މާދަމާއިން ފެށިގެން ބިދޭސީންނަށް ވޯކް ޕާމިޓް ދޫކުރާނީ މެޑިކަލް ރިޕޯޓު ހުށަހެޅުމުން ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީން، ރާއްޖެ އައުމަށްފަހު ވޯކް ޕާމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭ ވާކް ޕާމިޓް މެޑިކަލް ހެއްދުމުގައި ވަޒީފާ ދޭ ފަރާތްތަކަށް ދިމާވާ ދަތިތަކުގެ ސަބަބުން ވޯކް ޕާމިޓް ހެދުމަށް ބޭނުންވާ މެޑިކަލްއާ ނުލައި ވޯކް ޕާމިޓް ދޫކޮށްފައިވާ ކަމަށެވެ.
"ނަމަވެސް، 2024 ޖަނަވަރީ 04 ވަނަ ދުވަހުން ފެށިގެން ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ވޯކް ޕާމިޓް ދޫކުރެވޭނީ އަދި ވޯކް ޕާމިޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕާމިޓްގެ މުއްދަތު އިތުރުކުރުމަށް ވާކް ޕާމިޓް ފީ ދެއްކޭނީ، މި މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ވާކް ޕާމިޓް މެޑިކަލް ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ ވާކް ޕާމިޓް މެޑިކަލް ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން،" އިއުލާނުގައިވެއެވެ.
މިނިސްޓްރީން ބުނީ ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި ވޯކް ޕާމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި މި ވަގުތު ވޯކް ޕާމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރިނަމަ، އެ ފަރާތަކަށް ވޯކް ޕާމިޓްގެ މުއްދަތު އިތުރުކޮށް، ރާއްޖެ އެތެރެވެވޭނީ ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި، އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެން ކަމަށްވެސް ބުންޏެވެ.
އެގޮތަށް ރާއްޖެއިން ބޭރުން ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި، ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެން ޖެހޭނެ ކަމަށާއި އޭގެ އިތުރުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވޯކް ޕާމިޓަށް ބޭނުންވާ މެޑިކަލްއާ ނުލައި ވޯކް ޕާމިޓް ދޫކޮށްފައިވާ ބިދޭސީންގެ މެޑިކަލް ރިޕޯޓް، މި އަހަރުގެ ޖުލައި ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ، އެ މުއްދަތުގައި މެޑިކަލް ހުށަނާޅައި ފަރާތްތަކަށް "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ފަހުން ރާއްޖެއިން ފުރައިގެންދާ ބިދޭސީންގެ ވޯކް ޕާމިޓް ކެންސަލް ކުރެވޭނީ، ވޯކް ޕާމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދީފައިވާ މުއްދަތު ހަމަނުވާ ކަމަށްވާ ނަމަ ކަމަށް ބުންޏެވެ.
އެ މުއްދަތު ހަމަވެފައިވާ ނަމަ، ވޯކް ޕާމިޓް މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް، "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު"ގެ 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު