ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ވަނީ "ކުރުސީ.ކޮމް، ދިޔަވަރު.ކޮމް،" ބްލޮކްކޮށްފައެވެ. އެ ސައިޓުތައް ބްލޮކްކުރި ސަބަބެއްގެ ގޮތުގައި ރައީސް އޮފީހުން ބުނެފައިވަނީ، އެ ސައިޓުތައް ބްލޮކްކުރީ ރަޖިސްޓްރީ ކޮށްފައިނުވާތީ ކަމަށެވެ.

ސަރުކާރުން ފާޑު ކިޔަމުންދާ ދެ ވެބްސައިޓެއް ކަމަށްވާ "ކުރުސީ.ކޮމް، ދިޔަވަރު. ކޮމް" އަދި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށްވާ "ފުރަތަމަ ނޫސް" ސަރުކާރުން ވަނީ ބްލޮކްކޮށްފައެވެ. އެކަމާ ގުޅިގެން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، އެޑިޓާސް ގިލްޑު، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ނުރުހުން އަމާޒުކޮށްފައެވެ.

ފައްޔާޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑިފެންސް މިނިސްޓަރަކަށް އާދަމް ޝަރީފު ހުންނެވި އިރު، ރައްޔިތުންގެ މަޖިލީހަށް އަލަށް ސިފައިން ވައްދައި، މެމްބަރުންނަށް އަނިޔާ ކުރައްވާފައިވާ ކަމަށެވެ.

"މިހާރު ކޭމް މެދުވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފެއްޓެވީ. ލާމަރުކަޒީ ނިޒާމުވެސް ފުށިދިއްގަރަށް. ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ،" ފައްޔާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގައި 56 މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވާ އިރު، އެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވާލައިފައެވެ. ނަމަވެސް އެ ފަހުން، އަދިވެސް އެ މަސައްކަތް ފަށައިފައެއް ނުވެއެވެ.

ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ބައެއް އެމްޑީޕީ މެމްބަރުން ވަނީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހިމެނެއެވެ.