ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދީ ހިފަހައްޓައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން، ރައްޔިތުންގެ މަޖިލީހުގެ ނަން ހަޑިކޮށްލައިފައި ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ހެންވޭރުގައި ރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގަމާށާއި މެމްބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ، ކެބިނެޓަށް ރުހުން ނުދީ ހިފަހައްޓާފައިވަނީ ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

"އެއްވެސް ސަރުކާރަކުން އެއްވެސް މަޖިލީހަކުން އެއްވެސް އިރެއްގައި އަޅުގަނޑުމެންގެ ވަޒީރުންނަށް، ދައުލަތުގެ ވަޒީރުންނަށް، ފުރަތަމަ ފަހަރަށް ރުހުން ނުދީ ހިފަހައްޓާފައެއް ނެތް. ދިވެހި ރައްޔިތުންގެ ކުރިމަތީ ތާރީހުގެ ތެރޭގައި އެބޭފުޅުންގެ ނަން އެ ހަޑިކޮށްލީ" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެހެންކަމުން މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓު ދޭއިރު ވިސްނަން ވާނީ ސަރުކާރާ ދެކޮޅު ވިސްނުން ހުރި ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ކަމަށެވެ. ސަރުކާރާ ދެކޮޅު ކެންޑިޑޭޓަކަށް ވޯޓުލައިފިނަމަ، އެއީ ތަރައްގީގެ ފިޔަވަޅު ފަހަތަށް އެޅުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު، އެ މަނިކުފާނުގެ ތަރައްގީގެ ތަސައްވަރާ އެއްގޮތަށް ކުރިއަށްދާނެ ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މާލޭގެ ރައްޔިތުން، ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުން އެ ފަހަރު ކޮމިޓީއަށް ފޮނުވުމުން، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ވަޒީރުންގެ ހަމަވާ ކަމަށް ކަނޑައަޅައި، މަޖިލިސް ތަޅުމުގައި ވަކިވަކިން ވޯޓަށް އަހަން ކޮމިޓީން ފާސްކޮށް އެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ. އެއީ މި ހިނގާ ޑިސެމްބަރު 10 ގައެވެ.

އެ މައްސަލަ މަޖިލިސް ތަޅުމަށް އެޖެންޑާ ކުރި ނަމަވެސް މިނިސްޓަރުން ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓްރީތަކުގެ ދާއިރާގައި ހިމެނޭ މަަސައްކަތްތައް މަޖިލީހުން ފާސްކުރަން ހުށަހަަޅާފައި ނުވާތީ އާއި ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ކޮމިޓީން ފާސްކޮށް އެ ރިޕޯޓުގައި ހިމަނާފައިނުވާތީ، އެއީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް މެންބަރުން ފާހަގަކުރެއްވުމުން، އެކަމަށް ގޮތްތަކެއް ކަނޑައެޅުމަށް މި މަހު 18 ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު އަސްލަމް އެ ރިޕޯޓު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިޔަ އިރުވެސް ކޮމިޓީގެ ކޯރަމް ހަމަނުވެގެން ގޮތެއް ނުނިމި އެ މައްސަލަ އޮތީ ކޮމިޓީގައެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ކޮމިޓީ ބައްދަލުވުމެއް ބާއްވައި ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ކޮމިޓީން ފާސްކޮށް، މައްސަލަ ތަޅުމަށް ފޮނުވައިފައެވެ.