މިދިޔަ ފަސް އަހަރު ތެރޭގައި މާލެ ސަރަހައްދަށް އެކަނި 42،000 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެއަށް ވެހިކަލް ގިނަވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އަމީން ވިދާޅުވީ، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި 69،000 އަށްވުރެ ގިނަ ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރެއިން 42،000 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވަނީ ވެރިރަށް މާލެއަށް ކަމަށެވެ.

އެ އަދަދަށް މާލެއަށް ވެހިކަލް އެތެރެވަމުންދާ ނަމަ ކޮންޓްރޯލުން ނެއްޓި ނުހިފޭއްޓޭ ވަރަށް ކަންތައް ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނުން ބޭރުން އެފަދަ ކަންކަން ހިނގާފައިވާކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، ގާނޫނުގެ ތެރެއިން ކަންކަން ކުރި އެ ހިސާބަށް ނުދާނެ ކަމަށެވެ. އެހެންކަމުން ގާނޫނަށް ބަދަލެއް ނުގެނެސް، މިނިސްޓްރީއަށް ލިބޭ ބާރުގެ ދަށުން ބައެއް ހާލަތްތަކުގައި ރަޖިސްޓްރީ ކޮށްދިނުން މަޑުޖައްސައިލުމުން ނަތީޖާ ފެންނަ ކަމަށް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ވެހިކަލްތައް މަދުކުރުމަށްޓަކައި އެކިއެކި މުއައްސަސާތަކާ ގުޅިގެން ފަންނީ މަސައްކަތްތަކެއް ކުރަައްވަމުން ގެންދަަވާ ކަމަށެވެ. އޭގެ ތެެރެއިން މާލެ އޭރިއާގެ ޓްރެފިކް މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން މާދަމާ ބަޔަކާއެކު ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ޓްރެފިކް މައްސަލަތައް ހައްލުކޮށްފައިވާ ސިންގަޕޫރު ނުވަތަ ދުބާއީ ފަދަ ގައުމަކުން ތަޖުރިބާ ކާރުން ރާއްޖެ ގެނެސް ދިނުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ދަންނަވާފައިވާނެ ކަމަށާއި އެ ތަޖުރިބާކާރުންގެ ލަފަޔާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.