އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިހާރު ހުރި މާކެޓުތައް އިތުރަށް ފުޅާކުރުމަށާއި އިތުރު މާކެޓުތައް ހޯދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އަންނަ އަހަރަށް ކަނޑައަޅާފައިވާ ދެ މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވުމަށް އާ މާކެޓުތައް ހޯދުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރާ އެމްއެމްޕީއާރްސީގެ ބަޖެޓު އިތުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އިތުރު މާކެޓުތަކަށް ރާއްޖެ އިސްތިހާރު ކުރެވޭނީ ބަޖެޓު އިތުރުކޮށްގެން ކަމަށެވެ.

ފައިސަލް ވިދާޅުވީ، ޔޫކްރޭންއާއި ރަޝިއާގެ ހަނގުރާމައާއި އިޒްރޭލުން ގާޒާއާ ދެމުންދާ ހަމަލާތަކާ ގުޅިގެން ފަތުރުވެރިން އިތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން އެ ހަނގުރާމަތަކާ ގުޅިގެން ގިނަ ބަޔަކު ދަތުރު ކުރުމާމެދު ދެ ފިކުރެއްގައި ތިބި ކަމަށާއި އޭގެ ސަބަބުންވެސް މާކެޓިން ވަރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރެވޭ މަސައްކަތުގައި ދެ މިލިއަނަށްވުރެ އިތުރުވުމަކީވެސް ވަރަށް ގާތްކަމެއް. އެއީ ޓްރެވެލް ކުރުން މި ދަނީ ހަމަ އިތުރުވަމުން." ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ހާލަތުގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމު ކަމަށާއި ކޮވިޑުގެ ފަހުން އެ ގައުމުގެ ފިވަޔަޅުތަކާއެކު ރާއްޖެއަށް ޗައިނާ ފަތުރުވެރިން އަންނަ މިންވަރު ދަށްވި ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާ ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާނެ ކަމަށާއި އޭގެ ސަބަބުން ޗައިނާގެ ފަތުރުވެރިން އިތުރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.