އަލަސްކާ އެއާލައިންސްގެ ބޮއިން 737 މެކްސް މަރުކާގެ ހުރިހާ ބޯޓުތައް ދުއްވުން މަނާކޮށްފިއެވެ.

އެމެރިކާގެ އަލަސްކާ އެއާލައިންސް އިން އެ އެއާލައިންގެ ހުރިހާ 737 މެކްސް ބޯޓުތައް ދުއްވުން މަނާކޮށްފައިވަނީ އެ މަރުކާގެ ފުލައިޓެއްގެ ސަބަބުން ހިނގި ހާދިސާއަކާ ގުޅިގެންނެވެ.

މިދިޔަ ހުކުރު ދުވަހު 177 ފަސިންޖަރުންނާއެކު ދަތުރު ފެށި އަލަސްކާ ފްލައިޓު ރަންވޭ އިން ނައްޓާލުމާއެކު ވަނީ ޕްރެޝަރު މަތިވެ، ފުލައިޓުގެ ކުޑަދޮރު ހިމެނޭ ޕެނަލެއް ފުލައިޓާ ވަކިވެފައެވެ. އެ ހާދިސާ ހިނގުމާއެކު އެ ފުލައިޓު ވަނީ އިމަޖެންސީގައި ޖައްސައިފައެވެ.

އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ ހާދިސާ ހިނގި ފަހުން 20 މިނެޓު ފުލައިޓު ދުއްވުމަށްފަހު، އިމަޖެންސީގައި ފްލައިޓު އަނބުރާ ޖެއްސީ ކަމަށް ބުނެފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އަލަސްކާ އެއާލައިންސް އިން ބުނީ ބޮއިން 737 މެކްސް މަރުކާގެ ހުރިހާ ފުލައިޓުތަކެއް ސާވިސް ކުރުމަށްފަހު ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.