އިދިކޮޅުން ހަދަނީ ހުސް ދޮގު ކަމަށާއި އެފަދަ ބޭފުޅުން މާލޭގެ މޭޔަރުކަމަށް ހޮވައިގެން ތަރައްގީ ދާނީ ފަހަތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިދިކޮޅުން މަސައްކަތްކުރަނީ ބިރުވެރިކަން ހިތަށް ވައްދައިގެން ކަންކަން ކުރުމަށް ކަމަށެވެ.
"ކޮންމެ ކަމެއްގައި އިދިކޮޅު ފަރާތްތަކުން ހިޔާރުކުރަނީ ދޮގު ހެދުން. ހަމަ ހުސް މި ކިޔާ ބުހުތާނު ދޮގު، ހުސް ދޮގު. ކިޔަނީ އަޅުގަނޑުމެން ހުރިހާ ގަހެއް ކަނޑާފައޭ މަގު ހަދާނީ، ވިލިމާލޭގެ ފެހިކަން ގެއްލޭ ކަމެއް ކުރުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އަމުދުން މަގު ހަދާ އިރު، މަގުމަތީގައި ހުންނަ ގަސްތައް ނެގުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހައުސިން ޕްރޮޖެކްޓެއް ހިންގާ އިރު، ޕްލޮޓެއްގެ ތެރޭގައި ހުންނަ ގަސްތައް ކޮންމެވެސް ވަރަކަށް ނަގަން ޖެހޭނެކަން ގަބޫލުކުރަންވާނެ ކަމަށާއި ނަމަވެސް އީއައިއޭ ހަދައި ކޮމިއުނިޓީ ކޮންސަލްޓޭޝަން ކުރިއަށްގޮސް، އެއިން ގަހެއް އެ އޮންނަ އުސޫލަކުން އެހެން ތަނަކަށް ބަދަލުކުރަންޏާ ބަދަލުކޮށް، އަދި އެއް ގަހުގެ ބަދަލުގައި އެތައް ގަހެއް އިތުރަށް ޖަހައިދެވޭނެ ކަމަށެވެ.
"އަޅުގަނޑު އޮންނާނީ އިއުލާންކޮށްފައި މުޅި ދުނިޔެއަށް ކޮޕް28 ގައި ރާއްޖޭގެ 50 މިލިއަން ގަހުގެ ޕްރޮގްރާމެއް ހިންގާނަމޭ. އެހެންވީމާ މި ކަހަލަ ބިރުވެރިކަން ހިތަށް ވައްދަން އުޅުނީމާ ކަމަކު ނުދޭ. އެކަހަލަ ޕާޓީތަކުގެ ބޭފުޅުން މޭޔަރުކަމާއި ކައުންސިލަރުކަމަށް ހޮވީމާ ރައްޔިތުންނަށް ވާނީ ފައިދާއެއް ނޫން. އަނެއްކާ ތަރައްގީ ފަހަތަށް ހިފަން އުޅޭނީ. އެހެންވިޔަ ނުދެއްވާތި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރައްޔިތުންނަށް ލިބޭ ހިސާބުގައި އޮއްވައި، މޭޔަރަކަށް އެހެން ފިކުރެއްގެ، އެހެން ޕާޓީއެއްގެ މޭޔަރަކު ހޮވައިފިއްޔާ، އެބޭފުޅަކު އެ ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭނގޭނެ ކަމަށާއި އެ މަންޒަރު ރައްޔިތުންގެ މަޖިލިސް ތެރެއިން ފެންނަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު