ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށިލުމުގެ މަޝްރޫއުގެ ދަށުން، ޖެޓީ ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ޖެޓީ ކޮލަމް ހަރުކުރުމަށްޓަކައި ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 13,216 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ބަނދަރު ފުންކުރުމާއި 17,450 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 183 މީޓަރުގެ ބޭރުތޮށި ލުމާއި 188 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 4.5 މީޓަރު ދިގު 244 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުންވެސް މަނަދޫ ބަދަރުގެ 244 މީޓަރުގެ ޖެޓީއެއް ހެދުމާއި 105 މީޓަރު ދިގު ފަސް މީޓަރު ފުޅާ ސައުތް ސައިޑް ކޮންކްރީޓް ޖެޓީއެއް ހެދުމާއި 10 މީޓަރު ދިގު 10 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 36.94 މިލިއަން ރުފިޔާއެވެ.