ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
ނަހުލާ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ދެކުނު ދާއިރާގެ ހުރިހާ ރައްޔިތުންގެ ތާއީދު އޭނާއަށް ދެއްވުމަށް އެދޭ ކަމަށެވެ.
"2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑު އައިޝަތު ނަހުލާ (އައިޝާ) ކުރިމަތިލުމަށް ނިންމައިފީމެވެ،" ނަހުލާ ވިދާޅުވިއެވެ.
ނަހުލާއަކީ ނިމިދިޔަ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރެވެ. އަދި އޭނާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ ގާސިމް އިބްރާހީމްގެ އަނބިކަނބަލުންނެވެ.
ޖުމްހޫރީ ޕާޓީގެ ނައިބުގެ މަގާމަށް ނަހުލާ އިންތިހާބުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންގްރެސްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު