ވަން މީޑިއާ ގުރޫޕަށް ފަސް އަހަރު ފުރި މިހާރު ގުނަމުން މި އަންނަނީ ހަވަނަ އަހަރުގެ ދުވަސްތަކެވެ. އެންމެ ދެ ނޫސްވެރީންނާއެކު 2018 ވަނަ ފެށި މި ދަތުރަށް ފަސް އަހަރު ފުރުނުއިރު، "ވަން" އަކީ އިތުބާރު ހިފޭ ނަމަކަށް ހެދުމަށް "ޓީމް" ވަން އިން ވަނީ ގޮންޖެހުން ބޮޑު މަސައްކަތްތަކެއް ކޮށްފައެވެ. މިއަދު "ވަން"ގެ ނަން ވަނީ ރާއްޖޭގެ މެއިންސްޓްރީމް މީޑިއާތަކުގެ ލިސްޓުގައި ހިމެނިފައެވެ. މިހާރު "ވަން" އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކުގެ ތެރެއިން، އެންމެ މަގުބޫލު އެއް ނޫހެވެ. ހުރިހާ ވައްތަރެއްގެ ކޮންޓެންޓް ގެނެސްދޭ ނޫހެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިނގާ ދިވެހިރާއްޖޭގެ މުހިންމު ހުރިހައި އިވެންޓްތަކެއް "ވަން"ގެ ނޫސްވެރީން ވަނީ ކިޔުންތެރީންނާ ހަމަޔަށް ގެނެސްދީފައެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި، "ވަން" އިން ވާނީ، އެންމެ އަވަހަށް، އެހެން ނަމަވެސް އިތުބާރާއެކު ހަބަރާއި މައުލޫމާތު ގެނެސްދޭން ހާއްސަ އިސްކަމެއް ދީފައެވެ. ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދެވޭ ހަބަރާއި މައުލޫމާތުގެ ތެދުކަން ކަށަވަރުކޮށް ކިޔުންތެރީންގެ ފުރިހަމަ އިތުބާރު ދެމެހެއްޓުމަކީ އެންމެ މުހިންމު ވާޖިބު ކަމުގައި ބަލައިގެންނެވެ. އަވަހަށް ހަބަރުތައް ބްރޭކް ކުރުމުގެ ބޭނުމުގައި، ކޮލިޓީ ގުރުބާންކޮށްފައެއް ނުވާނެއެވެ. ނަތީޖާއެއްގެ ގޮތުން، "ވަން"ގައި ޝާއިއުކުރެވޭ ހަބަރަކީ، އޭގެ ސައްހަކަމާއިމެދު ކިޔުންތެރީން ސުވާލު ނުއުފައްދާ ކޮންޓެންޓްކަމުގެ ޔަގީންކަން ވަނީ ހޯދައިދެވިފައެވެ. އެ ޔަގީންކަމާއި އިތުބާރު ދެމެހެއްޓުމުގެ މަސައްކަތަކީ މިއަދު "ވަން"ގެ އެޑިޓޯރިއަލް ޓީމުން އެންމެ ބޮޑު އިސްކަމެއް ދީގެން އަދާކުރަމުން އަންނަ ޒިންމާއެވެ.
2018 ވަނަ އަހަރުގެ ސެޕްޓަމްބަރު 20ގައި ވަން ފެށީ ހަމައެކަނި ދިވެހި ބަހުން ނެރޭ ކުޑަކުޑަ އޮންލައިން ނޫހެއްގެ ގޮތުގައެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ޖެނުއަރީ 16ގައި ވަންގެ އިންޓަނޭޝަނަލް އެޑިޝަން ތައާރަފުކޮށް ވަކި ނޫހެއްގެ ގޮތުގައި އެ އެޑިޝަން އަންނަނީ ހަރަކާތްތެރިވަމުންނެވެ. 2019 ވަނަ އަހަރުގެ ތެރޭގައި "ވަން މީޑިއާ ގުރޫޕް" ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ވަން އިނަޓްނޭޝަނަލް އާއި ވަން އޮންލައިންގެ ދިވެހި އެޑިޝަން މިހާރު ހިންގަމުން އަންނަނީ ބެލެނިވެރި ކުންފުނި، "ވަން މީޑިއާ ގުރޫޕް" ކުޑައިގެ ދަށުންނެވެ.
ކިޔުންތެރީންގެ މެދުގައި މަގުބޫލު އަދި އިތުބާރު ހިފޭ މީޑިއާއެއްގެ ގޮތުގައި "ވަން" ދެމެހެއްޓުމަށް، މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި މެދުކެނޑުމެއް ނެތި ބުރަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އޭގެ އެންމެ ބޮޑު ވަސީލަތަކަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުން ކުރެވިފައި ވެއެވެ. "ވަން"ގެ ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ވީހާވެސް އަވަހަކަށް ވީހާވެސް ގާތުން ހަބަރުތައް ފޯރުކޮށްދެވުނެވެ. މި މަސައްކަތްތައް އިތުރަށް ކުރިއެރުވުމަށް ތައާރަފު ކުރި "ވަން"ގެ ވައިބާ އަދި ޓެލްގްރާމް ކޮމިއުނިޓީ ގްރޫޕު އިތުރު އެހީއަކަށް ވެގެންދިޔައެވެ. މި ދެ ގްރޫޕް މެދުވެރިކޮށް ވެސް ވަގުތުން ވަގުތަށް ވަންގެ ހަބަރުތައް ކިޔުންތެރީންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ. ހަމަ އެހެންމެ ބިދޭސީންނަށް ފަސޭހައިން ހަބަރުތައް ފޯރުކޮށްދިނުމަށް ޓަކައި އެމީހުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕެއް ވަނީ ގާއިމުކޮށްފައެވެ. އެ ގުރޫޕް ވެސް ގަވައިދުން އަޕްޑޭޓް ކުރަމުން ގެންދެވެއެވެ.
"ވަން"ގެ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކޮށްދެނީ "ޓީމް ވަން"ގެ ހީވާގި މުވައްޒަފުންނެވެ. މިވަގުތު "ވަން"ގެ ކުޑައިގެ ދަށުގައި، އެކި ޑިޕާޓްމަންޓުތަކުގައި ފުލްޓައިމްކޮށް 20 މުވައްޒަފުން މަސައްކަތްކުރަމުން ގެންދެއެވެ. ރެޔާއި ދުވާލު، ބަންދު ދުވަހަކަށް ބެލުމެއް ނެތި، މުވައްޒަފުންގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން ވަން ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކޮށްދިން އަދި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ހައްގު ޝުކުރު އަދާކުރަމެވެ. އެއީ ވަންގެ އެންމެ ބޮޑު ރައުސްމާލެވެ. ވަކި ދުވަހެއް، ވަކި ވަގުތެއް ބެލުމެއް ނެތި، "ވަން"ގެ ހީވާގި ނޫސްވެރިން ދިޔައީ ހާދިސާތަކުގެ އެންމެ ފަހުގެ މައުލޫމާތު ތާޒާކަމާއެކު ކިޔުންތެރީންނަށް ގެނެސްދެމުންނެވެ.
ހިއުމަން ރިސޯސް ވަރުގަދަ ކުރުމާއި އެކު، މުވައްޒަފުންނަށް ފަސޭހަ، ކިޔުންތެރީންނަށް ކޮލިޓީ ކޮންޓެންޓް އުފައްދައި ޑެލިވަރ ކުރެވޭނެ ފަދައިން، ވަންގެ އެހެނިހެން ނިޒާމްތަކާއި ވަސީލަތްތައް ތަރައްގީ ކުރުމަށް މި އަހަރު ތެރޭ ހާއްސަ އިސްކަމެއް ދެވިފައިވެއެވެ. އެ ގޮތުން، "ވަން ޑިޖިޓަލް" ސްޓޫޑިއޯ ތަރައްގީކޮށް، ބޭނުން ކުރާން ފަށާފައިވެއެވެ. މި ސްޓޫޑިއޯއަކީ، އެންމެ ޒަމާނީ ފެންވަރަށް ސޯޝަލް މީޑިއާއާއި ޓީވީ ކޮންޓެންޓްވެސް ތަރައްގީ ކުރެވޭނެ ގޮތަށް ތަރައްގީކޮށްފައިވާ ސްޓޫޑިއޯއެކެވެ.
ފުލްޓައިމް މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ލިޔުންތެރީންވެސް އަންނަނީ އެބޭފުޅުންގެ ލިޔުންތަކާއި ކޮލަމްތައް ވަންގައި ޝާއިއުކުރައްވަމުންނެވެ. އެގޮތުން އަބްދުﷲ ފާރޫގް ހަސަން ކޮންމެ ހަފުތާއަކު ގެނެސްދެއްވާ ކޮލަމާއި އިސްލާމީ ތާރީޚުގެ ވާހަކަތަކަކީ، ކިޔުންތެރީންގެ މެދުގައި މަގުބޫލު ލިޔުންތަކެކެވެ. މީގެ އިތުރުން، ރާއްޖޭގެ ނަން މަޝްހޫރު، ފުންނާބު އުސް ލިޔުންތެރިޔާ، އިމާދު ލަތީފް މިހާރު ވަނީ ފުލް ޓައިމްކޮށް ވަން އާ ގުޅިވަޑައިގެންފައެވެ. އިމާދު ގެނެސްދެއްވާ އަދުގެ ދުނިޔޭގެ ހަބަރުތަކާއި ދިވެހި ތާރީހު އަދި ބޭރު ކުޅިވަރުގެ ދިރާސާ ރިޕޯޓުތަކަށް ކިޔުންތެރީން ދޭ ސަމާލުކަން ބޮޑެވެ. ދީނީ އިލްމުވެރިޔާ ޑރ. މޫސާ އަންވަރު ހަސަން އާއި ތާރީހު ދިރާސާކުރައްވާ މުހައްމަދު ނާޖިހުގެ ލިޔުންތަކަކީ ވެސް އެ ބޭފުޅުންގެ ދާއިރާއިން ރާއްޖޭގައި ޝާއިއު ކުރެވޭ އެންމެ އިލްމީ ލިޔުއްވުންތަކެވެ. ހަމަ އެހެންމެ ގާނޫނީ، އަދި އިސްލާމީ ތާރީހުގެ މަޝްހޫރު ލިޔުންތެރިޔާ. އަލް އުސްތާޛް އަހުމަދު މާޖިދުވެސް މި އަހަރުގެ ތެރޭގައި "ވަން"އާ ގުޅިވަޑައިގެންފައެެވެ. މާޖިދުގެ ރިޕޯޓު އަދި މަޒުމޫނު ތަކަކީވެސް އިލްމީ ގޮތުން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ލިޔުއްވުންތަކެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް 2023 ވަނަ އަހަރުވެސް "ވަން"ގެ ނޫސްވެރިން ވަނީ އެކި ހާދިސާތަކާއި ބޮޑެތި އިވެންޓުތަކަށް ދަތުރުތައްކޮށް ފުރިހަމަ ކަވަރޭޖުތައް ގެނެސްދީފައެވެ. އެގޮތުން އެންމެ މުހިންމު ކަވަރޭޖެއްގެ ގޮތުގައި 2023ގައި ގެނެސްދީފައިވާ ކަވަރޭޖަކީ އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގެ ކަވަރޭޖަށް "ވަން"ގެ ސްޕޯޓްސް އެޑިޓަރު އިމާދު ލަތީފާއި އެސިސްޓަންޓް އެޑިޓަރު މުހައްމަދު ޝަމްއޫން ވަނީ ބެންގަލޫރަށް ދަތުރުކޮށް، އެންމެ ފަހުގެ ހަބަރާއި ރިޕޯޓުތައް ގެނެސްދީފައެވެ. އެ މުބާރާތުގެ އެންމެ ފުރިހަމަ ކަވަރޭޖެއް، އެންމެ ތަފްސީލީ ރިޕޯޓުތަކާއި އެކު ގެނެސްދީފައި ވަނީ "ވަން" އިންނެވެ.
އޭގެ އިތުރުން މަޑަގަސްކާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ހަބަރުތަކާއި ތަފާތު ރިޕޯޓުތައް ގެނެސްދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ މީޑިއާ ޓީމުގައި ހިމެނިގެން، ވަންގެ އެސިސްޓެންޓް އެޑިޓަރު މުހައްމަދު ޝަމްއޫން ދަތުރުކުރިއެވެ. އަދި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ވެސް ފުރިހަމަ ކަވަރޭޖެއް "ވަން ސްޕޯޓްސް" އިން ވަނީ ގެނެސްދީފައެވެ. ކުރީގެ ދެ އަހަރެކޭ އެއްފަދައިން، މި އަހަރު ވެސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މީގެ އިތުރުން ވެސް ރާއްޖޭގައި މިއަހަރު ބޭއްވި ބޮޑެތި ގިނަ އިވެންޓުތަކަކާއި ކުޅިވަރު މުބާރާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ވަން ވަނީ ހޮވައިފައެވެ.
- ބައިބަލާ ޗެމްޕިއަންޝިޕް 2023
- ގޯލްޑަން ފުޓްސަލް ޗެލެންޖް 2023
- މިޔަޓް ފުޓްސަލް ފިއެސްޓާ 2023
- އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ)
- އިންޓަ ސްކޫލު އެތުލެޓިކްސް މުބާރާތް 2023
- ޓެކާސް ރިސޯޓް ކަޕް 2023
- ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލު ފުޓުބޯޅަ މުބާރާތް 2023
ކިޔުންތެރީން، ސްޕޮންސަރުން އަދި ޕާޓްނަރުން "ވަން" އަށް މިއަހަރު ދެއްވި ލޯތްބާއި އިތުބާރާއެކީ 2024 ވަނަ އަހަރުގެ ދަތުރު "ވަން" އިން މި ފަށަނީ މި މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށަށް އާ މަސައްކަތްތަކެއް ތައާރަފުކޮށް 2023 ވަނަ އަހަރަށް ވުރެ ވެސް ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ އުއްމީދާއި ހިތްވަރާ އެކުގައެވެ. ވަން އަކީ އެންމެނެވެ. ވީ އާ "ވަން" އެވެ. ހުރިހާ ބޭފުޅުންނަށް ވެސް އާހަރުގެ ތަހުނިޔާއެވެ.
ވަން މީޑިއާ ގުރޫޕް
ވަން މީޑިއާ ގުރޫޕް
ވަން މީޑިއާ ގުރޫޕް