މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓުކޮށްފައިވާ މީހުންނަށް މި ހަފުތާއާއި އަންނަ ހަފުތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރެއްވުމަށް އެ މަނިކުފާނު ވެވަޑައިގެން ވައުދުފުޅާ އެއްގޮތަށް ކަންކަން ކުރިއަށްދާނެ ކަމަށެވެ. މި ހަފުތާއާއި އަންނަ ހަފުތާތެރޭގައި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ނިންމުމަށް ހައުސިން މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ގޯތި ދެވިފައިވާ ބައެއް ތަންތަނަކީ ނުހިއްކައި ހުރި ތަންތަން ކަމުން، އެ ތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަންވެސް ފާހަގަ ކޮށްލަން. އަދި ގުޅިފަޅާއި ގިރާވަރުފަޅުން އިތުރު ބިން ހިއްކުމަށްވެސް ތައްޔާރު ވަމުންދާކަން ދަންނަވާލަން" ރައީސް ވިދާޅުވިއެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުންވެސް ކޮށްފައިވާއިރު، ސަރުކާރު ބަދަލުވި އިރު އެންމެނަށް ރަޖިސްޓްރީ ހަވާލުކުރެވިފައެއް ނުވެއެވެ. ސަރުކާރު ބަދަލުވުމުން ބާކީ ތިބި މީހުންނަށް ރަޖިސްޓްރީ ދޭނެ ކަމަށް ސުވާލު އުފެދިފައިވަނިކޮށް ރައީސް މުއިއްޒު ވަނީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައި ހިމެނި، ގެޒެޓުކޮށްފައިވާ އެންމެނަށްވެސް ރަޖިސްޓްރީ ލިބޭނެ ކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންފައެވެ.

ހައުސިން މިނިސްޓަރު އަލި ހައިދަރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ގޯތި ލިބުނު ތަން ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ގޯތިތައް މި ސަރުކާރުން ތަރައްގީކުރަމުގެ މަސައްކަތް ފަށައިފައިވާ ރަސްމާލެއަށް ބަދަލުކުރަން އުޅޭކަމަށް ވާހަކަ ދެކެވުނު ނަމަވެސް ރައީސް މުއިއްޒު ވަނީ އެކަން ދޮގުކުރައްވައި، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.