ރަޖިސްޓްރީ ނުކޮށް ހިންގާ ކަމަށް ބުނެ ސަރުކާރުން ބްލޮކްކުރި ދެ ވެބްސައިޓާ ގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށާއި އެ ދެ ވެބްސައިޓު ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ވަނީ ސަރުކާރަށް ފާޑު ކިޔާ ދެ ވެބްސައިޓް، ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމް އިއްޔެ ބްލޮކްކޮށްފައެވެ. އޭގެ އިތުރުން ފުރަތަމަ.ކޮމްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ވެބްސައިޓެއްވެސް ވަނީ ބްލޮކޮށްފައެވެ.

އެކަމާ ގުޅިގެން އެމްއެމްސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓުތަކަކީ ވެސް 'މީޑިއާ' ކަމަށް މީޑިއާ ކައުންސިލްގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާން ކުރާ ކަމަށް ކަމަށެވެ.

"ބްލޮކްކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މި ކައުންސިލަށް ހުށަހަޅާފައި ނުވާއިރު އުސޫލެއް ނެތި ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް،" އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްސީގެ ގާނޫނުގެ 36 ވަނަ މާއްދާގައި 'މީޑިއާ' ކަމަށް ބުނެފައިވަނީ، ޓީވީއަށާއި ރޭޑިއޯއަށާއި އިންޓަރެކްޓިވް ސީޑީއަށާއި ވެބްސައިޓަށާއި ދުވަހުނޫސްތަކަށާއި ހަފްތާނޫސްތަކަށާއި މަޖައްލާތަކަށާއި ޓްރޭޑް ޕަބްލިކޭޝަންތަކަށާއި މިނޫންވެސް ނަންނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި ރަޖިސްޓަރީ ނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިޝްތިހާރު، އާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާ ނުލައި ލިބޭ ގޮތަށް، ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށެވެ.