މާވެޔޮ މިސްކިތް ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު އެތަނުން ނަގައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ތަކުލީފަކަށްވި ޓްރާންސްޕޯމަރު ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަނުން ނަގާފައި ކަމަށެވެ. އާ އަހަރުން ފެށިގެން އެއްވެސް ހުރަހެއް ނެތި ރައްޔިތުންނަށް އެ މަގުން ދަތުރު ކުރެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

"ރައްޔިތުންނަށް ތަކުލީފަކަށްވި ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މިވަނީ މަގުމަތިން ނަގާފައި،" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަހުމީ އައްޔަން ކުރެއްވުމާއެކު، އޭނާ ވަނީ މާވެޔޮ މިސްކިތް ކައިރީގައި ހުންނަ އެ ކުންފުނީގެ ޓްރާންސްފޯމަރު އެތަނުން ނެގުމުގެ މަސައްކަތް ފަށައިފައެވެ.

އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި އެ މަގު ބޭނުންކުރާ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ ޓްރާންސްފޯމަރެކެވެ. ފަހުމީ ވަނީ އެ ޓްރާންސްފޯމަރާ ހެދި ވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިވަޑައިގެންފައެވެ.

މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެ ތަނުގައި ބަހައްޓާފައި ހުންނަތާ ހަ އަހަރެއްހާ ދުވަސް ވެއްޖެއެވެ.