އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން ވިލިމާލެއާއި ހުޅުމަލޭ ހޮސްޕިޓަލު ތަރައްގީ ކުރުމަށްވެސް އަމާޒު ހިފާފައިވާ ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލް ހިންގަނީ އައިޖީއެމްއެޗްގެ ދަށުން ކަމުން އެ ހޮސްޕިޓަލުތަކުގެ ހިންގުންވެސް ބަލަހައްޓަވަނީ އައިޖީއެމްއެޗްގެ ސީއީއޯއެވެ. މަގާމާ ހަވާލުވެލެއްވުމަށް ފަހު "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ހަލީމް ވަނީ އެ ހޮސްޕިޓަލުތައް ތަރައްގީކުރުމަށް ގެންގުޅުއްވާ ޕްލޭންތަކާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.

އެގޮތުން ހަލީމް ވިދާޅުވީ އައިޖީއެމްއެޗަކީ ސަރުކާރުގެ މައި ހޮސްޕިޓަލުކަމުން، ހޮސްޕިޓަލުގެ ހިދުމަތް ފުޅާނުކޮށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލިބެންޖެހޭ އެންމެ އަވަސްމިނުގައި ނުދެވޭނެ ކަމަށެވެ. އެ މަސައްކަތް ކުރައްވާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ކެޕޭސިޓީވެސް އިތުރުކޮށްގެންކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސޕްިޓަލުގައި ލޭބާ ރޫމެއް ގާއިމުކުރުމާއި އިތުރު އީއާރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އައިޖީއެމްއެޗުގެ މައި އޮޕަރޭޝަން ތިއޭޓަރު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

"މި އޮޕަރޭޝަން ތިއޭޓަރު ހެދުމުން ދަރުމަވަންތަ ހޮސްޕިޓަލުގައި ސާޖަރީ ކުރިއަށް ދާއިރު އައިޖީއެމްއެޗްގައިވެސް އެ ހިދުމަތް ދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލު ތަރައްގީކުރުމުގެ މަސައްކަތުގެ ތަފްސީލު ދެއްވަމުން ހަލީމް ވިދާޅުވީ އެ ހޮސްޕިޓަލުގައިވެސް އޮޕަރޭޝަން ތިއޭޓަރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެންއައިސީޔޫއާއި އައިސީޔޫގެ މަސައްކަތްތަކެއްވެސް ހިނގާކަން ފާހަގަކުރައްވަމުން ހަލީމް ވިދާޅުވީ އުންމީދުކުރައްވަނީ އަންނަ އަހަރުގެ މެދުތެރެއިން އެ ޕްރޮޖެކްޓު ނިންމާލެވޭނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ އީއާރުގެ ހިދުމަތްވެސް މިހާރަށްވުރެ ފުޅާކުރުމުގެ މަސައްކަތް ކުރައްވާ ކަމަށާއި ޕްރޮޖެކްޓު ނިމުމުން ހުޅުމާލޭގެ ރައްޔިތުން މާލެ ނައިސް، އެ ހިދުމަތްތައް ލިބޭ ކަމަށް ވިދާޅުވިއެވެ.

ވިލިމާލޭ ހޮސްޕިޓަލު ތަރައްގީކުރުމަށް ގެންގުޅުއްވާ ޕްލޭނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލު އިތުރަށް ތަރައްގީކުރުމުގެ ޕްލޭނެއް މިހާރު ފަރުމާކުރަމުންދާ ކަމަށެވެ.

"އާ ހޮސްޕިޓަލު ބިލްޑިންއެއް އެޅުމުގެ މަޝްރޫއެއް އެބަ ތައްޔާރުވޭ. ހަމަ އެއާއެކީގައި ވިލިމާލެއާއި މާލެއާ ދޭތެރޭގައި ހާއްސަކޮށް ބަލިމީހުން އުފުލަން ސީ އެމްބިއުލާންސެއް ބޭއްވުމުގެ ތައްޔާރީތައް އައިޖީއެމްއެޗުންނާއި ހެލްތު މިނިސްޓްރީން ގުޅިގެން އެބަ ކުރިއަށްދޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އައިޖީއެމްއެޗް ތަރައްގީވަމުންދާ އިރު، ހޮސްޕިޓަލަށް އޮންނަ ޑިމާންޑުވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ކެޕޭސިޓީ އިތުރުކޮށްފައި ހުރި ކަމަށާއި ހިދުމަތް ދޭން ބޭނުންކުރަނީ އެންމެ ފަހުގެ މެޝަނަރީތައް ކަމަށް ވިދާޅުވިއެވެ. ނަމަވެސް މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ މީހުން ދުވަހެއް ދުވަހަކަށް ގިނަވުމާއެކު ޑިމާންޑު ބޮޑުވާތީ ހޮސްޕިޓަލުގެ ހިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ފާހަގަކުރެއްވިއެވެ.