ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި 38 ޖަލްސާ ބޭއްވުމަށްފަހު އަހަރުގެ މަސައްކަތް ނިންމައި މުޅި މަޖިލިސް މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ ނިންމަވާ ލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މި ދަައުރުގައި ރައްޔިތުންގެ މަޖިލީހުުގެ 38 ޖަލްސާގައި ޖުމުލަ 93 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށެވެ. އަދި މި ދައުރުގައި 2024 ވަނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓާއި މި އަހަރުގެ ބާކީ އޮތް ބަޔަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގެ އިތުރުން ފަސް ބިލެއް ފާސްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ ހުރިހާ ބިލަކީވެސް ސަރުކާރުގެ ފަރާތުންހުށަހެޅި ބިލެވެ.

  • ހިތަދޫ ދެކުނު ދައިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނުނަށް އިސްލާޙު ގެނައުމުގެބިލް
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި، އިންތިޙާބު ތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމުގެބިލް
  • ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ހުށަހެޅުއްވި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރއްކާތެރި ކަމުގެ ބިލު
  • މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި އިންޑަސްޓްރިއަލް ރިލޭޝަންސްގެބިލް
  • ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވި ކުންފުނީގެ ބިލް

މީގެ އިތުރުން އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯޅިހުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި 14 ބިލެއް މިހާރު އޮތް ޑރ. މުހައްމަދު މުއިއްޒުގެ ޒަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

  • ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބޭނުންކުރާނެ ގޮތް ޕްލޭން ކުރުމުގެ ބިލު
  • ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އިނާޔަތްތައް ފޯރު ކޮށްދިނުމުގެ ބިލު
  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު
  • އެޓާނީ ޖެނެރަލް އޮފީހުގެ ބިލު
  • ފޮރިން އިންވެސްޓްމެންޓްގެ ބިލު
  • ޒަކާތުގެ ބިލް

އަސްލަމް ވިދާޅުވީ، ތިންވަނަ ދައުރުގައި މަޖިލީހުގައި މަސައްކަތް ފަށާފައިވާ 25 ގަރާރުގެ ތެރެއިން ހަ ގަރާރެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

މަސައްކަތް ނިންމި މުހިއްމު ގަރާރުތަކުގެ ތެރޭގައި، އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ތެރޭގައި ދަރިމައިނުވުމުގެ މައްސަލައަށް ދެވޭ ފަރުވާގެ ބާވަތްތައް ހިމަނަންޖެހޭ ގޮތް ހެދުމަށް ހުށަހެޅުއްވި ގަރާރާއި ނަފުސަނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަންހެނުންނަށް ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގައުމީ ފެންވަރުގެ ދިރާސާއެއްކޮށް އެ ދިރާސާގެ އަލީގައި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ގޮވާލާއި ހުށަހެޅުއްވި ގަރާރާއި ރާއްޖޭގައި ކުޑަކުދިންނަށް ކުރަމުންދާ އަނިޔާ ހުއްޓުވުމުގެ ގޮތުން ދައުލަތުން ކުޑަކުދިންނާއި ކުޑަކުދިންގެ ރައްކާތެރުކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ގޮވާލައި ހުށަހެޅި ގަރާރާއި އިޒްރޭލުން ފަލަސްތީން ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ރައްޔިތުން ރާއްޖެ އައުން މަނާކުރުމަށް ގޮވާލައި ހުށަހެޅުއްވި ގަރާރު ހިމެނެއެވެ.

މީގެ އިތުރުން މަޖިލީހުގެ ކޮމިޓީ މަރުހަލާގައި 17 ގަރާރު އަދި އިބްތިދާއީ ބަހުސްގެ މަރުހަލާގައި ދެ ގަރާރު އޮތް އިރު، ވަޒީރުންނާ ކުރަން ހުށަހެޅި 68 ސުވާލުގެ ތެރެއިން 51 ސުވާލުކޮށް ނިންމާފައިވާ ކަމަށާއި 17 ސުވާލުގެ ނޯޓިސް ފޮނުވާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ތިންވަނަ ދައުރުގެ ޗުއްޓީއަށް މަޖިލިސް މިއަދު ދަނީ، ތިންވަނަ ދައުރުގެ މަސައްކަތްތަކުގެ ތެރެއިން ޖުމުލަ 57.3 ޕަސެންޓް މަސައްކަތް ނިންމުމަށްފަހުގައި ކަމަށެވެ. ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިޔައީ މެންބަރުންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު މަސައްކަތް ކަމަށްވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނުނިންމައެވެ.