މާލޭއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާދަމް އާޒިމް، ވިލިމާލޭގެ 100 އަށްވުރެ ގިނަ ގެއަށް ވަޑައިގެން، ރައްޔިތުންގެ ހާލަތު ބައްލަވައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އާޒިމް އާއެކު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އެމްޑީޕީގެ ލީޑާޝިޕުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޑޯޓުޑޯ ހަރަކާތުގެ ތެރެއިން އާޒިމް ވަނީ ވިލިމާލޭގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ މީހުންނާވެސް ބައްދަލުކުރައްވައިފައެވެ.

އާޒިމް ވިދާޅުވީ ވިލިމާލެއަކީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ރަށެއް ކަމަށާއި ވިލިމާލޭގެ މީހުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށެވެ. އެހެންކަމުން އޭނާގެ އަމާޒަކީ ވިލިމާލެއަކީ މީހުން ޝައުގުވެރިވާ އަދި ހިތްފަސޭހަ ރަށަކަށް ހެދުން ކަމަށް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގެ މުނިސިޕަލް ހިދުމަތްތައް ރަނގަޅުވެއްޖެ ކަމަށް ގަބޫލުކުރައްވާނީ ވިލިމާލެ ބާކީނުކޮށް އެ ރަށުގައިވެސް ވަސީލަތްތައް ތަރައްގީކޮށް، ހިދުމަތް ފޯރުކޮށްދެވެން ފެށުމުން ކަމަށް އާޒިމް ވިދާޅުވިއެވެ.