ނިމިދިޔަ ސަރުކާރުން ބައެއް ރަށްތައް ނުއަގުގައި ދޫކޮށްފައި އެބަ ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވިޒިޓާސް އިކޮނޮމިކް ކައުންސިލުން މިދިޔަ ސަރުކާރުން ދޫކޮށްފައި ހުރި ރަށްތަކާ ގުޅޭ ގޮތުން އަމަލުކުރާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި ގޮތެއް ނިންމަވާފައިވާ ކަމަށެވެ.

"...ބައެއް ރަށްތައް އެބަހުރި ވަރަށް ނުއަގުގައިވެސް މިކަހަލަ ގޮތަކަށްވެސް ދޫކޮށްފައި، އެކަމާވެސް އަޅުގަނޑުމެން މިހާރު ވަނީ ގޮތްތަކެއް ނިންމި ކުރިއަށް ދެވޭނެ މަގު ފަހުކޮށްދީފައިވަނީ އިކޮނޮމިކް ކައުންސިލުން" އިތުރު ތަފުސީލަކަށް ވަޑައިނުގެން ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރިސޯޓް ހެދުމަށް ދޫކޮށްފައިވާ 63 ރަށެއް މިހާތަނަށްވެސް ނުހެދި އެބަ އޮތް ކަމަށާއި އޭގެ ތެރެއިން ބައެއް ރަށްރަށަކީ ދޫކޮށްފައި އޮންނަތާ 20 ނުވަތަ 15 އަހަރު ވެފައިވާ ރަށްތައް ކަމަށެވެ. އެ ރިސޯޓްތައް ނުހެދި އޮތް ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް އެއީ މިހެން ނުހެދި ހުރި ދުވަސްވެފައި ހުރި ރަށްތައް މި ފަސް އަހަރު ދުވަސް ތެރޭގައި އޭގެ 30-40 ނުވަތަ 50 ޕަސަންޓު ރަށްތައް މާކެޓަށް ނެރުން. އެ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައި ދީގެން އިރާދަކުރެއްވިއްޔާ ވަރަށް ބާރު ސްޕީޑުގައި އެ މަސައްކަތް އަޅުގަނޑު ކުރިއަށް ގެންދާނަން،" ފައިސަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަންނަ އަހަރު 12 ނުވަތަ 15 ރިސޯޓު އަލަށް ހުޅުވުމަކީވެސް އަމާޒެއް ކަމަށާއި އެ އަމާޒު ވާސިލުވެއްޖެ ނަމަ 1،000 އެނދު އިތުރުކުރެވޭނެ ކަމަށެވެ.