ހުސްވި 2023 ވަނަ އަހަރަކީ ގުދުރަތީ ކާރިސާތައް ގިނަ އަހަރެކެވެ. ވަރުގަދަ ބިންހެލުންތަކާއި ބިރުވެރި ތޫފާންތަކެވެ. ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާތަކާއި ހަނަފަސްކަން ބޮޑުވުމާއި ހޫނުގަދަވުމުގެ ސަބަބުން ޖަންގަލިތަކުގައި އަލިފާންރޯވެ އެނދުންފަދަ ހާދިސާތަކެވެ. މިކަންކަމުގަައި މަރުވި މީހުންނާއި އިގްތިސާދީގޮތުން ލިބުނު ގެއްލުންތައް ބަލައި ވިޔަކޮށް ދިރާސާކޮށްފައި ތަޖުރިބާކާރުން ބުނަނީ 2023 ވަނަ އަހަރަކީ ކާރިސާތަކުގެ އަހަރެއް ކަމުގައެވެ. އެހެން ބުނަންޖެހޭ ސަބަބަކީ ކާރިސާތަކުގެ ދޭތެރެ އަވަސްވެފައި ގިނަވުމާއި ޖުމްލަގޮތެއްގައި ގެއްލުމުގެ މިންވަރު މަތިކަމުންނެވެ. މިގޮތަށް ބަލާއިރު ފާއިތުވި ފަނަރަ އަހަރުގެ ތެރެއިން އެންމެ ގެއްލުން ބޮޑު އަހަރަކީ 2023 އެވެ. ހަމައެކަނި ބިންހެލުންތަކުގެ އަދަދާއި އެ ހެލުންތަކުގައި މަރުވި މީހުންނަށް ބެލީމާވެސް މިކަން މޭރުންވެގެންދެއެވެ. ފެންބޮޑުވުންތަކުގައި މަރުވި މީހުންގެ އަދަދުންވެސް އެކަން ސާފުވެއެވެ. ފެންބޮޑުވުމުގެ އެންމެ ބިރުވެރި ހާދިސާއެއް ތަމްސީލުވީ ލީބިޔާގައެވެ.

ހުސްވި 2023 ވަނަ އަހަރުގެ ބިންހެލުންތަކުގައި އެކަނިވެސް ދުނިޔޭގެ އެކި ހިސާބުތަކުން 65 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެތެރެއިން 59 ހާސް މީހުން މަރުވެފައިވަނީ ތުރުކީއާއި ސީރިޔާއަށް ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ހެލުމެެެއްގައެވެ. މި ހެލުމަށް އިރުކޮޅެއްފަހުން އެޔާ ގާތްކުރާ ބާރުމިނުގައި އިތުރު ލޮޅުމެއްވެސް ހަމަ އެސަރަހައްދަށް އައިސްފައިވެއެވެ. މިއީ 2023 ގައި ދުނިޔެ ތަޖުރިބާކުރި އެންމެ ބާރުގަދަ ބިންހެލުމެވެ. މިއީ ސަތޭކަ އަހަރުގެ ތެރޭގައި އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ހެލުމެވެ. މި ހެލުމުގައި ގުޑުންއަރައި ގެއްލުން ލިބުނީ ހަމައެކަނި ތުރުކީވިލާތަކަށް ނޫނެވެ. ހަނގުރާމަޔާއި ވީރާނާކަމުގެ ތެރޭގައި ހަފުސްވެފައިވާ ސީރިޔާއަށް ކުރިމަތިވި ގެއްލުންތައްވެސް ގިނަގުނައެވެ. ސީރިޔާއިން މަރުވި މީހުންގެ ހަގީގީ އަދަދު އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ޔަގީންވަނީ ވިއްސަކަށް ހާހަށްވުރެ މަދުނުވާނެ ކަމެވެ.

އަހަރުގެ ދެވަނައަށް އެންމެ ގެއްލުންދެނިވި ބިންހެލުމަކީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައި މޮރޮކޯއަށް އައި ބިންހެލުމެވެ. މި ހެލުމުގައި ތިންހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މޮރޮކޯއަކީ އެފްރިކާގެ ހުޅަނގު އުތުރު ކަނުގައި އޮންނަ ގައުމެކެވެ. ބިންހެލުންތައް ވަރަށް މަދު ގައުމެކެވެ. މޮރޮކޯގެ މަރާކިޝް ސަރަހައްދަށް އައި މި ހެލުމަކީ އެގައުމުގެ ތާރީޚުގައިވެސް ތަޖުރިބާކުރަން ޖެހުނު އެންމެ ވަރުގަދަ ބިންހެލުމެވެ. އަހަރުގެ ތިންވަނައަށް އެންމެ ވަރުގަދަ ހެލުމަކީ އަފްޣާނިސްތާނުގެ ހެރަތަށް ރިކްޓަރ މިންގަނޑުން 6.3 ގެ ބާރުމިނުގައި އައި ހެލުމެވެ. އޮކްޓޫބަރު ހަތްވަނަ ދުވަހު އައި މި ހެލުމުގައި އެސަރަހައްދުން ދޮޅުހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަފްޣާނިސްތާނަކީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ގައުމަކަށްވާތީ މި ހެލުމުގައި މަރުވި މީހުންގެ ހަގީގީ އަދަދު ދެނެގަތުންވެސް އުނދަގޫވެފައިވެއެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީވުންވެސް އޮތީ އެގޮތުގައެވެ.

މަރުވި މީހުންގެ އަދަދަށް ބަލާއިރު އަހަރުގެ ތިންވަނައަށް އެންމެ ގެއްލުން ބޮޑު ހެލުމަކީ ހެރަތަށް އައި ހެލުން ކަމަށްވިޔަސް އެއަށްވުރެ ބާރުގަދަ ހެލުމެއް އަފްޣާނިސްތާނުގެ ބަދަކުޝާން ޕްރޮވިންސަށް 2023 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި އައިސްފައިވެއެވެ. ރިކްޓަރ މިންގަނޑުން 6.5 ގެ ބާރުމިނުގައި އައި މި ހެލުމުގައި މަރުވެފައިވަނީ 21 މީހުންނެވެ. ނިސްބަތުން މާގިނަބަޔަކު މަރުވެފައިނެތީ ބިންހެލުމުގެ އަސްލުހުރި ފުންކަމުންނެވެ. ބިމުގެ 187 ކިލޯމީޓަރު ފުނުގައެވެ. އަހަރުގެ ހަތަރު ވަނައަށް އެންމެ ގެއްލުންބޮޑު ހެލުމަކީ ނޮވެމްބަރު ތިންވަނަ ދުވަހު ރިކްޓަރ މިންގަނޑުން 5.7 ގެ ބާރުމިނުގައި ނޭޕާލަށް އައި ބިންހެލުމެވެ. މި ހެލުމުގައި ޖުމްލަ 153 މީހުން މަރުވެފައިވެއެވެ. އަހަރުގެ ގުޑުންތަކަށް ވިސްނާއިރު ގިނަ ހެލުންތައް އައިސްފައިވަނީ އަހަރުގެ ކުރީކޮޅާއި ފަހުކޮޅުގައެވެ. މެދުތެރެ ދިޔައީ ނިސްބަތުން ހިމޭންކޮށެވެ.

ޑިސެމްބަރު 18 ވަނަ ދުވަހު ޗައިނާގެ ޖިޝިޝަން ޕްރޮވިންސަށް އައި ހެލުމަކީ ނޭޕާލުގެ ހެލުމަށްވުރެ ބާރުގަދަ ހެލުމެކެވެ. އެކަމަކު ނޭޕާލުގައި މަރުވި މީހުންނަށްވުރެ ޗައިނާގައި މަރުވި މީހުންގެ އަދަދު މަދެވެ. ރިކްޓަރ މިންގަނޑުން 5.9 ގެ ބާރުމިނުގައި އައި ހެލުމުގައި ޗައިނާއިން މަރުވީ 149 މީހުންނެވެ. އަހަރުގެ ދެން ތަޖުރިބާކުރަން ޖެހުނު ހެލުންތަކަކީ އޭގެ ބާރުމިނަށް ބަލާއިރު ވަރުގަދަ ހެލުންތަކެއް ކަމަށްވިޔަސް މަރުވެފައިވާ މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދު ހެލުންތަކެކެވެ. މާރޗް 18 ވަނަ ދުވަހު ދެކުނު އެމެރިކާ ބައްރުގެ އިކުއެޑޯރަށް ރިކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައި އައި ހެލުމުގައި މަރުވެފައިވަނީ 18 މީހުންނެވެ. ފެބްރުއަރީ ވިހިވަނަ ދުވަހު ތުރުކީވިލާތުގެ ހަތާއީއަށް ރިކްޓަރ މިންގަނޑުން 6.3 ގެ ބާރުމިނުގައި އައި ހެލުމުގައި މަރުވެފައިވަނީ 13 މީހުންނެވެ. ނޮވެމްބަރު ސަތާރަވަނަ ދުވަހު ފިލިޕީންސްގެ މިންޑަނާއޯއަށް ރިކްޓަރ މިންގަނޑުން 6.7 ގެ ބާރުމިނުގައި އައި ހެލުމުގައި މަރުވެފައިވަނީ 11 މީހުންނެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކަށް ބަލާއިރު 2023 ވަނަ އަހަރަކީ އިންސާނުންނަށް ފިލާވަޅަކަށްވާނެ އަހަރެކެވެ. ފެންބޮޑުވުމުގެ ހާދިސާތަކާއި ހޫނުގަދަވުމާއި ހަނަފަސްކަމާއި ޖަންގަލިތަކުގައި ރޯވުންފަދަ ހާދިސާތަކަށް ބަލާއިރު އެންމެ ބޮޑު ގެއްލުންތައް ފޯރާފައިވަނީ ފަގީރު ގައުމުތަކަށެވެ. މީގެ މިސާލުތަކަކީ ޕެރޫ، މަލާވީ، ހެއިޓީ، މިޔަންމާ، ލީބިޔާ އަދި ވަނުއާޓޫގެ ފެންބޮޑުވުމުގެ ކާރިސާތަކެވެ. މި ކާރިސާތަކުގައި އެތައްހާސް ބަޔަކު މަރުވެފައިވެއެވެ. މީގެ މާނަޔަކީ ފުދުންތެރި މުއްސަނދި ގައުމުތަކަށް މޫސުމީ ކާރިސާތައް ކުރިމަތިނުވުމެއް ނޫނެވެ. މޫސުމީ ކާރިސާތަކުގެ ތެރެއިން އެންމެ ގެއްލުން ބޮޑު ވިހި ކާރިސާގެ ގެއްލުން ސާދަ ގައުމަކަށް ފޯރާފައިވާއިރު އޭގެރެރޭގައި އެމެރިކާ، އިޓަލީ، ސްޕޭން، ނިއުޒިލެންޑް، ޗައިނާ އަދި މެކްސިކޯ ހިމެނެއެވެ. ނިކަން ދޭތެރެ އަވަސްކޮށް ފެންބޮޑުވުމާއި ތޫފާންތަކާއި ޖަންގަލިތަކުގައި ރޯވުންފަދަ ކާރިސާތައް 2023 ވަނަ އަހަރު މި ގައުމުތަކަށް ކުރިމަތިވެ އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުންތައް ކުރިމަތިވެފައިވެއެވެ.