ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކަނީ، އެ ފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދޭ ގޮތަށް ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
އާބަންކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ އާބަންކޯއިން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް ކަމަށެވެ. އެ ފަޅު ހިއްކުމުގެ ބަދަލުގައި ސީއެމްސީއަށް 70 ހެކްޓަރުގެ ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރު, ރަސްމާލެއިން ދޫކުރާ 60 ހެކްޓަރު. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ލިބެނީ 1093 ހެކްޓަރު ބިން. އެޗްޑީސީގެ އެސެޓަށް ނޫނީ އެޗްޑީސީއަށް ޖަމާވެގެން މި އަންނަނީ،" ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން، މިދިޔަ ސަރުކާރުގައި ވެސް އެފަދަ އެއްބަސްވުންތައް މީގެ ކުރިން އާބަންކޯއިން އެކި ކުންފުނިތަކަކާއެކު ވެފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެއިން ފޭސް ތިނެއް، ތިލަފުށި އަދި ދިޔަނެރު ފަޅު ހިއްކުމަށް އެގޮތަށް އެއްބަސްވުން ހަދައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިޔަނެރުފަޅުން 22 ހެކްޓަރު، ތިލަފުށިން ނުވަ ހެކްޓަރު އަދި އިތުރު 53 ހެކްޓަރެއް އެގޮތަށް ކުއްޔަށް ދީފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ. މިދިޔަ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ހުޅުމާލެ އެކެއް އަދި ދޭއްގައި މިހާރު ލޭންޑެއް ނެތް ކަމަށް ވިދާޅުވިއެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ ކަންކަމުގައި އެއްވެސް ކަމެއް ގާނޫނާހިލާފަށް ކޮށްފައިނުވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ. އާބަންކޯގެ އަމާޒަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒާ އެއްގޮތަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި މީހުން އާބާދުކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު