ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ޖަލުތަކުގައި ތިބި ލަންކާގެ 44 މީހަކު މިނިވަންކޮށްފިއެވެ.

އެ މީހުން މިނިވަންކޮށްފައި މިވަނީ ޔޫއޭއީގެ 52 ވަނަ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެންނެވެ.

އޭގެ ކުރީން އެކަމާ ގުޅޭ ގޮތުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ޔޫއޭއީގެ ސަރުކާރާއެކު މަޝްވަރާ ކުރައްވައިފައެވެ. އެ މަޝްވަރާތައް ކުރެއްވީ ދުބާއީގައި ބޭއްވި ކޮޕް28 ބައްދަލުވުމުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ޔޫއޭއީ ސަރުކާރުން މިނިވަންކުރި ލަންކާ މީހުން ގައުމަށް ގެންދިއުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަނީވެސް ޔޫއޭއީ ސަރުކާރުންނެވެ. އަދި އެ މަސައްކަތް ޔޫއޭއީގައި ހުންނަ ލަންކާ އެމްބަސީއާއި ޔޫއޭއީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.