ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށް އެ މައްސަލަ އަނެއްްކާވެސް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.

ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުން އެ ފަހަރު ކޮމިޓީއަށް ފޮނުވުމުން، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ވަޒީރުންގެ ހަމަވާ ކަމަށް ކަނޑައަޅައި، މަޖިލިސް ތަޅުމުގައި ވަކިވަކިން ވޯޓަށް އަހަން ކޮމިޓީން ފާސްކޮށް އެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ. އެއީ މި ހިނގާ ޑިސެމްބަރު 10 ގައެވެ.

އެ މައްސަލަ މަޖިލިސް ތަޅުމަށް އެޖެންޑާ ކުރި ނަމަވެސް މިނިސްޓަރުން ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓްރީތަކުގެ ދާއިރާގައި ހިމެނޭ މަަސައްކަތްތައް މަޖިލީހުން ފާސްކުރަން ހުށަހަަޅާފައި ނުވާތީ އާއި ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ކޮމިޓީން ފާސްކޮށް އެ ރިޕޯޓުގައި ހިމަނާފައިނުވާތީ، އެއީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް މެންބަރުން ފާހަގަކުރެއްވުމުން، އެކަމަށް ގޮތްތަކެއް ކަނޑައެޅުމަށް މި މަހު 18 ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު އަސްލަމް އެ ރިޕޯޓު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިޔައިރުވެސް ކޮމިޓީގެ ކޯރަމް ހަމަނުވެގެން ގޮތެއް ނުނިމި އެ މައްސަލަ އޮތީ ކޮމިޓީގައެވެ.

ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވީ ކޮމިޓީއަށް ފޮނުވި ރިޕޯޓުގައި ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ކޮމިޓީން ފާސްކުރަން ހިމެނުމަށެވެ. ތާއީދު ކުރެއްވީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހިތަދޫމެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ.

އެގޮތަށް 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން މިއަދު ފާސްކުރީ ފަސް މެންބަރުން ވޯޓު ދެެއްވައިގެންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަތަރު މެންބަރަކު ތިއްބެވިއެވެ.