ފެނަކަ ކޯޕަރޭޝަނުގެ ވެންޑަރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ކޮންޓްރެކްޓުތައް ކެންސަލްކޮށް، ވެންޑަރުންގެ ގޮތުގައި ރެޖިސްޓްރީވާން އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ އެ ކުންފުންޏަށް ބޭނުންވާ އެކި މުދަލާއި ސާމާނު ފޯރުކޮށްދިނުމަށް ވެންޑަރުންގެ ގޮތުގައި ގިނަ ބަޔަކު ރެޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެ ވެންޑަރުން ކެންސަލްކޮށް މި ހަފުތާ ތެރޭ އަލުން ރެޖިސްޓްރީވާން ހުޅުވާލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފެނަކައިގެ ވެންޑަރުންގެ ގޮތުގައި ދެން ރެޖިސްޓްރީ ކޮށްދޭނީ ކުންފުނީގެ ގައިޑްލައިންތަކަށް ފެތޭ ކުންފުނިތަކަށް އެކަނި ކަމަށެވެ.
މަގާމާ ހަވާލުވި އިރު، ކުންފުނީގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށްވެފައިކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ، ކުންފުނިން ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާއިރު، ހާލަތު ދަަށަށް ދާން މެދުވެރިވި ސަބަބުތައް ރަނގަޅު ކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ފެނަކައިގެ ދަރަނީގެ ޖުމުލަ އަދަދަކީ 4.16 ބިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން ލޯނުގެ ގޮތުގައި 871 މިލިއަން ރުފިޔާ ދައްކަންޖެހިފައިވާ އިރު، އެހެން ފަރާތްތަކަށް ޕޭޔަބަލްސްގެ ގޮތުގައި ދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާ އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު