮށް، މީހުންގެ އަބުރު ކަތިލުމުގެ ސްޓައިލު ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އަދި ދޮޅު ގަޑިއިރުގެ ދަތުރެއް ކޮށްފައި ފުށިދިއްގަރުފަޅަށް މީހުން ގެންދިއުމުގެ ބަދަލުގައި ބުރިޖަކުން ގުޅާލާފައިވާ ހަތަރު އަވަށަށް ދެވޭނެކަމުގެ ޔަގީންކަން ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.