ލުޔޫންއަށް އައި ކުއްލި ބަދަލުން ނާލާއަށް ލިބުނީ ހައިރާންކަމެވެ. އެއީ މަންމަގެ ފަރާތުން ވެސް އޭނާއަށް ފާހަގަކުރެވުނު ބަދަލުތަކެވެ. ނާލާގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. ކޮންމެ މީހެއްގެ ދެލޮލުގައި މާޔޫސްކަން ހުންނަނީ ކީއްވެގެން ހެއްޔެވެ؟ އަޑުގައި ހިތްދަތިކަން ވަނީ ކީއްވެގެން ހެއްޔެވެ؟

ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ނާލާ ބަލައިލިއެވެ. އެމޫނުތަކުން ކިޔައިދެމުން ދިޔަ ވާހަކަތައް ދެނެގަތުމުގެ ޝައުގުވެރިކަން ހިތުގައި އުފެދިފައި ވިއެވެ. އޭނާގެ ވަށައިގެން އޮތް މާހައުލަށް ނާލާއަށް ލޯހުޅުވައިލެވުނެވެ. ހިތާމަވެރިކަން އޭނާ ވަށައިގެންވާހެން އިހުސާސްކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ހަމްދަރުދީގެ ލިސާންތައް ފެންނަނީ ކީއްވެގެން ހެއްޔެވެ؟ އެއީ އޭނާ ކުރިމަތިލަމުންދާ ހިތްދަތި ދުވަސްތަކުގެ ސަބަބުން، ހުރިހާ އެންމެންގެ ހިތުގައި އުފެދިފައިވާ ހާސްކަމުން އައިސްފައިވާ ބަދަލެއް ހެއްޔެވެ؟

ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން ނާލާ ބޭނުންވިއެވެ. ނަމަވެސް އަމިއްލަ ނަފުސު ގައިދުވެފައިވާ މޮޅިވެރިކަމުގެ ހިޔާލުތަކަށް ގެނބިގެންދާ ހިނދު އޭނާގެ ވިސްނުން ބަދަލުވެއެވެ. މާޔޫސްކަން ހިތަށް ލިބި، ދިރިއުޅުމާ މެދު ކުރިމަތިލާކަށް ބޭނުމެއް ނުވެއެވެ. ނާއުއްމީދުގެ ތޭރިތަކުގެ ތެރޭގައި ނަފުސު ގައިދުވެއެވެ. އުފާވެރިކަން އެއީ އޭނާއަށް ބީރައްޓެހި އިހުސާސްތަކެއް ހެން ހީވާން ފަށައެވެ. އެފަދަ ވަގުތުތަކުގައި ނާލާއަށް ހިޔާރުކުރެވެނީ ހިމޭންކަމެވެ. އެކަނިވެރިކަމެވެ. ދުނިޔޭގެ ލޯތަކަށް ފިލަން މަސައްކަތްކުރެވެއެވެ. އަނދިރިކަމަށް ލޯބިކުރެވެއެވެ. ނަމަވެސް އެފަދައިން ދުވަސްތައް ވޭތުކުރުން އެއީ ބުއްދިވެރި ގޮތެއް ހެއްޔެވެ؟ ދިރިއުޅުން ވަކި މިސްރާބެއް ނެތި އޮޔާލުމުގެ ފުރުސަތު ދީގެން ހުންނަންވީ ހެއްޔެވެ؟ ކަރުނައިގެ ދިލަ ހޫނުގައި ހަފުސްވެގެން ދިޔަޔަސް ހެޔޮ ހެއްޔެވެ؟ އޭރުން ލޯބިވާ ފަރާތްތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާއާ މެދު ވިސްނާވިސްނާ އިތުރު ހާސްކަމެއް ލިބޭނެކަން ގައިމެވެ. މިހާރު ވެސް އޭނާއަށް ފެންނަމުން އެދަނީ އެމަންޒަރެވެ.

ހަށިފުރާ ނޭވާއެއް ނާލާއަށް ދޫކޮށްލެވުނެވެ. އެސްފިޔަތައްވެސް ތިރިކޮށްލެވުނެވެ. އެވަގުތު ނާލާގެ އަތުގައި ލުޔޫން ހިފާލިއެވެ.

''ކުޑާ އަހަރެން މިހުރީ ގާތުގައި، ބޭނުން ކޮންމެ ވާހަކައެއް އަހަންނާ ހިއްސާކުރައްޗޭ، ޔޫ ހޭވް ޓު ލެޓް ދި ޕާސްޓް ގޯ... އެހެން ނޫނީ ދިރިއުޅުމާ ކުރިމައްޗެއް ނުލެވޭނެ މިހެން ބުނާއިރުގައިވެސް އެނގޭ ފަސޭހަކަމެއް ނުވާނެކަން، އެތައް އަހަރެއްގެ ވާހަކަކަން މިދައްކަނީ... ލޮޓްސް އޮފް މެމޮރީސް... އެކަމަކު ވެސް ހިތްވަރުކުރަންވާނެ... ވީ އާރ ހިއާރ ފޯރ ޔޫ...'' މަޑުމަޑުން ނާލާގެ އަތަށް ފިތާލަމުން ލުޔޫން ވާހަކަދެއްކިއެވެ. ނާލާއާއި ނަޒަރު ބައްދަލުވުމާއެކު ލުއި ހިނިތުންވުމެއް ވެސް ދިނެވެ.

''ހޫމްމްމް...'' ނާލާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ޖަޒުބާތުގެ ތެރެއަށް ހިތް ދީލައިލިއެވެ.

''ސްޓޮޕް ކްރައިންގް، ދެން ކުޑާ ނުވާނެ ރޮއެގެން...'' ނާލާގެ ކޯތާފަތުން ރޮނގުދަމާލި ކަރުނަތައް ފޮހެލަމުން ލުޔޫން ބުންޏެވެ. ''އެހެން ނޫނީ ދެން ވާހަކައެއް ނުދައްކާނަން...''

''އަދިވެސް ބޮޑެއް ނުވޭދޯ؟...'' ނާލާއަށް ކަރުނައިގެ ތެރެއިން ހިނިތުންވެވުނެވެ. ހަގީގަތުގައި ވެސް ލުޔޫންއާ ބައްދަލުވުމުން ނާލާގެ ހިތަށް ފިނިކަމެއް ލިބިފައިވިއެވެ. އެ ދެމެދުގައި އޮތް ފުރިހަމަ ގުޅުމުގެ ސަބަބުން ހިތުގެ ގިލަންވެރިކަން ހިއްސާކުރަން ފަސޭހަވާނެޔޭ ވެސް ނާލާގެ ހިތަށް އެރިއެވެ. އުދާސްތައް ހިއްސާކުރުމުގެ ބަދަލުގައި ހުރިހާކަމެއް ފުނިޖެހެން ފަށައިފިނަމަ މީހާ އިތުރަށް ބަލިކަށިވެގެން ހިނގައިދާނެކަމުގެ އިހުސާސް ވެސް ކުރެވުނެވެ. މިހާރު ވެސް މީހާ ބަލިކަށިވެފައިވާ މިންވަރު ނާލާއަށް އަންދާޒާ ކުރެވުނެވެ. އަމިއްލަ ނަފުސަށް ދެވެމުން ދިޔަ އަނިޔާތަކާ މެދު ވެސް ފުރަތަމަ ފަހަރަށް ލޯހުޅުވާލަން މަޖުބޫރު ވިއެވެ.

ލުޔޫންގެ ސަބަބުން ނާލާއަށް އައި ބަދަލުން ނަދީމާގެ ހިތަށް ތަސައްލީއެއް ލިބުނެވެ. ނަމަވެސް ކުރިމަތިވަމުންދާ ތޫފާނުގެ ހިލަން ނާލާއަށްވާ ހިސާބުން މަންޒަރުތައް ބަދަލުވެދާނެތީ ނަދީމާގެ ހިތް ބިރުގަތެވެ. އިހުގެ ހިމޭންކަމަށް ނާލާ އެނބުރި ރުޖޫއަވެދާނެތީ އެކަމުގެ ހާސްކަން ހިތުގައި ވިކަން ފެށިއެވެ. ނަދީމާއަށް ހާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

*****

ފާހާނާގައި ހުރި ނާލާއަށް ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލެވުނެވެ. ހަށިގަނޑަށް ގޯންޏެއްހެން އޮތް ހޮސްޕިޓަލުގެ ހެދުމުގެ ތެރޭން ވެސް އޭނާގެ ކޮނޑު ހަށިގަނޑު ފާޅުކަން ބޮޑު ގޮތެއްގައި އަރާފައި ހުއްޓެވެ. މީހާ ހިކި އަނަރޫފަވެފައިވާ މިންވަރާ މެދު ނާލާއަށް ސަމާލުވެވުނީ ދެނެވެ. ލުއި ވައިރޯޅިއަކާއެކު ވެސް އުދުހިގަންނާނެކަން ގައިމެވެ. އޭނާއަށް މިހުރިހާ ދުވަހު އެކަން ފާހަގަ ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ބޮޑު ބަދަލެއް ހަށިގަނޑަށް އައި އިރުގައި އިހުސާސްނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ހީތާމަޔާއި ކަރުނައިގެ ތެރޭގައި ދުވަސްތައް ދުއްވާލުމުން ހެއްޔެވެ؟

''ކުޑާ...'' ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުރި ނާލާ ސިހިގެން ދިޔައީ ލުޔޫންގެ އަޑަށެވެ.

''މި ނިކުންނަނީ...'' ލުޔޫންގެ އަޑުގައި އެކުލެވިގެންވި ކަންބޮޑުވުން ނަގައިގަނެވުމުން ނާލާ އަވަސްއަވަހަށް ބުންޏެވެ. ފެންއިސްކުރަށް ދޫކޮށްލަމުން ނެގި އަތްގޮށީގެ ފެން މޫނަށް ބުރުއްސާލިއެވެ.

''މަންމަ އެބަހުރި ވަރަށް މީރު އެއްޗެއް ތައްޔާރުކޮށްފަ، އެކަމަކު ކުޑާއަށް ބަތްޕެން ދޭން ބުނީ...'' ފާހާނާއިން ނިކުތް ނާލާއަށް ކޮޓަރީގެ ސޯފާގައި އިން ލުޔޫން ފެނުނެވެ. ލުޔޫން އިނީ ނަދީމާ ފޮނުވި ތަށިބަރިތައް ހުޅުވާލައިގެންނެވެ. ސޯފާ ކުރިމަތީ ހުރި މޭޒުމަތީގައި ތަށިބަރީގެ ބައިތައް އަތުރާލާފައި ހުއްޓެވެ.

ނާލާ ހުރީ ކާހިތް ނުވެފައެވެ. ނަމަވެސް ލުޔޫން ކުރުނުކޮށް ބުނަން ފެށުމުން އިންކާރުކުރަން އޭނާއަކަށް ނުކެރުނެވެ. އެފަހަރު މީހާއަށް ހެޔޮ ބަދަލު ގެންނަން ބޭނުން ވިޔަސް، ދެވަނަ ސިކުންތުގައި މީހާ ހުންނަނީ މާޔޫސް ވެފައެވެ. ދުނިޔެމަތިން ފޫހިވާ ގޮތްވެފައެވެ. އަމިއްލަ އިހުސާސްތައް އިރުއިރުކޮޅާ ބަދަލުވާހެން ވެސް ނާލާއަށް އިހުސާސް ވެއެވެ.

''ފިލްމެއް ބަލާނަންތަ؟...'' ނާލާ ސޯފާގައި އިށީނުމުން ލުޔޫން އަހާލިއެވެ. އަވަސްއަވަހަށް ލެޕްޓޮޕް ނަގައި އަޅުވާނެ ފިލްމަކާ މެދު ވާހަކަ ދައްކަން ފެށިއެވެ.

ލުޔޫންއަށް ބަލަން ނާލާ އިނެވެ. އިހުގެ ދިރިއުޅުމަށް އޭނާއަށް ދެވޭނެ ބާވައޭ ހިތާ ސުވާލުކޮށްލެވުނެވެ.

''ކިހިނެއްވީ؟... މޫނުގައި އެއްޗެއް ހުރީތަ؟...'' ނާލާގެ ނަޒަރު ފާހަގަކުރެވުމާއެކު ލުޔޫންއަށް މޫނުގައި އަތް ޖައްސާލެވުނެވެ. ލުޔޫންގެ އެހަރަކާތުން ކުރަކިވެފައިވި ނާލާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

''އުހޫނ...'' ނާލާ ބުނެލިއެވެ. ''ލޫލޫ ބޭނުން ފިލްމެއް ޖައްސާ...''

ލުޔޫންގެ ހިތްހަމަޖެހުމަށް ފިލްމެއް ވެސް ބަލަން ނާލާ އެއްބަސް ވިއެވެ. އެހާ ގިނަ ދުވަސްތަކަކަށްފަހު ބައްދަލުވުމުން، އޭނާއާއެކު ވަގުތު ހޭދަކުރަން ލުޔޫން ބޭނުންވާނެތީ އެކަމަށް އިންކާރުކުރާކަށް ނުކެރުނެވެ.

ފިލްމު ބަލަމުން ދިޔަ ވަގުތު ކެއުން ކުރިއަށް ދިޔައެވެ. ދެތިން ސަމުސާވަރު ކެވުނުތަނާ ނާލާގެ ބަނޑުފުރޭ ގޮތް ވެއްޖެއެވެ. ކާހިތްނުވެފައި ތަށީގެ ތެރެއަށް ސަމުސާ ލައިގެން ލެޕްޓޮޕްގެ ސްކްރީނަށް ބަލަން އިނެވެ. އެގޮތުގައި އިރުކޮޅެއް ވީތަނާ ނޭފަތުން އޮލަ އެއްޗެއް ފައިބާކަމުގެ އިހުސާސްކުރެވި ނާލާއަށް ހައިރާންކަން ލިބުނެވެ. އަވަސްއަވަހަށް އަތުގައި އޮތް ތަށި މޭޒުމަތީގައި ބަހައްޓަމުން ނޭފަތުގައި އަތް ޖައްސާލެވުނެވެ. އިނގިލިތަކުގެ ކުރީގައި ހޭކިފައި ހުރި ލެޔަށް ނާލާއަށް ބަލައިލެވުނެވެ.

''ކުޑާ...'' ލުޔޫންއަށް ތެޅިގަނެވުނެވެ. ''ނަރުހެއް ގެންނަން ވީތަ؟...''

''ނޫން... ގެންނާނެކަމެއް ނެތް، އަހަންނަކީ ވެސް ނަރުހެކޭ... އެކަން ހަނދާން ނައްތާލީތަ؟...'' ކޮޅަށް ތެދުވާން އުޅުނު ލުޔޫންގެ އަތުގައި ނާލާ ހިފަހައްޓާލިއެވެ. ''ޓިޝޫއެއް ގެނެސްދީބަލަ...''

އެނދު ކައިރީގައި ހުރި ކަބަޑުމަތިން ނެގި ޓިޝޫ ފޮށި ނާލާ އަތަށް ލުޔޫން ދިއްކޮށްލިއެވެ. ލުޔޫންގެ ދެލޮލުގައި ވަނީ ކަންބޮޑުވުމެވެ. ހާސްކަމާއި ނުތަނަވަސްކަން ވެސް އެމޫނުމަތިން ރަމްޒުކޮށްދެއެވެ.

ލުޔޫންއަށް އައި ބަދަލުތަކަށް ނާލާގެ ސަމާލުކަން ހުއްޓުނެވެ. ކުއްލިޔަކަށް ލުޔޫންގެ ލޮލުން ފަޅުވާން ފެށި އުދާސްކަމުގެ ކުލަވަރުތަކުން ހިތުގައި ސުވާލު އުފެދުނެވެ.

''އާރ ޔޫ އޯކޭ؟...'' ލުޔޫންގެ ހާސްކަން ފިލާ ގޮތެއް ނުވިއެވެ. ''ޑޮކްޓަރު ގެންނަން ވީތަ؟...''

''ކީއްކުރަންތަ ތިހާވަރުން ޑޮކްޓަރު ގެންނަން ތިއުޅެނީ؟... އަހަރެން ބުނެފީމެއްނު ރަނގަޅޭ...'' ނާލާގެ ހިތުގައި ސުވާލު އުފެދުނެވެ. ނޭފަތުގައި ހުރީ ލޭ، ޓިޝޫއަކުން ފޮހެލަމުން ލުޔޫންގެ މޫނަށް ފަރުވާތެރިކަމާއެކު ނާލާ ބަލައިލިއެވެ. އޭނާއާ ހަތަރުކަޅި ހަމަކުރަން ލުޔޫންއަށް އުނދަގޫވެއްޖެކަން ވެސް ނާލާއަށް ނަގައިގަނެވުނެވެ.

''ލޫލޫ...'' ލުޔޫންގެ އަތުގައި ނާލާއަށް ހިފާލެވުނެވެ. ''އިސް ސަމްތިންގް ބޮދަރިންގް ޔޫ؟...''

ދޭނެ ޖަވާބެއް ނޭނގި ލުޔޫން ފިނިވާން ފެށިއެވެ. ނާލާއަށް ދޮގު ހެދުން އެއީ އޭނާ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށް ވާން ފެށިއެވެ. އޭސީގެ ފިނިކަމުގެ ތެރޭން ވެސް ދާހިތްލަން ފެށިއެވެ.

''ކުޑާ ބޭސްކާންވީ ގަޑި ޖެހިއްޖެ، އަހަރެން ހަނދާން ނެތުނީއޭ، ދެންމެ ނަރުސްކުއްޖަކު އަޔޭ ބޭސް ހިފައިގެން... އޭރު ކުޑާ ފާހާނާގައި ހުރީމަ ނުގޮވީ، ބޭސްކައިގެން ނިދަން ވެސް ޖެހޭނެ އެއްނު، އަހަރެން މޮޔަކަމުން ކުޑާ ބަހައްޓައިގެން ފިލްމު ބަލަން މީނީ...'' ސޯފާއިން ތެދުވަމުން ނުތަނަވަސްކަމުގެ ހިނިތުންވުމެއް ލުޔޫން ދިނެވެ.

ހައިރާންކަމާއެކު ލުޔޫންއަށް ބަލަން ނާލާއަށް އިނދެވުނެވެ. ޝައްކުގެ މުޑުވަށް އެހިތުގައި ވަޅުލެވުނީ ދެނެވެ. އޭނާއަށް ކަމެއް ސިއްރުކުރެވެމުންދާކަމުގެ އިޝާރާތްތައް ފެންނަން ފެށިއެވެ. ހިމޭންކަން އިހުތިޔާރުކުރީ ފަހުން ސުވާލުކުރަން ހިތުލައިގެންނެވެ.

*****

''އަހަރެންގެ ހިތަށް އަރާ މި ނޫން ދުވަހެއް ނުފެންނާނެ ބާވައޭ، ރުހައިމްއާ ހެދި ލިބުނު ހިތާމަތަކުން އަރައިނުގަނެވެނީސް އަނެއްކަމަކާ ކުރިމަތިލާން ޖެހިފަ މި އޮތީ، ހަލީމާ... އަހަރެން ވަރަށް ބިރު އެބަގަނޭ... މާމަ ވެސް ނިޔާވީ އެ ބައްޔެއްގަ... ނާލާއަށް ދެރަގޮތެއް ވެދާނެތީ ހާދަ ބިރެއް އެބަގަނެޔޭ، އަހަރެންގެ ހިތުގެ ހަމަޖެހުން މުޅީން ގެއްލިއްޖެ... ނާލާއަށް މިކަންތައް އެނގުމުން ވާނެ ގޮތަކާ މެދު ވިސްނި އިތުރަށް ބިރުގަނޭ... ނާލާގެ ހާލަތު ގޯސްވާ މަންޒަރު ދެކެން އަހަންނަށް ކެތެއް ނުވާނެ...'' ބެލްކަނީގައި ހުރި ނަދީމާ ވާހަކަދެއްކީ ހަލީމާއާ އެވެ.

''ނަދީމާ، ކެތްތެރިވޭ، މާތްﷲ ވޮޑިވެގެންވަނީ ކެތްތެރިންނާއެކު، ދުނިޔެމަތީގައި އިމްތިހާނުތަކާ ކުރިމަތިވުމަކީ އެކަލާނގެ މަތިން ހަނދުމަކުރަން ލިބިގެންދާނެ އިތުރު ފުރުސަތުތަކެއް... އެކަލާނގެއަށް ފުރިހަމައަށް އިތުބާރު ކުރާ އަޅެއްގެ ހިތުގައި އީމާންތެރިކަން އިތުރުވެގެންދާނެ... އެއްވެސް ކަމަކާ މެދު ނުބައި ގޮތަކަށް ނުވިސްނާތި، ތިމަންނައަށް މިކަން ކުރިމަތިވީ ކީއްވޭހޭ ބުނެ ޝަކުވާނުކުރާތި، އެހެންނޫންނަމަ ޝައިތާނީ ވަސްވާހުން ހިތް ފުރިގެން ހިނގައިދާނެ، އީމާންތެރިކަން ގުޑާލަފާނެ... ގިނަގިނައިން މާތްﷲއަށް ދުއާ ދެންނެވުމުން ބަލާތަކުން ދުރަށްދާނެ މަގުތައް ފަހިވެގެންދާނެ...'' އުނދޯލިން ތެދުވުނު ހަލީމާ އައިސް ހުއްޓުނީ ނަދީމާ ގާތަށެވެ. ރެއިލިންގައި ދެއަތުން ހިފަހައްޓައިގެން ހުރި ނަދީމާގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ހަލަބޮލިކަމާއެކު ފެންނަމުން ދިޔަ މާލޭގެ މަލައްޗަށެވެ. އެދެލޮލުގައި ކަރުނަ ވިއެވެ.

''ކަންތަކާ މެދު ފިކުރުބުޑުވާ ނަމަ އޭގެން ވެސް ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ، ނާލާއަށްޓަކައި ވިޔަސް އަހަރުމެން އެންމެން ހިތްވަރުކުރަންޖެހޭނެ، އެހެން ނޫނީ ނާލާ ބަލިކަށިވެގެން ހިނގައިދާނެ... ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން، ނަދީމާގެ ހިތުގައި ބިރުވެރިކަން އުފެދުން ޖާއިޒް، އެކަމަކު އެންމެ ހިނދުކޮޅަކަށް ވިޔަސް މާތްﷲގެ ރަހުމަތުން އުއްމީދު ކަނޑާލައިގެން ނުވާނެ، އެކަލާނގެއީ ހުރިހާ ބައްޔަކަށް ޝިފާ ފޯރުކޮށްދެއްވާ ރަސްކަލާނގެ...'' ހަލީމާ ބުންޏެވެ.

''ހިތްވަރުކުރަން ބޭނުން...'' ނަދީމާގެ އަޑު ކުރެހުނެވެ. ''އެކަމަކު... ނާލާއަށް ދެރަގޮތެއް ވެދާނެތީ ބިރުގަންނަނީ... ރުހައިމްގެ ސަބަބުން ލިބުނު ހިތާމަތަކުގައި ނާލާ ދުވަސް ހޭދަކުރަނީ، ހަލީމާއަށް ވެސް ފެނިއްޖެއެއްނު ނާލާއަށް އައިސްފައި ހުރި ބަދަލުތައް... ސިފަ ވަކިކުރަން ނޭނގޭ ވަރަށް މީހާ ހިކި އަނަރޫފަވެއްޖެ... އެއީ އެ ފިރިހެނާގެ ރަހުމުކުޑަކަމުން ލިބުނު އަނިޔާތައް... އަދިވެސް ހިތާމަކުރުމުގައި ނާލާ އުޅެނީ... ދެން މިހާރު މިކަންތައް...''

''ނަދީމާ ތިހާ ފިކުރުބޮޑުވާނަމަ މެލޭއަށް ބަދަލުވާންވީއެއްނު؟... އެކޮޅުން ނާލާއަށް ރަނގަޅު ފަރުވާއެއް ލިބޭނެ...'' ހަލީމާ ހިޔާލެއް ހުށަހެޅިއެވެ. ''މިކޮޅުގަ އުޅެންޏާ ރުހައިމް މަތިން ވެސް ނާލާ ހަނދާން ވާނެ، އެކޮޅަށް ބަދަލުވީމަ މާހައުލު ވެސް ބަދަލުކޮށްލެވޭނެ އެއްނު... އޭރުން ނާލާއަށް އައު ފެށުމެއް ވެސް ލުބުނީއެއްނު؟... އަހަރެން ހުރީ މިވާހަކަ ބިލާލް ގާތުގައި ވެސް ދައްކަން...... ނާލާއަށް އެންމެ ރަނގަޅު ވާނީ އެގޮތް......''

ހަލީމާގެ ހިޔާލު ނަދީމާއަށް ކަމުދިޔައެވެ. އެކަމާ ވަގުތުން އޭނާއަށް އެއްބަސްވެވުނެވެ. ވީހާވެސް އަވަހަކަށް ނާލާގެ ފަރުވާ ފަށަން އޭނާ ހުރީ ކެތްތެރިކަން ކުޑަވުފައެވެ. ދެން އެހިތަށް ހަމަޖެހުމެއް ލިބޭނީ ދުޅަހެޔޮ ސިއްހަތެއް ނާލާއަށް ލިބޭ ދުވަހަކުންނެވެ. ލަސްތަކެއް ނުވެ އެދުވަހުގެ ނަސީބު ލިބުމަށް އެދި ނަދީމާ ދުއާކުރިއެވެ.

''އެކަމަކު ނާލާ ގާތު ބުނާނީ ކީކޭތަ؟...'' ނަދީމާގެ ހިތް ނުތަނަވަސް ވިއެވެ. ''ބަލީގެ ހަބަރު ދޭނީ ކިހިނެއް؟، މިކަމެއް ސިއްރެއް ވެސް ނުކުރެވޭނެ، ފަރުވާދޭން ބޭރަށް ގެންދާ ހިސާބުން ނާލާގެ ހިތުގައި ސުވާލު އުފެދޭނެ......''

''މިވަގުތަށް އެއްވެސް އެއްޗެއް ނުބުނެ މަޑުކުރާނީ، ބުނާނީ ދުވަސްކޮޅަކަށް މެލޭއަށް ދަނީ ކަމަށް...'' ހަލީމާ އިރުޝާދު ދިނެވެ.

*****

ޓެސްޓު ހަދަން ގިނަގިނައިން ލޭގެ ސާމްޕަލްތައް ނަގަން ފެށުމުން ނާލާގެ ހިތުގައި އިތުރު ސުވާލުތައް އުފެދުނެވެ. ނަތީޖާތައް ރަނގަޅު ނަމަ އެހާ ގިނައިން ޓެސްޓް ހަދަނީ ކީއްވެގެން ހެއްޔެވެ؟

ޓެސްޓުތަކުގެ ތަފްސީލު ހޯދަން ނާލާ ސުވާލުކޮށްލީ ޝައިހާއާއެވެ. އޭނާގެ ސުވާލުތަކުން ރެކިގަންނަން ޝައިހާ މަސައްކަތްކުރިތަން ވެސް ނާލާއަށް ފެނުނެވެ. އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅެވޭ ކަހަލައެވެ. އޭނާއަށް ދައްކާ ބަހަނާތަކުން ވެސް ހިތުގެ ސުވާލުތައް އިތުރުވާން ފެށިއެވެ. ސިކުނޑިއަށް ހާސްކަން ލިބެން ފެށިއެވެ.

ހަށިގަނޑަށް އަންނަމުންދާ ބަދަލުތައް ވެސް ނާލާއަށް ފާހަގަވާން ފެށިއެވެ. ގައިގެ ތަންތަން ފަސޭހައިން ނޫފައިގަތުވެ. ރަތްވުމެވެ. ނޭފަތުން ލޭއައުން ގިނަވާން ފެށުމެވެ. ހަށިގަނޑުގައި ހުންނަ ނުފިލާ ގަދަ ރިހުމެވެ. ބޭހަކުން ވެސް ގިނަ ފަހަރު ލުޔެއް ނުލިބޭ ހުމެވެ. އަތާއި ފަޔަށް ވެރިވަމުން ދިޔަ ހުދުކަމެވެ. ކޮޅަށް ތެދުވާން ފެށުމުން މޫނުމައްޗަށް އަނދިރިވުމެވެ. ރޭގަނޑު ގަޑީގައި ހޫނުވެ އާދަޔާ ހިލާފަށް ދާހިތްލަން ފެށުމެވެ. މިހުރިހާ ކަމަކާ މެދު ފިކުރުބޮޑުވެ ނާލާގެ ހިތަށް ހާސްކަން ވެރިވާން ފެށިއެވެ. މީހާ ބިރުގަންނަ ގޮތް ވިއެވެ.

*****

ބަލިމީހުން ބަލާ ކޮޓަރީގައި ބިލާލްއާއި ނަދީމާގެ އިތުރުން ލުޔޫން މަޑުކޮށްލައިގެން ތިބީ ނާލާގެ ނަތީޖާތަކުގެ މައުލޫމާތު އެނގެން ބޭނުންވެފައެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. މުޅި މާހައުލަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ނޭވާ ހިފަހައްޓާލައިގެން އިންތިޒާރުކުރެވެން ފެށުނީ ޑޮކްޓަރުގެ ޖަވާބަކަށެވެ.

އަތުގައި އޮތް ފައިލު މޭޒުމަތީ ބާއްވަމުން ކުރިމަތީ ހުރި ގޮނޑީގައި އިށީނދެގެން ތިބި ބިލާލްއާއި ނަދީމާއަށް ޑޮކްޓަރު ރާޖް ބަލައިލިއެވެ. ގޮނޑިތަކުގެ ފަހަތުގައި ކޮޅަށް ހުރި ލުޔޫންއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލީ ދައްކަން އުޅެނީ ފަސޭހަ ވާހަކައަކަށް ނުވާތީއެވެ. ނާލާގެ ހާލަތު ހީކުރިވަރަށްވުރެ ގޯހެވެ. ބިރުވެރިކަން އުފެދި ހާސްކަން އިތުރުވުމުގެ ބަދަލުގައި ހިތްތަކަށް އުއްމީދެއް ގެނެސްދެވޭނެ ގޮތަކާ މެދު ވިސްނާލަން ޖެހުނެވެ.

''ޑޮކްޓާރ ރާޖް...'' ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ލުޔޫންއަށް ގޮވާލެވުނެވެ. އޭނާ ހުރީ ހާސްވެފައެވެ. ޑޮކްޓަރު ރާޖްގެ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުންތައް ދޭހަކުރެވުނީތީއެވެ. އަވަސް ނޭވާތަކެއް ދޫކޮށްލެވުނީ ހިތުގެ ވިންދުތައް ހަމައަކަށް އަޅުވަންވެގެންނެވެ.

ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު ޑޮކްޓަރު ރާޖް ވާހަކަދައްކަން ފެށިއެވެ.

ޑޮކްޓަރު ރާޖްގެ ވާހަތަކުން ނަދީމާއަށް ރޮވެން ފެށުނެވެ. ބިލާލްއަށް ޖެހުނީ ނަދީމާ މަސަލަސްކުރާށެވެ. ހުއްޓުން އަރާފައި ހުރި ލުޔޫންއަށް ވެސް މަންމަގެ ގާތަށް ޖެހިލެވުނެވެ. އެދެލޮލުން ވެސް ކަރުނަ ނީރާލައިފިއެވެ. ހިތްދަތިކަން އެކުލެވިގެންވި މަންމަގެ ގިސްލުންތަކުން ލުޔޫންގެ ހިތަށް އިތުރަށް އަސަރުކުރިއެވެ.

''ސްޓޭޖް ދޭއްގައި ވިޔަސް ފަރުވާ ދެވުމުން ބަލި ކޮންޓްރޯލްކުރެވޭނެ، މިވަގުތު އިސްކަން ދެވޭނީ ބަލި ކޮންޓްރޯލްކޮށް މެނޭޖްކުރަން...'' ފަރުވާގެ ހުރިހާ މައުލޫމާތެއް ޑޮކްޓަރު ރާޖް ފޯރުކޮށްދިނެވެ. އެވާހަކަތަކަށް ނަދީމާއަށް ސަމާލުކަމެއް ނުދެވުނެވެ. ހިތުގައި އުފެދިގެން އައީ ބިރުވެރިކަމުގެ ތޫފާނެކެވެ. މުޅި މީހާ ތުރުތުރުއަޅަން ފެށިއެވެ. ހިޔާލަށް ގެނެވުނީ އެންމެ ބިރުވެރި ދުވަސްތަކެވެ. އެއާއެކު ނަދީމާގެ ގިސްލުންވީ އިތުރެވެ.

ލުޔޫންއަށް ވެސް ރޮވުނީއެވެ. ގިސްލުންތަކުގެ އަޑުހިންދާލުމަށް އަނގަމަތީގައި އަތް އަޅާލެވުނެވެ.

''ބިލާލް... ނާ...ލާ...'' ނަދީމާގެ އަޑު ކުރެހުނެވެ. އަނބިމީހާގެ ހިތާމަތަކާއި ބިރުވެރިކަން ބިލާލްއަށް އިހުސާސްކުރެވުނެވެ. އެ ދެލޮލުގައި ވެސް ވަނީ ރިހުމެވެ.

''ނާލާ ގޮވައިގެން ބޭރަށް ފުރަން ހިނގާ...'' ނަދީމާއަށް ބުނެވުނެވެ. އިތުރަށް މާލޭގައި މަޑުކުރަން އޭނާގެ ހިތް ދެކޮޅު ހެދިއެވެ. ފަރުވާދެވޭނެ އެންމެ ރަނގަޅު މަންޒިލަކަށް ނާލާ ގެންދަން ބޭނުންވިއެވެ. އަތުގައި ހުރި ހުރިހާ ފައިސާއެއް ހޭދަކޮށްގެން ވިޔަސް ދަރިފުޅަށް ޝިފާއެއް ލިބުމުގެ އަޒުމު އެހިތުގައި ގަދަވެގެން ދިޔައެވެ.

*****

ކޮޓަރިއަށް ވެރިވެފައި އޮތީ މަރުގެ ހިމޭންކަމެވެ. ސީލީންގްއަށް ނަޒަރު ހުއްޓާލައިގެން އޮތް ނާލާ ވަނީ ފުން ހިޔާލަކަށް ގެއްލިފައެވެ. އިރުކޮޅެއް ފާއިތުވެ ދިޔަތަނާ އެނދު ކައިރީގައި ހުރި ގޮނޑީގައި އިން ލުޔޫންއަށް އޭނާ ބަލައިލިއެވެ. މެންދުރުއްސުރެ ލުޔޫން ހިމޭންވެފައިވާކަން ނާލާއަށް ފާހަގަ ކުރެވުނެވެ. މަންމަ ވެސް މިއަދު ނުފެންނާތީ އެކަމާ މެދު ވެސް ނާލާ ފިކުރުބޮޑުވިއެވެ.

''ލޫލޫ...'' ނާލާ ގޮވާލިއެވެ. އޭނާ ލުޔޫންގެ މޫނަށް ބަލައިލިއެވެ. ހިތާމަޔާއި މޮޅިވެރިކަން އޭނާއަށް ތަސްވީރުކުރެވުނެވެ. ލޮލުގައި އެކުލެވިގެންވި ރަތްކަން ވެސް މެއެވެ. ރޮއެފައިވާކަމުގެ ހެކިތަކެވެ.

''ހޫމްމްމް...'' ލޫޔޫން ނޭފަތް އެތެރެއަށް ދަމައިލިއެވެ. އަޑުވަނީ ކުރަކިވެފައެވެ.

''މަންމަ ކޮބާތަ؟...'' ނާލާ އެހިއެވެ.

''ގޭގަ ވީ...'' ލުޔޫންގެ ޖަވާބުތައް ކުރެވެ.

''މެންދުރު ދިޔަ ގޮތަށް ނާންނަނީ ކީއްވެތަ؟... ބައްޕަގެ ހަބަރެއް ވެސް މިއަދު ނުވޭ...'' ނާލާގެ ސުވާލުތައް ގިނަވާން ފެށިއެވެ. ''ލޫލޫ... އަހަރެން މިކުރާ ސުވާލަށް ތެދުތެދަށް ޖަވާބު ދެއްޗޭ...''

''އަނެއްކާ ކޮން ކަހަލަ ސުވާލެއްތަ؟...'' ލުޔޫންގެ މެޔަށް ފިނިވާން ފެށިއެވެ.

''ޕްލީޒް...'' ނާލާގެ އަޑުގައި ވަނީ އާދޭހެވެ. ''އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟... މަންމަ ވެސް ބަދަލުވެއްޖެ، ބައްޕަ ވެސް ހީވާނީ ހިތާމަކުރާހެން... ދެން ލޫލޫ ވެސް ފެންނަނީ ހާސްވެފައި ހުންނަތަން... މިއަދު ހަލީމާއްތަ ވެސް ހުރީ އުދާސްކަމެއްގެ ތެރޭގައި... ދޮގު ނަހަދައްޗޭ... ލޫލޫއަށް އެނގެޔެއްނު ދޮގުހަދާ މީހުން ދެކެ އަހަރެން ފޫހިވާކަން... އަހަންނަށް ކޮންކަމެއްތަ ސިއްރު ތިކުރަނީ؟...''

ނާލާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އޭނާއަށް ސިއްރުކުރެވޭ ކަންތަކާއި ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކާ ގުޅުމެއް ވޭބާވައޭ ހިތާ ސުވާލުކޮށްލެވުނެވެ. ބިރުވެރިކަމުގެ ވިންދެއް ހިތުގައި އެވަގުތު ޖަހާލިއެވެ. މީހާއަށް ނުތަނަވަސްކަން ލިބުނެވެ.

ނާލާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ލުޔޫންއަކަށް ނޭނގުނެވެ. ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔަތަނާ ލުޔޫންއަށް އޭނާގެ ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ބަޑިފަޅައިގެން ދިޔައެވެ. ނާލާގެ ކުރިމަތީގައި އޭނާގެ ނަފުސު ބަލިކަށިވީއެވެ.

''އައިމް ސޮރީ... ކީއްވެތަ ކުޑާއަށް އަބަދު ހިތާމަތައް ލިބެނީ؟... ވައި!...'' ލުޔޫންއަށް މޫނުގައި އަތް އަޅާލެވުނެވެ.

''ލޫލޫ...'' ނާލާ ކަންބޮޑު ވިއެވެ. ހަށިގަނޑު ސީދާކޮށްލަމުން އެނދުގައި އޭނާ އިށީނެވެ. އަދި ލުޔޫންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ލުޔޫންގެ ޖުމުލަ އޭނާއަށް ރަނގަޅަށް ދޭހައެއް ނުކުރެވުނެވެ.

''ދިސް އިޒް ނޮޓް ފެއާރ...'' ލުޔޫންއަށް ގިސްލެވުނެވެ. ''ކީއްވެ ކުޑާއަށް މިހެންވާންވީ؟...''

''ކޮންކަމެއްތަ؟... ލޫލޫ...'' ނާލާގެ ހާސްކަން އިތުރުވާން ފެށިއެވެ. ހިތުގައި އިތުރު ސުވާލުތައް ފުނިޖެހުނެވެ.

''އައިމް ސޮރީ...'' ލުޔޫންއަށް ރޮވެނީއެވެ.

''ކޮންކަމަކަށްތަ މައާފަށް ތި އެދެނީ؟... ލޫލޫ ތިދައްކަނީ ކޮން ވާހަކައެއްތަ؟... އަހަންނަށް ސާފުވާ ގޮތަށް ބުނެދީބަލަ...'' ނާލާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ލުޔޫންގެ ވޭނުން ފުރިގެންވި ގިސްލުންތަކުން އޭނާއަށް އިލްހާމެއް ވެގެން ދިޔައެވެ. އޭއާއެކު އޭނާގެ މެޔަށް ފިނިވާން ފެށިއެވެ. ނޭވާލާން ވެސް ދަތިވެ މޭގައި ފިރުމާލެވުނެވެ.

''ލުޔޫން!!!...'' މިފަހަރު ލަފުޒުތަކަށް ބާރުލަމުން ނާލާއަށް ގޮވާލެވުނެވެ. ކުއްލިޔަކަށް ނާލާގެ މުޅި މިޒާޖު ބަދަލުވެގެން ދިޔައެވެ. އޭނާ ގާތަށް ރުޅިއަންނަން ފެށީ ހިތުގައި ސުވާލުތައް ގިނަވެ ޖަވާބު ލިބުން ލަސްވުމުންނެވެ. ލުޔޫންގެ ކޮނޑުގައި ދެއަތުން ހިފައި ތަޅުވައި ގަނެވުނެވެ.

ޖަޒުބާތުގެ ފުން އޮއެވަރުގެ ތެރޭގައި ހިތް ބެހިގެން ދިޔަ ވަގުތު ދުލާ ހަމައަށް އެ ލަފުޒުތައް އައިސްފިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާފައި ބިލާލްގެ ދެމަފިރިން ވަންނަނީއެވެ. ލުޔޫން ބުނި ޖުމްލަތަކާއެކު ނަދީމާއަށް ތެޅިގަނެވުނެވެ. ލުޔޫންގެ ނަމުން ބާރުބާރަށް ގޮވާލެވުނެވެ. އޭރު އޮތީ ވަގުތު ފާއިތުވެފައެވެ. ހަގީގަތް އޮތީ ބޭޒާރުވެފައެވެ. މުޅި މާހައުލު ބަދަލުވެގެން ދިޔަ ދަނޑިވަޅެކެވެ. ނާލާއަށް ބަލީގެ މައުލޫމާތު ދޭން ނަދީމާ ބޭނުންވީ މެލޭޝިޔާއަށް ދެވުމުންނެވެ. އޭރުން ނާލާއަށް އެންމެ އެކަށީގެންވާ ފަރުވާގެ ދޮރުތައް ވެސް ހުޅުވޭނެއެވެ. ބަލިން އަވަހަށް ފަސޭހަވެދާނެކަމުގެ އުއްމީދު ވެސް ހިތުގައި އާލާވާނެއެވެ. ނަމަވެސް އޭނާ ހީކުރި ގޮތާ ހިލާފަށް ކަންތައް ދިޔައީ ބޮއްސުން ލައިގެންނެވެ.

ނާލާއަށް އިނދެވުނީ ހުއްޓުން އަރައިފައެވެ. މުޅި މީހާ ފިނިވެފައެވެ. ކަންފަތުގެ ތޫރީގައި ގުގުމަމުން ދިޔައީ ލުޔޫންގެ ޖުމްލަތަކެވެ. ހޮނުގުގުރީގެ ސިފައިގައެވެ.

''ލޫކީމިއާ...'' ތުރުތުރުއަޅަމުން ދިޔަ އަޑަކުން ނާލާއަށް ތަކުރާރުކޮށްލެވުނެވެ. އޭރު އެދެލޯ ކަރުނުން ފުސްވަމުން ދިޔައެވެ. ހިތުގައި އުފެދިގެން އައި ބިރުވެރިކަމާއި ރިހުން، ވޭނީ އާހްތަކަކަކަށް ބަދަލުވެއްޖެއެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުވެދާނެކަމަށް ކުރެވުނު ހުރިހާ އުއްމީދެއް ވިއްސަވިހާލިވެގެން ދިޔައެވެ. ހިތާމަޔާއި ހިތްދަތިކަމުން ފުރިގެންވި އަނދިރިކަމުގެ ތެރެއަށް އަނެއްކާ ވެސް ނަފުސު ގެނބިގެން ހިނގައްޖެކަމުގެ އިހުސާސް ނާލާއަށް ކެރެވުނެވެ. މިފަހަރު އެނބުރި އައުމެއް ނުވާ ގޮތަކަށެވެ. މަދު ދުވަސްކޮޅެއްގެ މެހުމާނަކަށް ވެދާނެކަމުގެ ބިރުވެރިކަން އައިސް މީހާ ވަށާލައި ހާސްކުރުވަން ފެށިއެވެ.

''ދަރިފުޅާ...'' ނަދީމާ އައިސް ނާލާގެ އަތުގައި ހިފަން އުޅުނެވެ. ވަގުތުން ނާލާއަށް އަތްދަމައިގަނެވުނެވެ. ހީވީ ވިހަގަދަ ސޫއްޕެއް އަތަށް ކަށިހަރާލިހެންނެވެ.

ނާލާ ގެނައި ކުއްލި ހަރަކާތުން ނަދީމާ ދިޔައީ ސިހިގެންނެވެ. ވޭނުން ފުރިގެންވި އަޑަކުން ނާލާއަށް ގޮވާލިއެވެ.

''ނޫން...'' ނާލާއަށް މަޑުމަޑުން ދެފަރާތަށް ބޯހޫރާލެވުނެވެ. ހިތްދަތިކަން އެއަޑުގައިވިއެވެ.

(ނުނިމޭ)