ސަރުކާރުން ތަރައްގީކުރަމުގެ މަސައްކަތް ފަށައިފައިވާ ރަސްމާލެއަށް، ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ބަދަލުކުރަން އުޅޭ ވާހަކައަކީ ދޮގެއް ކަމަށާއި އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީން ދަރުބާރުގޭގައި ރޭ ބޭއްވި "ފެށުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިންމީ ގެދުރުވެރިކަން ކަމަށާއި އެ މަނިކުފާނަކީ ވޯޓެއް ބޯމަތިވުމުން ޖައްރާފާ ގެންގޮސް ބިން ހިއްކާ މީހަކަށް ވާން ބޭނުންނުވާ ކަމަށެވެ. ރައްޔިތުންނަށް ދިމާވެފައިވާ ގެދުރުވެރިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދޭން ބެނުންވަނީ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ކަމެއް ކޮށްދެވިފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން، އެ ބޭފުޅުން ވެރިކަމުން ދުރުކޮށް، މި ސަރުކާރަށް ފުރުސަތު ދިނީ އެހެންވެގެން ކަމަށާއި އެކަން ގަބޫލުކުރުމުގެ ބަދަލުގައި އެމްޑީޕީން މިހާރު މަސައްކަތް ކުރަމުންދަނީ ކަންކަން އޮޅުވާލަން ކަމަށް ރައީސް ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުން އިއުލާނުކުރި ފައިނަލް ލިސްޓުގައި ހިމެނޭ ބައެއް ގޯތިތައް ލިބުނު ފަރާތްތަކުގެ ގޯތިތައް އެއީ ގިރާވަރުފަޅު ހާއްސަކޮށް ދެން ގުޅިފަޅު އަދި ހުޅުމާލެ، މި ތަންތަނުން ގޯތި ލިބުނު މީހުންގެ ގޯތިތަށް ނަގާފައި އަޅުގަނޑުމެން ނިންމާފިއޭ ރަސްމާލެއަށް ބަދަލުކުރަން. މިއީ ހެދި ދޮގު. އެއްވެސް ވަރަކަށް އަޅުގަނޑުމެން ނިންމި ކަމެއް ނޫން އަދި މަޝްވަރާ ވެސް ކުރި ކަމެއް ނޫން އަދި ކުރާނެ ކަމެއް ވެސް ނޫން އެއީ،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީން އެ ހެދި ދޮގުތައް ގަބޫލުކޮށް، އުސްފަސްގަނޑުގައި ބައެއް މީހުން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެބަތިބި ކަމަށާއި އެއީ ފަހަރެއްގައި އެމްޑީޕީން ފޮނުވި ބައެއް ކަމަށް ވެސް ވެދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ ގިރާވަރުފަޅުން ގޯތި ލިބުނު ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އޮޅުވާލާއިރު ވެސް ޒައްރެއްގެ މިންވަރު ވެސް ތެދެއް ނެތް މިންވަރަށް ދޮގު ހަދައިގެން، ދޮގުގެ މައްޗަށް ދޮގު، އެއަށް ކިޔަނީ ބުހުތާނު ދޮގުކަން ނޭނގެ. ދޮގު ހެދުމަކީ ކޮން ގޮތަކުން ރައްޔިތުން ބަލައިގަންނާނެ ކަމެއް ބާއޭ އަޅުގަނޑު ހިތަށް އަރަނީ. އެކަމަކު ދެރަކަމަކީ އިންސާނީ ތޮބީއަތަކީ އެކަހަލަ ބުހުތާނު ދޮގު ތަކުރާރުކޮށް އިވެންފެށީމާ ގަބޫލުކުރެވޭތަން އަންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތުތައް ހުރީ ދުވާލާއި ރޭގަނޑުހެން ސާފުކޮށް ކަމަށެވެ. އެކަމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށާއި އެ މަނިކުފާނަކީ ބަހާއި އަމަލާ ދިމާވާނެ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު