ޕީއެންސީގެ ފަރާތުން މާލޭ ސިޓީ ކައުންސިލުގެ ބައި އިލެކްޝަންގައި ވާދަކުރާ ޓީމަކީ ހިދުމަތުގައި ބަލިކުރެވޭނެ ޓީމެއް ނޫން ކަމަށާއި ރައްޔިތުން ދެކެވާ ލޯތްބަށް ވެސް ޗެލެންޖު ނުކުރެވޭނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ހުޅުމާލޭ ފޭސް އެކެއްގައި ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ހުންނެވީ ވަރަށް ސާބިތުކަމާއި ހިތްވަރާއެކު ކަމަށާއި އިހުލާސްތެރިކަމާއި ރައްޔިތުންގެ ލޯތްބާއި ރައްޔިތުން ބޭނުންވާ ގޮތަށް ހިދުމަތްކުރުމުގައި ނަމޫނާ ދައްކަވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފުރުސަތު ލިބިއްޖެއްޔާ، އަޅުގަނޑުމެން ބަލިކުރުމަކީ ކުރެވިދާނެ ކަމެއް ނޫނޭ ހިދުމަތުގައި. އަޅުގަނޑުމެންގެ ހިދުމަތާއި އަޅުގަނޑުމެންގެ އިހުލާސްތެރިކަމާއި އަޅުގަނޑުމެން ރައްޔިތުން ދެކެވާ ލޯތްބަކީ ހަމަގައިމުވެސް ޗެލެންޖު ކުރެވޭނެ އެއްޗެއް ނޫނޭ. އެފަދަ ނަމޫނާއެއް އަޅުގަނޑުމެން ރައީސްގެ އަރިހުގައި މިތިބި ޓީމުން ތިބޭފުޅުންނަށް ދައްކާނަމޭ،" އޭނާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ޕީއެންސީން ނުކުމެ ތިބީ ވަރަށް އަޒުމާއި ހިތްވަރާ އެކުގައި ރައްޔިތުންގެ ހިދުމަތުގައި ނުކުމެ ތިބި ޓީމެއް ކަމަށާއި އެއީ ރައީސް މުއިއްޒުގެ ވިޝަން ކާމިޔާބުކުރުމަށްޓަކައި ތަފާތެއް ދައްކަން ނުކުމެ ތިބި ޓީމެއް ކަމަށެވެ.

"ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް މި ފުރުސަތު ދެއްވާށޭ، އަޅުގަނޑުމެން ރައީސްގެ ވިޝަން ކާމިޔާބުކުރުމުގައި ރައީސްގެ ކެބިނެޓާއި ރައީސްގެ އަރިހުގައި ދިވެހި ރައްޔިތުންނަށް ތަފާތެއް ދައްކާނަމޭ. ދިވެހި ރައްޔިތުންނަށް ހިދުމަތްތެރި ބަޔަކު ގައުމާ ހަވާލުވީމަ އަންނަ ތަފާތު އަޅުގަނޑުމެން ތިބޭފުޅުންނަށް ކަނޑައެޅިގެން ދައްކާނަމޭ،" އޭނާ ވިދާޅުވިއެވެ.

މިއަދު ބާއްވާ އާޒިމާގެ ކެމްޕޭން ބައްދަލުވުންތަކުގައި ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މިއަދު މިހާތަނަށް ހުޅުމާލެ ފޭސް އެކަކާއި ވިލިމާލޭގައި ކެމްޕޭން ބައްދަލުވުންތައް ބާއްވާފައިވާ އިރު، މިއަދު ހަވީރު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައެވެ.