ނިމިގެން ދިޔަ 2023 ވަނަ އަހަރު ދުނިޔޭގައި ހިނގި އެންމެ ބިރުވެރި، އެންމެ ގެއްލުންބޮޑު، އެންމެ އަނިޔާވެރި ހަނގުރާމައަކީ އޮކްޓޫބަރު ހަތަކުން ފެށިގެން ގާޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ޒަޔަނިސްޓް ސިފައިން ކުރިއަށް ގެންދާ ހަނގުރާމައެވެ. ހަގީގަތުގައި މިއީ ހަނގުރާމައެއް ނޫނެވެ. މިއީ މުތުލަގަށް ގަތުލުއާއްމެކެވެ. މި އަނިޔާވެރި އުދުވާނަށް ނިމުމެއް ނުގެނެސް އިޒްރޭލުން އަދިވެސް ކުރިއަށް ގެންދަނީއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން މިހާތަނަށް ފަންސަވީސް ހާސް މީހުން ޝަހީދުވެއްޖެއެވެ. ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މިއީ އިޒްރޭލޭ ކިޔުނު ދައުލަތް ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު ގާއިމުކުރިފަހުން ގާޒާގައި އިޒްރޭލުން ހިންގާ އެންމެ ބޮޑު ގަތުލުއާއްމެވެ. ގާޒާއަކީ ދޭތެރެ ދޭތެރެއިން އިޒްރޭލު ސިފައިން ހަމަލާދެމުން އަންނަ ތަނެކެވެ. އެކަމަކު ފާއިތުވި އަހަރުތަކުގައި އިޒްރޭލުން ހިންގާފައިވާ ލޭ އޮހޮރުވުންތަކަށްވުރެ މިފަހަރުގެ ލޭ އޮހޮރުވުމުގެ ބިރުވެރިކަން ބޮޑެވެ. ފުޅަލެވެ.
އިޒްރޭލް ސިފައިން ގާޒާ ހިފީ 1967 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައެވެ. އެހައިތަނަށް ގާޒާއޮތީ މިސްރުގެ ބެލުމުގެ ދަށުގައެވެ. އެއަހަރުގެ ޖޫންމަހުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ގާޒާގައި އޮތީ އިޒްރޭލުގެ އަސްކަރީ އިސްތިއުމާރެވެ. މިދެންނެވި ދުވަހަށްފަހު ގާޒާގެ މައްޗަށް ހިނގަމުން އަންނަނީ ފަލަސްތީނުގެ ވަގުތީ ސަރުކާރުގެ ހުކޫމަތެވެ. ހުސްވި 2003 ވަނަ އަހަރުގެ އޮކްޓޫބަރު ހަތެއްގައި ގާޒާއާ ދެކޮޅަށް އިޒްރޭލުން އެންމެ ފުރަމަ ވައިގެ ވަރުގަދަ އޮޕަރޭޝަނެއް ފެށީ ހަމާސް ޖަމާއަތުން އިޒްރޭލުގެ އަސްކަރިއްޔާއާ ދެކޮޅަށް އެދުވަހު ހިންގި އޮޕަރޭޝަން ބަހަނާއަކަށް ހަދައިފައެވެ. ގާޒާގައި އޮތީ ހަމާސްގެ ބާރެވެ. ހަމާސް ޖަމާއަތް އޮޕަރޭޓްކުރަނީ ގާޒާގައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 2.2 މިލިޔަން މީހުން ދިރިއުޅެނީ ގާޒާގައެވެ. ކޮންމެއަކަސް އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި މުޅި ގާޒާވަނީ ވެލިފުންޏަކަށް ހަދައިފައެވެ. ހަސްފަތާލުތަކާއި މަދަރުސާތައް ހަލާކުކޮށް ފުނޑުފުނޑުކޮށްފިއެވެ. މުޅި ސަރަހައްދު ގަބުރުސްތާނަކަށް ހަދައިފިއެވެ.
އެންމެފުރަތަމަ ހުއްޓުމެއްނެތި ގާޒާއަށް ވައިގެމަގުން ހަމަލަދީ ވިހިދުވަސްވަންދެން ގާޒާ ސުންނާފަތި ކުރުމަށްފަހު އިޒްރޭލް ސިފައިން އެއްގަމުން ގާޒާއަށް ވަދެގަތީ 27 އޮކްޓޫބަރުގައެވެ. މަގުސަދެއްކަމަށް ބުނަނީ ހަމާސްގެ މުޖާހިދުން ބަލިކޮށް ރަހީނުން މިނިވަންކުރުމެވެ. މި މަގުސަދު ހާސިލްވާތީއެއް ނުފެނެއެވެ. ފެންނަ މަންޒަރަކީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ޝަހީދުވާ މަންޒަރާއި ގާޒާ ވީރާނާވަމުންދާ މަންޒަރެވެ. ޚާއްސަކޮށް ތުއްތުކުދިން ޝަހީދުވާ ހިތާމަވެރި މަންޒަރެވެ. އިޒްރޭލަށް ވާގިވެރިވެ ހަތިޔާރު އޮއްސަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުންނެވެ. އިޒްރޭލުގެ އަނިޔާވެރިކަން ދިފާއުކުރަނީވެސް އެ ގައުމުތަކުންނެވެ. ހަނގުރާމަ ހުއްޓާލުމަށް އިލްތިމާސްކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ކިތަންމެ ގަރާރެއް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ. އެމެރިކާއިން ދަނީ ހަމާސްއަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށްވެސް އިންޒާރުދެމުން ހަރަކާތްތެރިވަމުންނެވެ. ޚާއްސަކޮށް އީރާނާއި ސީރިޔާ އަދި ޔަމަނެވެ.
ހަމާސްއަށް އަސްކަރީގޮތުންނާއި ސިޔާސީގޮތުން ވާގިވެރިވާ އެންމެ ބޮޑުބާރަކީ އީރާނެވެ. އީރާނަށް ބިރުދެއްކުމަށްޓަކައި އެމެރިކާއިން ވަނީ އެސަރަހައްދަށް މަތިންދާބޯޓު އުފުލާ ދެތިން މަނަވަރެއްވެސް ފޮނުވައި ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އިޒްރޭލަށް މުދާގެންދާ އާގުބޯޓުފަހަރަށް ރެޑްސީގެ ތެރޭގައި ޔަމަނުން ހަމަލަދޭތީ ޔަމަން މައިތިރިކުރުމަށް ރަހުމަތްތެރި ދިހަވަރަކަށް ގައުމު ބައިވެރިކޮށްގެން އެމެރިކާއިން ވަނީ ނޭވަލް ކޯލިޝަނެއްވެސް އުފައްދައިފައެވެ. ކޮންމެއަކަސް މި ހަނގުރާމަ މިހާރު އޮތީ މުޅި ސަރަހައްދަށް ފެތުރިގެން ދިއުމާގާތްކުރާ ހިސާބެއްގައެވެ. އިޒްރޭލު މައިތިރިކުރަން އެއްވެސް މަސައްކަތެއްނުކޮށް ތިބެފައި ހުޅަނގުގެ ބާރުތަކުން ހަރަކާތްތެރިވަމުންދަނީ ހަމާސްއަށް ތާއީދުކުރާ ފަރާތްތައް މައިތިރި ކުރެވޭތޯއެވެ. ފަލަސްތީނަށް ތާއީދުކޮށްފައި ބަސްބުނުންވެސް ހުޅަނގުގެ ގައުމުތަކުން ވަނީ ކުށަކަށް ހަދައިފައެވެ. މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު ރޯވެ އަނދަމުންދާއިރު ޔުކްރޭނުގެ ހަނގުރާމައަށް ދުނިޔެއިން ދެމުންއައި ސަމާލުކަން ވަނީ ބޮޑުތަނުން ފަނޑުވެފައެވެ.
އިޒްރޭލުން ވަނީ ގާޒާގައި އިޒްރޭލުގެ އަސްކަރީ އިސްތިއުމާރު 2005 ވަނަ އަހަރު ނިމުމަކަށް ގެނެސް ފަލަސްތީނުގެ ވަގުތީ ސަރުކާރާ ހަވާލުކޮށްފައެވެ. މިގޮތަށް އަސްކަރީ އިސްތިއުމާރު ނިމުމަކަށް ގެނެސް އިޒްރޭލް ސިފައިން ގާޒާއިން ފޭބިކަމަށްވިޔަސް ގާޒާއާ ދެކޮޅަށް އުދުވާނެއް ނުހިންގައި މާގިނަދުވަހަކަށް ނުތިބެވުނެވެ. އޮޕަރޭޝަން ސަމަރ ރެއިންގެ ނަމުގައި 2006 ވަނަ އަހަރުގެ ޖޫން އަށާވީހުން ނޮވެމްބަރު ސައްބީހަށް ޖުމްލަ ހަތަރުމަހާއި ހަތަރު ހަފުތާއަށް ވަރަށް ވަރުގަދަ އުދުވާނެއް ގާޒާގައި ވަނީ ހިންގައިފައެވެ. މި އުދުވާނުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ހާހެއްހައި މީހުން ޝަހީދުވިއެވެ. އިޒްރޭލު ސިފައިންގެ ތެރެއިން މަރުވިކަމަށް އެނގިފައިވަނީ އެގާރަ މީހުންނެވެ. އިޒްރޭލް ސިފައިން ކުރިން ދެންނެވި ބީދައިން ގާޒާއިން ފޭބިކަމަށްވިޔަސް ގާޒާގެ ވަޔާއި ކަނޑުގެ ސަރަހައްދަށް އޮތީ އިޒްރޭލުގެ ބާރެވެ. ގާޒާއަށް ވަދެނުކުމެވާ ހަތް މަގުގެ ތެރެއިން ހަ މަގުގެ މައްޗަށްވެސް އޮތީ އިޒްރޭލުގެ ބާރެވެ.
ގާޒާއަށް އަރައި 2009 ވަނަ އަހަރު އިޒްރޭލް ސިފައިން ހިންގި ހަރަކާތަށް އިޒްރޭލުން ދީފައިވާ ނަމަކީ އޮޕަރޭޝަން ކާސްޓް ލޭޑްއެވެ. ފަލަސްތީނު މީހުން މި ހަގުރާމައަށް ގާޒާގެ ގަތުލުއާއްމޭ ކިޔައެވެ. އަދި ފުރުގާނުގެ ހަނގުރާމައޭވެސް ކިޔައެވެ. އިޒްރޭލް ސިފައިން އެއްގަމާއި ވައިގެމަގުން 27 ޑިސެމްބަރު 2008 އިން ފެށިގެން 18 ޖެނުއަރީ 2009 އަށް ޖުމްލަ ތިން ހަފުތާއަށް ކުރިއަށް ގެންދިޔަ މި އުދުވާނުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ދޮޅުހާސް މީހުން ޝަހީދުވެފައިވެއެވެ. އިޒްރޭލުން މަރުވެފައިވަނީ ޖުމްލަ ތޭރަ މީހުންނެވެ. މި އޮޕަރޭޝަން ހިންގީ އިޒްރޭލުގެ ބޮޑުވަޒީރުކަމުގައި އިހޫދް އޮލްމާޓް ހުންނެވިއިރުގައެވެ. އިޒްރޭލް ސިފައިން ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު ސާދައިން ފެށިގެން އެކާވީހަށް މުޅިއެކު އެއް ހަފުތާގެ މުއްދަތަށް ގާޒާގައި އަނެއްކާވެސް އުދުވާނެއް ހިންގައިފައެވެ. މި އުދުވާން ހިންގިއިރު ބޮޑުވަޒީރަކީ ބެންޖަމީން ނަތަންޔާހޫއެވެ. އޮޕަރޭޝަން ޕިލަރ އޮފް ޑިފެންސްގެ ނަމުގައި ހިންގި މި އޮޕަރޭޝަނުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 300 މީހުން ޝަހީދުވެފައިވެއެވެ. އިޒްރޭލުން މަރުވިކަމަށް އެނގިފައިވަނީ ހަތަރު މީހުންނެވެ.
ބެންޖަމީން ނަތަންޔާހޫގެ ބޮޑުވަޒީރުކަމުގައި 2014 ވަނަ އަހަރުގެ ޖުލައި އަށަކުން ފެށިގެން އޮގަސްޓް ސައްބީހާ ހަމައަށް އެއްމަހާއި ދެހަފުތާގެ މުއްދަތަށް އަނެއްކާވެސް ވަރުގަދަ އުދުވާނެއް އިޒްރޭލުން ވަނީ ގާޒާގައި ހިންގައިފައެވެ. ޕްރޮޓެކްޓިވް އެޖްގެ ނަމުގައި އިޒްރޭލުން ހިންގި މި އޮޕަރޭޝަނުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ތިންހާސް މީހުން ޝަހީދުވެފައިވެއެވެ. އިޒްރޭލް ސިފައިންގެ ތެރެއިން މަރުވިކަމަށް އެނގިފައިވަނީ 73 މީހުންނެވެ. ނަތަންޔާހޫގެ ބޮޑުވަޒީރުކަމުގައި އަނެއްކާވެސް 2021 ވަނަ އަހަރުގެ މެއި ހަޔަކުން އެކާވީހަށް ދެ ހަފުތާގެ މުއްދަތަށް އިޒްރޭލުން ވަނީ އެއްގަމާއި ވައިގެ މަގުން ގާޒާގައި ވަރުގަދަ އުދުވާނެއް ހިންގައިފައެވެ. މި އުދުވާނުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެެއިން ހާހެއްހައި މީހުން ޝަހީދުވެފައިވެއެވެ. އިޒްރޭލުން މަރުވިކަމަށް އެނގިފައިވަނީ ފަނަރަ މީހުންނެވެ. މި އޮޕަރޭޝަނަށް އެއްއަހަރު ފަހުން 2022 ގެ އޮގަސްޓް މަހުގެ ތެރޭގައިވެސް އިޒްރޭލުން ވަނީ ގާޒާއާ ދެކޮޅަށް ދެ ދުވަހަށް ދެމިގެންދިޔަ އުދުވާނެއް ހިންގައިފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް