ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެ ގޮތުން، ގައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތައަރުފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ "ހަމަހަމަކަން ކަށަވަރު" ނިޝާނަކީ އިގުތިސޯދީ ގޮތުން ދެ ޖިންސުގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށާއި ވަޒީފާގެ މާހައުލަކީ ދެ ޖިންސަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުވެފައިވާ ފަހި މާހައުލަކަށް ހެދުމަށްޓަކައި ހުރިހާ އިދާރާތަކުގައިވެސް މިންތީގެ ހަމަހަމަ ކަމަށް ބާރުއެޅުމުގެ ގޮތުން ގައުމީ ފެންވަރުގައި އެކުލަވައިލެވޭ ނިޒާމެއް ކަމަށެވެ.

އެގޮތުން މަސައްކަތްތައް ބައްޓަންކުރަންވީ މައިގަނޑު ދާއިރާތަކާއި މިންގަނޑުތަކެއް ކަނޑައަޅައި، މި މިންގަނޑުތައް ހާސިލުކުރުމަށް ހިތްވަރުދިނުމަށާއި މިންތީގެ ހަމަހަމަ ކަމަށް ވަކާލަތުކޮށް ކާމިޔާބީތައް ހޯދާފައިވާ އިދާރާތަކުގެ އަގު ވަޒަން ކުރުމަށް މި ނިޝާން ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ނިޝާން ތައާރަފުކުރެވުމާއެކު ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން މިންތީގެ ހަމަހަމަ ކަމަށް ކުރާ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރެވި، ރާއްޖެއިން މިންތީގެ ހަމަހަމަކަން ގާއިމުކުރުމާ ގުޅޭގޮތުން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގައުމީ ފެންވަރުގައި އެކުލަވައިލެވިފައިވާ ޖެންޑަ އިކުއަލިޓީ އެކްޝަން ޕްލޭން (2026–2022) ގެ ދަށުން ދިވެހިރާއްޖޭގައި އިދާރީ ފެންވަރެއްގައި ޖެންޑަ މެއިންސްޓްރީމް ކުރުމަށް ކުރާ މަސައްކަތް އެއްހަމަ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

"ހަމަހަމަކަން ކަށަވަރު" ނިޝާންގެ އަސާސީ މިންގަނޑުތަކުގެ ތެރޭގައި މައިގަނޑު ފަސް ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި އިދާރާއަށް މުވައްޒަފުން އައްޔަނުކުރުމުގައި ޖެންޑަ ނިއުޓްރަލް އުސޫލެއް ގެންގުޅުމާއި މިންތީގެ ތަފާތުކުރުންތައް އަދި ޖިންސީ ފުރައްސާރަކުރުން ހުއްޓުވައި އެކަން ހައްލުކުރުމަށް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމާއި ޖެންޑަ ރެސްޕޮންސިވް އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއި ހަމަހަމަ މަސައްކަތްތަކަށް ހަމަހަމަ އުޖޫރައެއް ދިނުމުގެ އިތުރުން ކަންކަން ނިންމާ ފެންވަރުގައި ނުވަތަ މެނޭޖްމަންޓް ލެވެލްގައި މިންތީގެ ހަމަހަމަ ކަމަށް އަހައްމިއްޔަތުކަން ދައްކުވައިދިނުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން ގައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތައާރަފުކުރުން ވަނީ ހިމަނުއްވައިފައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވީ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، ޕްރިންސިޕަލް ސެކްރެޓަރރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި ނިޝާން ތައާރުފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން މިހާރު ކުރިއަށްގެންދަވާ ކަމުގައެވެ.