އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަމުންދިޔަ މިފްކޯ، ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކޮށްފިއެވެ.

މީގެ ކުރިން މިފްކޯގައި އެސްޓީއޯގެ 99.99 ޕަސަންޓުގެ ހިއްސާ އޮތެވެ. އަދި އެސްޓީއޯގެ ދަށުން ހިންގާ އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސަންޓު ހިއްސާ އޮތެވެ.

ފިނޭންސް މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިފްކޯއަކީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކޮށްފައިވާ ކަމަށާއި ހިއްސާ ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އަދި އެ ބަދަލުގެ މަގުސަދަކީ މިފްކޯ އިން ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، މާލީ އެހީތަކާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ފިނޭންސުން ބުންޏެވެ.

މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިފްކޯ އޮތް އޮތުން ނިމުމަކަށް ގެނެސް، 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

"އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި، މަސްވެރިންނަށް އަޅުގަނޑުމެން ވެފައިވާ ވައުދުތައް ހާސިލުކުރުމުގައި މަގުފަހިކުރުން،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް އުފައްދައި، އެ ކޯޕަރޭޓިވްގެ ހިއްސާދާރަކަށް މިފްކޯ ހަދަންވެސް ނިންމާފައިވާ ކަމަށެވެ. އެ ކަންކަން ކުރުމަށް މަގުފަހިވާނީ ވެސް މިފްކޯ ވަކި ކުންފުންޏަކަށް ބަދަލުކުރުމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް އުފައްދައި، އެ ކޯޕަރޭޓިވްގެ ހިއްސާދާރަކަށް މިފްކޯ ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މަސްވެރިކަމުގެ ދާއިރާއާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައި ހުރި ގިނަ ކަންކަން ގުޅިފައިވަނީ މިފްކޯ ހަރުދަނާކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވަކި ކުންފުންޏެއްގެ ގޮތުގައި އުފެއްދި މިފްކޯގެ ދަރަނި ބޮޑުވުމާއެކު އެ ދަރަންޏާ ސަރުކާރުން ހަވާލުވެ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލު ކުރީ 2016 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭގެ ފަހުން ނިމިދިޔަ ސަރުކާރުންވެސް ވަނީ މިފްކޯ، އެސްޓީއޯގެ ދަށުން ވަކިކޮށް ވަކި ކުންފުންޏެއް ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ.