ޖަޕާން އެއާލައިންސްގެ ފުލައިޓުން މީހުން ހުސްކުރުމުގައި ކުރޫއިންގެ މަސައްކަތަށް އެންމެން ތައުރީފުކުރަން ފަށައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު 379 ފަސިންޖަރުންނާއެކު ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ހަނީޑާ އެއާޕޯޓަށް ޖައްސަނިކޮށް އެ ގައުމުގެ ޖަޕާން އެއާލައިންސްގެ ފްލައިޓު ވަނީ ރަންވޭގައި އޮތް ރެސްކިއު ފުލައިޓަކާ މުޑި އަރައިފައެވެ.
އެ ހާދިސާ ހިނގުމާއެކު އެ ފުލައިޓު ރަންވޭއަށް މަޑުޖެހި، އޭގެން ދަތުރުކުރި މީހުން ރައްކާތެރިކަމާއެކު ފުލައިޓުން ބޭލުމަށް ތައްޔާރުކޮށްފައި އޮންނަ އެސްއޯޕީ (ސްޓޭންޑެޑް އޮފް ޕްރޮސީޖާސް)ގައި އޮތްގޮތަށް އެ އެއާލައިންގެ ކުރޫއިން ވަނީ އަމަލުކޮށްފައެވެ.
ފުލައިޓުގައި އަލިފާން ރޯވިކަން ކެޕްޓަަނަށް އިޝާރާތްކޮށްފައިވަނީ ވެސް ކުރޫއިން ކަމަށް އެ އެއާލައިންގެ ތަރުޖަމާނު ވަނީ ބުނެފައެވެ.
ފުލައިޓު ރަންވޭއަށް ޖެއްސުމާއެކު ޕައިލެޓަށް ކަމެއް ގޯސްވެއްޖެކަން އެނގުނު ކަމަށާއި އޭނާއަށް ފުލައިޓުގެ ކޮންޓްރޯލު ގެއްލި ރަންވޭގެ އަރިމަތީގައި ފުލައިޓު މަޑުޖެހުނު ކަމަށް ތަރުޖަމާނު ވަނީ ފާހަގަކޮށްފައެވެ.
ހާދިސާ ހިނގުމާއެކު މީހުން ހުސްކުރުމުގެ މަސައްކަތަށް ފުރަތަމަވެސް ހުރަސް އެޅުނީ ފްލައިޓުގެ ސައުންޑް ސިސްޓަމް ފެއިލްވުމެވެ. ނަމަވެސް މެގަފޯނުގެ އިތުރުން ވާހަކަދައްކައިގެން ފަސެންޖަރުންނަށް ވަނީ އިރުޝާދު ދީފައެވެ.
ކުރޫއިން ވަނީ އަލިފާން ރޯވި ކަމާއި އެއްވެސް ފަސެންޖަރެއް ނުތެދުވުމަށް އިރުޝާދު ދީފައެވެ. އަދި ކުރޫއިންގެ އިރުޝާދާ އެއްގޮތަށް ފުލައިޓުން މީހުން ހުސްކުރުމުގެ މަސައްކަތް ފެށި ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި ފްލައިޓުން މީހުން ހުސްކުރުމަށް 18 މިނެޓު ހޭދަވިއެވެ. އަދި މީހުން ހުސްކުރުމުގައި ކުރޫއިންގެ މަސައްކަތް ފާހަގަކޮށް އެކަމުގައި ބޭނުންކުރި އުކުޅުތަކަށް ގިނަބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ