މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބުވެއްޖެނަމަ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ބުޅާތަކަށް ހާއްސަ ޕާކެއް ހަދައިދޭނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމްގެ މެނިފެސްޓޯ "އެމްޑީޕީ ފެހި ތަނަވަސް މާލެ" އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ވަރަށް ގިނަ މީހުން އޮޅު ޖަނަވާރެއްގެ ގޮތުގައި ބުޅާ ގެންގުޅޭ ކަމަށެވެ. އަޅުގަނޑުމެން އިންސާނުންދެކެ ލޯބިވާ ފަދައިން، ގެންގުޅޭ އޮޅު ޖަނަވާރުދެކެ ވެސް ލޯބިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމަކީ މާލޭގައި އުޅޭ ބުޅާތަކަށް ހަމަސް ދުވަހުގެ ތެރޭގާ ރަނގަޅު ހައްލެއް ހޯދައިދިނުން. އަޅުގަނޑުމެން ބުޅަލުގެ ޕާކެއް ހަދައިދީ، އެ ބުޅާތައް އެތަނަށް ގެންދާނަން" އާޒިމް ވިދާޅުވިއެވެ.

އެ ޕާކުން ޕެޓްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި އެތަނަކީ ހިތްފަސޭހަ ތަނަކަށް ހަދައިދޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މާލޭގައި ޕޮކެޓް ޕާކިން އަދި ޕޮކެޓް ކުނި ނަގާ ތަންތަނުގެ އިތުރުން ޕޮކެޓް ޕާކު ހަދައިދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަންތައް ކުރެވޭނީ ރައްޔިތުންނާ ގުޅިގެން، ނުހެދި ހުރި ބިންތަކަށް ގެންނަ ބަދަލެއްގެ ތެރެއިން ކަމަށެވެ.