ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ދެންމެ "ވަން" އަށް ވިދާޅުވީ އެ ދެބޭފުޅުން ބައްދަލު ކުރެއްވީ ރައީސް އޮފީހުގައި ކަމަށެވެ. ނަމަވެސް އެ ބައްދަލު ކުރެއްވުމުގެ ތަފްސީލެއް ޝަހީބު ނުދެއްވައެވެ. ވިދާޅުވީ އެ ކަމާބެހޭ މައުލޫމަތު ލިބުމުން އެކަން ހިއްސާ ކުރައްވާނެ ކަމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި އެ ދެބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ޑރ. މުއިއްޒު، ރައީސް މައުމޫނާ ބައްދަލު ކުރައްވާފައި މި ވަނީ، މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވައި، މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް ނުދެނަހުރިން ކަމަށް މައުމޫން ވިދާޅުވެ ފާޑު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް މައުމޫނު އެކްސްގައި އެހެން ވިދާޅުވުމާ ގުޅިގެން ބައެއް ޝެއިހުން ރައީސް މައުމޫނަށް ފާޑު ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނުގެ އެމްއާރުއެމް އިން ނިންމާފައި އޮތީ، ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. ނަމަވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރައީސް މައުމޫނުގެ ދަރިކަލުން ގައްސާން މައުމޫނަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ޑީފެންސް މިނިސްޓަރެވެ.

ރައީސް މުއިއްޒު މިއަދު ރައީސް މައުމޫނާ ބައްދަލު ކުރައްވާފައިވާ އިރު، މިދިޔަ ހަފުތާގައި އެމަނިކުފާނު ވަނީ އެހެން ބައެއް ސިޔާސީ ލިޑާރުންނާވެސް ބައްދަލު ކުރައްވައިފައެވެ.

އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ހިމެނިވަޑައިގަންނަވައެވެ.