ފަލަސްތީނުގެ ގާޒާއަށް ރައްކާތެރިކަމާއެކު އެހީ ފޯރުކޮށްދިނުމަށް ހަމަލާތައް ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަމަށް އދ. އިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލައި، އދ. އިން އިއްޔެ ފާސްކުރި ގަރާރަކީ އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
"އެކަމަކު ވައިގެ ހަމަލާތަކުގެ މެދުގައި އެހީތެރިކަން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އުނދަގޫ ކަމެއް. ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރި ހަމަލާތައް ދަނީ ކުރިމަތިވަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އދ. ގެ ގަރާރާއެކު އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އދ. ގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ އާއި ސެކިއުރިޓީ ކައުންސިލުންވެސް ވަނީ ގާޒާގައި އިންސާނީ އެހީ މެދުނުކެނޑި ފޯރުކޮށްދެވޭނެ މަގުފަހިކުރުމަށް ގޮވާލައިފައެވެ.
އިޒްރޭލުގެ ކަމާގުޅޭ އިދާރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ހަނގުރާމަ ފެށި ފަހުން މިހާތަނަށް 5،405 އެހީގެ ލޮރީ ގާޒާއަށް ވައްދަން ހުއްދަ ދީފައިވެއެވެ. އޭގެ ތެރޭގައި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނާއި ކާބޯތަކެއްޗާއި ފެން ހިމެނެއެވެ.
ފަލަސްތީނުގެ ވެސްޓް ބޭންކުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ އިދާރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ގާޒާއަށް ވެއްދިފައިވަނީ ހާލުގައި ޖެހިފައިވާ މީހުންނާ އަޅައި ބަލާއިރު މާ މަދު އެހީއެކެވެ. އެއީ އެ ހުރިހާ އެންމެނަށް އެހީ ފޯރުކޮށްދެވޭނެ މިންވަރެއްވެސް ނޫން ކަމަށް ބުނެއެވެ.
އދ. އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ގާޒާއަށް މިހާތަނަށް ފޯރުކޮށްދެވިފައިވަނީ އެތަނުގައި ތާށިވެފައި ތިބި އެންމެނަށް ބޭނުންވާ މިންވަރުގެ އެންމެ 10 ޕަސަންޓެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުން ދަނީ ގާޒާގައި އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުން ކަމަށެވެ. އަދި އެމީހުން އޮޕަރޭޝަންތައް ކުރިއަށްގެންދަނީ ގާޒާގެ އެކި ހިސާބުތަކަށް އެހީ ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.
އެގޮތުން، ގާޒާގައި އެހީ ފޯރުކޮށްދޭ މުވައްޒަފުންނަށް ރައްކާތެރިކަމާއި އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅެވޭނެ ގޮތް ފަހިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިޔަފާރީގެ މުއާމަލާތްތައް އަލުން ފަށަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ކުރިން ގުޓެރެޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނގުރާމައިގައި ވޭތުވެދިޔަ 75 ދުވަސްތެރޭގައި ގާޒާގައި ހަރަކާތްތެރިވި އދ. ގެ 136 މުވައްޒަފުން މަރުވެފައިވާ ކަމަށާއި މިއީ އެ ޖަމިއްޔާގެ ތާރީހުގައިވެސް ނުދެކޭ ކަމެއް ކަމަށެވެ. ގިނަ މުވައްޒަފުން އަމިއްލަ ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ގާޒާގެ މީޑިއާ އޮފީހާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. އިޒްރޭލުން މަރުވީ 1،400 މީހުން ކަމަށް މީގެ ކުރިން އެ ގައުމުން ބުނި ނަމަވެސް، ފަހުން ވަނީ އެ އަދަދު 1،140 މީހުންނަށް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު