ހިޔާ ފުލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރަތްކުރާ ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަަވަމުން ރައީސް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވައްސަކީ މާބޮޑު އަޅާލުމެއް ލިބިފައިވާ ސަރަހައްދެއް ނޫން ކަމަށެވެ.

"މިތަނުގައި މިހުރި ޓަވަރުތަކާ ބެހޭގޮތުން ވެސް ހަމަ އަޅުގަނޑު ހަމަ ދަންނަވާލަން އޮތް ވާހަކައަކީ، ދެވަނަ ފިޔަވަހީގަ މިހުރި ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަކީ އަޅުގަނޑު ވީ ވައުދެކޭ. އަދި ވައުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ އެ ލިފުޓުތައް ކޮންމެ ޓަވަރެއްގައި ހަރުކުރަން ނިންމާފައިވާ ގޮތަށް، ދެ ލިފްޓު ހަރުކުރުމަށް މިހާރު އެކަމަށް ބޭނުންވާ ނިންމުންތައް ނިންމައި އެގްރީމެންޓު ހެދުމުގެ މަސައްކަތް ކުރިއަށް އެދަނީ. އިރާދަކުރެއްވިއްޔާ މި ހަފުތާ14ގެ ތެރޭގައި ހަމަ އެ ތާވަލުކުރެވުނު ގޮތަށް މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއަށްފަހު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންކަން ތާވަލާ އެއްގޮތަށް ކުރިއަށްގެންދާނެ ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ ޕާކުތަކާއި އިގުތިސޯދީ މަސައްކަތްތަކަށް އެކަށީގެންވާ ތަންތަން ދެވަނަ ފިޔަވަހީގައި ތަރައްގީކޮށް، ދެވަނަ ފިޔަވެއްސަކީ ހިތްގައިމު ތަނަކަށް ހެދުން ކަމަށެވެ. ސަރުކާރުގެ އެ ސިޔާސަތު އާބަންކޯ އިން ތަންފީޒުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު އެޅުނު ސްކޫލުގެ ބިންގާއަކީ ފޭސް ދޭއްގެ ތަރައްގީގެ ބިންގާ ކަމަށެވެ. ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ކަންކަން ވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.