މާހައުލަށް ވެރިވެގެން ދިޔަ ހިމޭންކަން ވެގެން ދިޔައީ ވިވިއަންއަށް ލިބުނު ހިތްވަރެއް ކަމުގައެވެ. ނާލާއަށް އިތުރު ޖެއްސުމެއް ކޮށްލައި ދެރަކޮށްލާނެ ގޮތުގެ މޮޅު ޚިޔާލެއް އޭނައަށް ލިބުނެވެ. ތުންފަތަށް ވެރިވި ވިހަ ހިނިތުންވުމާއެކު އެނދުގައި އޮތް ނާލާއަށް ވިވިއަން ބަލައިލިއެވެ. އޭރު ނާލާ އޮތީ ސީލިންގަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ މޫނު މަތިން މޮޅިވެރިކަމާއި އުދާސްކަމުގެ އަސަރުތައް ފާހަގަ ކުރެވުނަސް އެއިން އެއްވެސް ކަމަކަށް ވިވިއަން ސަމާލު ކަމެއް ނުދިނެވެ. އޭނަ ދެކެން އެންމެ ބޭނުންވި ދުވަސްތައް އެދަނީ ލޯކުރިމަތިން ތަމްސީލު ވަމުންނެވެ. ނާލާއަށް ލިބޭނެ ކޮންމެ ދެރައަކީ އޭނައަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. ދިރިއުޅުމުގެ ވާދަވެރިކަމުގައި އޭނައަށް ލިބޭނެ ކުރިއެރުމެކެވެ. އަބަދުވެސް އޭނަ ބޭނުންވީ ހުރިހާ ކަމެއްގައި ނާލާއަށް ވުރެން ކުރިއަރައިދާށެވެ. މިއަދު އޭނަގެ ހިތުގެ މުރާދު އެވަނީ ހާސިލް ވެފައެވެ. ނާލާގެ ދިރިއުޅުން އެވަނީ ކުއްލި ގޮތަކަށް އިނދަޖެހިފައެވެ. އަނދިރިވެފައެވެ. މުސްތަޤުބަލެއް އަމުދުން ނެތެވެ. ނަމަވެސް އޭނަގެ މުސްތަޤުބަލު ފެންނަނީ އުޖާލާކަމާއެކުގައެވެ.

''ބަނޑުބޮޑުވެއްޖެއްޔާ އެންމެފަހުން ދަރިން ނުލިބޭ މީހެއް ނޫންކަން ޔަޤީންވާނެތާ ... އެކަމަކު ދެން ކިހިނެއްތަ ވާނީ؟... އަހަރެން އަޑު އެހިން ރުހައިމްގެ މިސްޓްރެސް ވެސް ބަނޑުބޮޑޭ... ރުހައިމްވީ އޭނަ ގާތުގައޭ ބުނާ އަޑުވެސް އިވޭ... ދެން ކިހިނެއްތަ ވާނީ؟... ދެމީހުން އެކީގަ ދޯ ވިހާނީ ވެސް، އެކަމަކު ރުހައިމް ދާނީ ކާކު ގާތަށްތަ؟... އޫޕްސް ސޮރި...... ސޮރީ، ހަނދާން ނެތުނިއްޔޭ ޑިވޯސް ވެއްޖެކަން... އެހާ ލޯބިން އުޅުނު ދެމީހުން ޑިވޯސްވީމަ ޤަބޫލުކުރަން ވެސް ހާދަ ދައްޗޭ... އަނެއްކާ އެކްސްޓްރާމެރިޓަލް އެފެއާއެއްގަ....... ސޯ، މިވީ ގޮތުން އެކަނި ދޯ ޕްރެގްނެންސީ ހޭދަ ކުރަން ޖެހޭނީ ވެސް، ހާދަ ދެރައޭ، އެކަނި ކިހިނެއްތަ އެދުވަސްތައް ހޭދަކުރާނީ ވެސް، ފިރިމީހާގެ އަޅާލުން އެންމެ ބޭނުންވާ ދުވަސްތައް އެއީ...'' ނާލާއާ މެދު ހަމްދަރުދީ ވެފައިވާ ކަމުގެ އަސަރުތައް އަޑަށް ގެންނަމުން ވިވިއަން ވާހަކަދެއްކިއެވެ. އޭރު ވެސް ސިއްރުވެރި ހިނިތުންވުމެއް އޭނަގެ ތުންފަތުގައި ވިއެވެ.

''ވިވިއަން!!!...'' ނުރުހުމާއެކު ޝައިހާއަށް ގޮވާލެވުނެވެ. ވަގުތުގެ ނާޒުކުކަން އެނގޭއިރުގައި ވެސް ނާލާއާ ދިމާކޮށްލަން ވިވިއަން ކުރަމުން ދިޔަ މަސައްކައްކަތާ މެދު ޝައިހާ ހިތްހަމަނުޖެހުނެވެ. ވިވިއަންގެ ހިތުގެ ކަޅުކަން އޭނައަށް ރަނގަޅަށް ވެސް ތަސައްވަރު ކުރެވުނެވެ. ނާލާއަށްޓަކައި އެ ހިތުގައި ހަމްދަރުދީގެ ޒައްރެއްގެ މިންވަރު ވެސް ނެތްކަން ޔަޤީންކުރެވުނެވެ.

''އަޅެ ދޮގެއްތަ އަހަރެން މިބުނީ؟... އަހަރެން މިވާހަކަދެއްކީމަތަ ގޯސް ވަނީ؟...'' ތުންއަނބުރާލަމުން ވިވިއަން ބުނެލިއެވެ. ''އަހަންނަށް ވެސް ވާހަކަ އަޑުއިވުނު ވަގުތު ޝޮކެއް ލިބުނު، ރުހައިމްއާ ނާލާ އުޅުނު ގޮތުން ހީވަނީ އެހެންފަދަ ކަމެއްހެން ވިއްޔާ، ދެން ކުއްލިޔަކަށް އިވުނީ ދެމީހުން ވަރިވާން އުޅުނު ޚަބަރު، މަޢުލޫމާތު ސާފު ވިއިރުގައި އަންހެނެއްގެ މައްސަލައިގަ...''

''ކީއްކުރަން މިތަނަށް އައިސްގެން ތިއުޅެނީ؟... ޔޫ އާ ނޮޓް ވެލްކަމް ހިއާ...'' ޝައިހާ ގާތަށް ރުޅިއައެވެ. ''އެހެރީ ވަންދޮރު!، އަވަހަށް ނިކުންނަން އުޅޭ!...''

''ތީކާކުތަ އަހަރެންގާތު ނިކުންނާށޭ ބުނަން؟... ހޫނ!، ހާދަ ފޫއްސެއްވެޔޭ، އަހަރެން ގޯސްކުރަން އުޅޭނެ ކަމެއް ނެތް، ގޯހީ ރުހައިމް، އޭނަގެ ސަބަބުންނެއްނު މިހެން ކަންތައް މިވީ، ނޫނީ އަހަރެން ބުނިހެން ނާލާގެ މައްސަލައެއް ހުރީމަތަ ތިހާވަރުން އަހަރެން އަނގަ ބަންދުރުވަން ތިއުޅެނީ؟، އައި މީން، އަނބިމީހާ ހުއްޓާ ހިލޭ އަންހެނެއްގެ ގާތަށް ދާންޖެހޭނީ ކޮންމެވެސް ކަމެއް ދިމާވީމައެއް ނޫންތަ؟...'' ވިވިއަންގެ ވާހަކަތަކުން އޭނައަށް ނާލާ އާއި ރުހައިމްއާ ދެމެދު ހިލިގެންގޮސްފައިވާ މައްސަލައިގެ ތަފްސީލުތައް ލިބިފައިނުވާކަން ހާމަވެއެވެ. އޭނަ ވެސް ބަރާސޯވަމުން ދިޔައީ ތުންތުންމަތިން ދެކެވެމުން ދިޔަ ވާހަކަތަކަށެވެ. އޭގެ ތެރެއަށް ބުހުތާންދޮގުތައް މަސްހުނިކޮށްގެން ފަތުރަނީ ނާލާ ފަޟީޙަތް ކުރާށެވެ.

''ވިވިއަން!...'' ލަފުޒުތަކަށް ބާރުލަމުން ޝައިހާ ގޮވާލިއެވެ. ޝައިހާ އާއި ވިވިއަން އެކަކު އަނެކަކާ ބަދަލުކޮށްލީ އަލިފާނުގެ ބެލުމެކެވެ. އެގޮތުގައި ތިއްބާ، ކޮޓަރީގެ ދޮރު ހުޅުވާލާފައި ނަދީމާ ވަދެގެން އައެވެ. ވިވިއަންގެ މިޖާޒާއި މޫނުގެ ކުލަވަރުތައް ބަދަލުވެގެން ދިޔައީ ކުއްލިޔަކަށެވެ. މޫނުމައްޗަށް މޮޅިވެރިކަން ގެންނަމުން ރާގު ވާހަކަދެއްކުމުގެ ރާގު ބަދަލުކޮށްލީ މުޅި ދުނިޔެމަތިން ވެސް ނާލާއަށް ހެޔޮއެދޭނެ ދެވަނަ މީހަކު ނުވާނެހެން ހީވާ ފަދައަކުންނެވެ. އޭރު ރުޅިގަދަވެގެން ގޮސް ޝައިހާ ހީވަނީ ފަޅާއިގެން ހިނގައިދާނެ ހެންނެނެވެ. ރުޅި ހިފަހައްޓާލަން މަޖުބޫރުވީ ނާލާ އޭނަ އާއި ބަދަލުކޮށްލި ނަޒަރުގެ ސަބަބުންނެވެ.

''އަޅޭ ތިހެން އުޅެންޏާ ނާލާ އިތުރަށް ބަލިވާނީ އެއްނު، ބަލާބަ ނަދީމަ އާންޓީ ވެސް ކަންބޮޑުވެފަ ހުރި ވަރު...'' މޮޅިވެރިކަން އަޑަށް ގެންނަމުން ވިވިއަން ވާހަކަދެއްކިއެވެ. މާހައުލުގެ ނުތަނަވަސްކަން ބަދަލުކޮށްލަން ވިވިއަން މަސައްކަތްކުރިއެވެ. ވާހަކައިގައި ހުރެފައި ނާލާގެ ގާތަށް ގޮސް އޭނަ ހުއްޓުނެވެ. އަދި އޯގާތެރިކަމާއެކު ނާލާގެ އަތުގައި ވެސް ފިރުމާލިއެވެ.

''ޔޫ ވިލް ގެޑް ބެޓާ...'' ދެއްކުންތެރިކަމުގެ ހިނިތުންވުމަކާއެކު ވިވިއަން ބުނެލިއެވެ. އޭނަ މަސައްކަތްކުރީ ނަދީމާގެ ނަޒަރުގައި ރަނގަޅު މީހަކަށް ވާށެވެ.

ވިވިއަން ފެނުމުން ނަދީމާއަށް ހުރީ އުނދަގޫވެފައެވެ. ވާހަކަތައް ހަލުވިކަމާއެކު ފެތުރިއްޖެކަން އޭނައަށް ނަގައިގަންނަން ލަހެއް ނުވިއެވެ. ރައްޓެހިން ވެސް ޚަބަރު ހޯދަން ގުޅާތީ އޭނަ އޮތީ ފޯނު ނިއްވާލާފައެވެ. ރައްޓެހިންނާ ޢާއިލާގެ އެއްވެސް ކަމެއް ހިއްސާކުރަން މިހާރު ނަދީމާ ބޭނުމެއް ނުވެއެވެ. އެންމެންގެ ނިޔަތް މިހާރު ދަސްވެފައިވާތީއެވެ. އެކުވެރިންގެ ޚިޔާލުތަކަށް އެންމެ ބޭނުން ޖެހުނު ދުވަހު އެއްވެސް މީހެއްގެ ފަރާތުން އެއްބާރުލުމެއް ނުލިބުނެވެ. ދެއްކުންތެރިކަމުން ފުރިގެންވި ހިނިތުންވުންތައް އޭނައަށް ދެނެގަނެވިއްޖެއެވެ. މަލާމާތުން ފުރިގެންވި ވާހަކަތައް ވެސް ދޭހަވެއްޖެއެވެ. ދެރައީ އޭނައަށް އެކަންތައް ލަހުން ވިސްނުނީތީއެވެ. އެކުވެރިން ރުއްސުމުގައި ވަގުތު ބޭކާރުކޮށްލެވުނީތީއެވެ. އެކުވެރިންގެ އިރުޝާދުގެ ދަށުން ދަރިންގެ ދިރިއުޅުމުގެ މައްޗަށް ނުފޫޒު ފޯރުވަން އުޅެވުނީތީއެވެ. މިހާރު ނަދީމާ ބޭނުންވަނީ އޭނަގެ ދިރިއުޅުން ގޮސްފައި އޮތް ރާސްތާ ބަދަލުކޮށްލާށެވެ. ނަމެއްގައި ތިބި އެކުވެރިންނާ ދުރުވެ ދަރިންނަށް ވަގުތު ދޭށެވެ. ލޯބި ދޭށެވެ.

''ޒާހިރާ ކޮބާތަ؟...'' އަތުގައި އޮތް ތަށިބަރި ގެންގޮސް އެނދުކައިރީ ހުރި ކަބަޑު މަތީ ބަހައްޓަމުން ވިވިއަންއަށް ނަދީމާ ބަލައިލިއެވެ.

''މަންމަ ވީ ގޭގަ، ބުނި އާންޓީ ގުޅީމަ ފޯނު ނުނަގާ ވާހަކަ...'' ވިވިއަން ބުނެލިއެވެ.

''އެހެންތަ؟... ގުޅީމަ ފޯނު ނުނެގުނީމަ ބައްދަލުކޮށްލަން ވެސް އާދެވުނީހެއްނު...'' ހިސާބެއްގެ ނުރުހުންތެރިކަން ނަދީމާގެ އަޑުގައި އެކުލެވިގެން ވިއެވެ. އެކަން ވިވިއަންއަށް ފާހަގަކުރެވި އަނގަ ސަކަރާތްވާ ގޮތް ވިއެވެ. ގިނައިރު އެތާނގައި މަޑުކުރުމަކީ ރަނގަޅު ޚިޔާލެއް ނޫންކަން ވިވިއަންއަށް ވިސްނުނެވެ. ބަހަނާއެއް ދައްކާފައި އޭނަ އަވަސްވެގަތީ ދާށެވެ. މަންމަ އާއި ނަދީމާގެ ގުޅުން ހީނަރުވެއްޖެކަމުގެ ރަތް ސިގްނަލް ލިބުނެވެ.

ވިވިއަންގެ ވިހަ ދުލުގެ އަސަރު ނާލާގެ ހިތަށް ކުރިއެވެ. ކުރިއަށްވުރެން ބޮޑަށް ހިމޭންވެފައި އޮތީ އެހެންވެއެވެ. އޭނައަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ކަންތައް ގޯސްވެދިޔައީ އޭނަގެ ސަބަބުން ބާވައޭ ހިތާ ސުވާލުކުރެވުނު އަދަދެއް ނޭނގެއެވެ. މާޔޫސްކަމުގެ ފުން ކަނޑަށް އަނެއްކާ ވެސް ގެނބިގެން ދިޔަކަމުގެ އިހުސާސް ނާލާއަށް ކުރެވުނެވެ. މޫނުމަތި މިލައިގެން ގޮސް ދެލޮލަށް ވެސް މޮޅިވެރިކަން ވެރިވެއްޖެއެވެ.

''ދަރިފުޅު އެއްޗެއް ކާން ވީނު؟...'' ވިވިއަން ނިކުމެގެން ދިއުމާއެކު ނާލާއަށް ބަލައިލަމުން ނަދީމާ ބުންޏެވެ. ކުރިއަށްވުރެން ބޮޑަށް ނާލާގެ މޫނު މިލައިގެން ގޮސްފައިވާކަން ނަދީމާއަށް ފާހަގަ ކުރެވި ކަންބޮޑުވާން ފެށިއެވެ. އަތުގެ ނުފުށް އޭނައަށް ޖައްސާލެވުނީ ނާލާގެ ނިތްކުރީގައެވެ.

''ހުން ވައްތަރު ވެސް ވެފަ ތިއޮތީ...'' ނަދީމާ ކަންބޮޑުވިއެވެ.

''މަންމާ، މިހާރު ރަނގަޅޭ، އައި.ވީ ގުޅީމަ ގައިގަ ވަރުވެސް ޖެހިއްޖެ...'' މަންމަގެ ހިތްހަމަޖައްސާލަދޭން ނާލާ މަސައްކަތްކުރިއެވެ. އޭނައާ މެދު މަންމަ ފިކުރުބޮޑުވެފައިވާ މިންވަރު ނާލާއަށް އިހުސާސްކުރެވުނެވެ. މަންމައަށް އިތުރު ތަކުލީފަކަށް ވާން ނާލާ ބޭނުމެއް ނުވިއެވެ. ކަށިން ހިތްވަރު ނެރެން ބޭނުންވީ ވެސް މަންމައަށްޓަކައެވެ. މަންމައަށް އޭނަގެ ސަބަބުން ހާސްކަން ލިބެން ބޭނުން ނުވާތީއެވެ.

ހަށިފުރާ ނާލާއަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. ސިކުނޑި ކައި ހުސްކުރަމުން ދިޔަ ހާސްކަމާ ދުރުވެލަން އޭނަ ނުހަނު ބޭނުންވިއެވެ. ހިތުގެ ހަމަޖެހުން އިތުރަށް ގެއްލިގެން ހިނގައިދާނެތީއެވެ. މި ނާޒުކު ވަގުތުގައި ހަޔާތުގެ ރާސްތާ ކަނޑަނާޅައިފިނަމަ ދިރިއުޅުން އިހުނަށްވުރެން ބޮއްސުންލައިގެން ހިނދައިދާނެކަމުގެ ބިރު ހިތުގައި އޮތެވެ. ހިތާމަތައް ބަރުދާސްތުކުރަން ދަތިވިކަމުގައި ވިޔަސް، ކުޑަ ހިތްވަރެއް ލާން ބޭނުންވީ ލޯބިވާ ފާރަތްތަކަށްޓަކަށެވެ. އެހެން ބަޔަކަށް ލިބޭ އުދާހަކަށް ވާން ބެނުން ނުވާތީއެވެ.

''ކޯޗެއްތަ ކާން ގެނައީ؟...'' މަންމަގެ ސުވާލުތަކުން ރެކިގަންނާނެ ގޮތެއް ނާލާއަށް ވިސްނުނެވެ. ވީ ވެސް އެހެންނެވެ. ނާލާގެ ޖުމްލައާއެކު ނަދީމާގެ މޫނުމަތި އުޖާލާވެގެން ދިޔަ އެވެ. އެފަދަ ޖުމްލައެއް އަޑުއިވިދާނެ ކަމަކަށް އޭނަ ހިޔެއް ވެސް ނުކުރެއެވެ. ހައިރާންކަމާއެކު ނާލާއަށް ބަލަން ނަދީމާ ހުއްޓެވެ.

''މަންމާ، ކިހިނެއްވީތަ؟...'' އަޖައިބުވެފައި ހުރި ނަދީމާއަށް ބަލައިލަމުން ނާލާ ވާހަކަދެއްކިއެވެ. ނަދީމާއަށް އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެވަގުތު އެދެލޮލުން ކަރުނަ ފައިބައިގެން ދިޔަ އެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ނާލާއަށް އެއައި ކުޑަ ބަދަލުން ވެސް ނަދީމާގެ ހިތަށް އުއްމީދެއް ލިބިއްޖެއެވެ.

''ދަރިފުޅަށް ވަރަށް މީރު އެއްޗެއްނު ބަތްޕެނަކީ، ދަރިފުޅަށް ކަމުދާނެހެން ތައްޔާރުކޮށްގެން މިއައީ ވެސް...'' ކޯތާފަތުން ރޮނގުދަމާލި ކަރުނަތިކި ފޮހެލަމުން ނަދީމާ އަވަސް އަވަހަށް ވާހަކަދެއްކިއެވެ. އެތެރެއަށް ނޭފަތް ދަމާލަމުން ކަބަޑުމަތީ ބެހެއްޓި އުރައިގެ ތެރެއިން ތަށިބަރި ނެގިއެވެ.

ނަދީމާއަށް އަތްގާތްކޮށްލަދޭން ޝައިހާ އަވަސްވެ ގަތެވެ. ފީޑިންގް ޓޭބަލް ގެނެސް ނާލާއަށް ފަސޭހަ ވާނެ ގޮތަކަށް އެނދުކައިރީގައި ބެހެއްޓިއެވެ. އަދި ނާލާއަށް ހަމަޖެހިލައިގެން އިށީނދެވޭނެހެން އެނދުގެ ބޯލާކޮޅު ވެސް އުސްކޮށްލަ ދިނެވެ.

''ޝައިހާ ދެން ގެއަށް ދާންވީނު؟...'' ނާލާއަށް ކާންދޭން އެނދުގައި އިށީންނަމުން ނަދީމާ ބުނެލިއެވެ.

''އިރުކޮޅަކުން ޑޮކްޓަރު ދުރުވާނެ ނަތީޖާއާއެކު...'' ޝައިހާ ބޭނުންވީ ޑޮކްޓަރުގެ ބަހެއް ލިބެންދެން މަޑުކޮށްލާށެވެ. އެކަން ނަދީމާއަށް ވިސްނުމުން ބޯޖަހާލިއެވެ.

''ރަނގަޅުތަ؟...'' ސަމުސަލެއް ފުރާ ނެގި ބަތްފެން ނާލާގެ އަނގައިގައި ލައްވާލަދެމުން ނަދީމާ އެހި އެވެ. ހިތުން ރުހުމުން ނާލާ ކާން އެއްބަސްވުމުން ނަދީމާގެ މޫނު ވަނީ އުޖާލާވެފައެވެ. ލޮލަށް ފެންނަ މަންޒަރު އަދިވެސް ޤަބޫލުކުރަން އޭނައަށް ދަތި ވެއްޖެއެވެ.

''ވަރަށް މީރު...'' ނާލާ ފަޑު ހިނިތުންވުމެއް ދިނެވެ. ކާހިތެއް ނެތަސް ނާލާ ބޭނުންވީ މަންމަގެ ހިތްހަމަޖައްސައިދޭށެވެ. މަންމަގެ މޫނުން ފެންނަ އުފާވެރިކަން އަބަދުމެ ދުށުމަށް އޭނަ ބޭނުން ވިއެވެ.

''ދަރިފުޅު ކައިގެން ގައިގަ ބާރު ޖެހުނީމަ އަވަހަށް ރަނގަޅުވާނީ... އިރާދަކުރެއްވިއްޔާ މިދުވަސް ވެސް ހިނގައިދާނެ...'' ނާލާގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލަމުން ނަދީމާ ބުނެލިއެވެ.

މަންމަގެ ލޯބި ނާލާއަށް އިހުސާސްކުރެވުނެވެ. ދިލަ ހިތަށް ފިނިކަމެއް ވެސް ލިބުނެވެ. ވާހަކައިގައި ތިއްބާ ނަރުހަކާއެކުގައި ޑޮކްޓަރު އައިސް ވަނެވެ. ނާލާ ކަމުން ދިޔަ މަންޒަރު ފެނި ޑޮކްޓަރުގެ ތުންފަތަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޯގާތެރިކަމާއެކުގައި ނާލާގެ ހާލު އޮޅުން ފިލުވަން ސުވާލުކުރިއެވެ.

''ގުޑް...'' ނާލަގެ ޖަވާބުކުރެވެ. އިސްޖަހާލަމުން އޭނައަށް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނެވެ. އުނގުތެރޭގައި އޮތް އަތްތިލަ ވެސް ޖޯޑުކޮށްލެވުނެވެ. އޭރު އަތުގައި ފިނިދަލެއް ވެސް ހިއްލަން ފެށިއެވެ. ހާސްކަން ވެސް ހިތަށް ވެރިވާން ފެށިއެވެ. ޓެސްޓުތަކުގެ ނަތީޖާ މިހާރު ވާނީ ލިބިފައިކަން ނާލާއަށް ޔަގީންކުރެވުނެވެ. ނަތީޖާ އައިސްފާނެ ގޮތަކާ މެދު އޭނަ ހުރީ ބިރުގެންފައެވެ. އެކަމާ މެދު ދެކޭނެ ގޮތެއް ނޭނގޭތީއެވެ. ވިސްނަމުން ގޮސް ސިކުނޑި ހުއްޓުމަކަށް އަންނަ ވަރު ވާން ފެށިއެވެ. އެފަދަ ބިރުވެރިކަމެއްގެ ތެރޭގައި ވަނިކޮށް ނަރުސް ކުއްޖާ އައިސް ވައިޓަލްސް ބަލަން ފެށިއެވެ. ނާލާއަށް ޖެހުނީ ނޭވާ ހިފަހައްޓާލާށެވެ. އަތުގައި އޮތް ފައިލަށް ޑޮކްޓަރުގެ ނަޒަރު ހުއްޓިފައިވާ މަންޒަރު ނާލާއަށް ފެނުނެވެ. އިވިގެން ހިނގައިދާނެ ޚަބަރަކާ މެދު ފިކުރު ބޮޑުވެ ހިތުގެ ތެޅުން ވެސް ނުހަނު އަވަސްވާން ފެށިއެވެ.

''ވެލް...'' އަތުގައި އޮތް ފައިލު ލައްޕާލަމުން ޑޮކްޓަރު ވާހަކަދައްކަން ފެށިއެވެ. ފަހަރަކު މީހެއްގެ މޫނަށް ޑޮކްޓަރު ބަލައިލިއެވެ. ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އެދެލޮލުގައި ވިއެވެ. ތުންފަތަށް ވެރިކޮށްލި ލުއި ހިނިތުންވުމާއެކު ދާދި އަވަހަށް އެ އަސަރުތައް ވެސް ސިއްރުކޮށްލިއެވެ. އެކަން ފާހަގަކުރެވުނީ ހަމައެކަނި ޝައިހާ އަށެވެ. އެއީ އޭނައަށް ދެނެފަރިތަ ކަމަކަށްވާތީއެވެ. ޝައިހާގެ ހިތްނުތަނަވަސްވާން ފެށީ ދެނެވެ. ބިރުވެރިކަމެއްގެ ތެރޭގައި ހިތް ގެނބެމުން ދިޔަ ނާލާއަށް އެއްވެސްކަމެއްގެ ހިލަމެއް ނުވިއެވެ.

ނާލާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ނަދީމާ ވެސް އެނދުން ތެދުވެ ޑޮކްޓަރާއި ނަޒަރު ބައްދަލުކޮށްލިއެވެ. އޭނަ ވެސް ހުރީ ނަތީޖާތަކާ މެދު ހިތް ނުތަނަވަސްވެފައެވެ. ޑޮކްޓަރު ނާލާ އާއި ކުރި ސުވާލުތަކަށް ފަހު ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ލިބިދާނެ ޚަބަރަކަށް އޭނައަށް އަމިއްލަ ނަފުސު ތައްޔާރުކޮށްލެވުނެވެ.

''ވައިޓަލްސް އަދިވެސް މުޅިން ހަމައަކަށް ނޭޅޭތީ އިތުރަށް މޮނީޓާކޮށްލަން ބޭނުން... އެހެންވީމާ ދެ ދުވަސް ވަރު އިތުރަށް ބާއްވާނެ، ދެން އިތުރަށް ޓެސްޓުތަކެއް ވެސް ހަދަން ބޭނުން...'' ޑޮކްޓަރު އިނގިރޭސިބަހުން ވާހަކަދައްކަން ފެށިއެވެ. ''މިވަގުތަށް ހެދި ޓެސްޓްތަކުގެ ނަތީޖާ ރަނގަޅު...''

''ޕްރެގްނެންސީ ރިޒްލްޓް؟...'' ނާލާގެ ހިތުގައި އޮތް ސުވާލުތައް ބޭރުވެގެން ދިޔައީ ނަދީމާގެ ދުލުންނެވެ. ޑޮކްޓަރުގެ ވާހަކަތަކުން އެކަން ފަހުމު ނުވާތީ އިތުރަށް އޭނައަށް ކެތްނުކުރެވުނީއެވެ.

''ނެގެޓިވް...'' އަތުގައި އޮތް ފައިލަށް ބަލައިލަމުން ޑޮކްޓަރު ބުނެލިއެވެ. ނާލާއަށް މޮޅިވެރިކަމުގެ ނަޒަރެއް ވެސް ދިނެވެ.

ނަދީމާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. އޭނައަށް ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރުކުރެވުނެވެ. އެހިތުގައި އޮތް ބިރުވެރިކަން ހަޤީޤަތަކަށް ނުވީތީއެވެ. އެހެންނޫންނަމަ ކުރިމަތިވާނީ ކޮންފަދަ ތޫފާނަކާކަން ވެސް ވިސްނާލަން ދައްޗެވެ.

ނާލާއަށް އިނދެވުނީ ހިމޭންވެފައެވެ. ކަންފަތަށް އިވުނު ޖުމްލައާ މެދު ދެންވީ ގޮތެއް ނޭނގިފައެވެ. އުފާވާންވީ ކަމެއް ނުވަތަ ދެރަވާންވީ ކަމެއް ވެސް ނޭނގުނެވެ. އެއްކަމެއް އޭނައަށް ޔަޤީންކުރެވުނެވެ. ހިތަށް ތަދުވިކަމެވެ. ވޭން އެޅިކަމެވެ. އުދާސްކަމުން ނޭވާއެއް ވެސް ދޫކޮށްލެވުނެވެ.

ގަޑިން ގަޑިއަށް ކެއުމަށާއި ގިނައިން ފެންބުއިމަށް އިރުޝާދު ދީފައި ޑޮކްޓަރު ދާން އަވަސްވެގެތެވެ. އެހުރިހާ އިރުވަންދެން ޝައިހާ ހުރީ ޑޮކްޓަރަށް ބަލަހައްޓައިގެންނެވެ. ޑޮކްޓަރުގެ ތުންފަތުގައި ނާލާ އާއި ވާހަކަދެއްކި އިރު ހިނިތުންވުމެއް ވިޔަސް، އެދެލޮލުގައި ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ އަސަރުތައް އެކުލެވިގެންވިހެން ޝައިހާއަށް ހީވިއެވެ. އެއާއެކު އޭނަގެ ހިތް ނުތަނަވަސްވިއެވެ. ނާލާގެ ނަތީޖާއާ މެދު އޭނަގެ ހިތުގައި ސުވާލު އުފެދުނެވެ. އިތުރު މައުލާމާތު އެނގެން ބޭނުންވިއެވެ. ސީދާ ނާލާ އާއި ހާމަނުކުރެވޭނެ ކަމެއް އޮތްހެން ހީވާތީ ހިތް ވެސް ބިރުގަންނަން ފެށިއެވެ. އިތުރު ޓެސްޓްތަކެއް ހަދަން އުޅޭތީ ހާސްކަން އިތުރުވާން ފެށިއެވެ.

''އެބަ އަންނަން އިނގޭ...'' ނާލާއަށް ބަލައިލަމުން ޝައިހާ ބުނެލިއެވެ. އެއަށްފަހު އޭނަ ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. ޝައިހާއަށް މާބޮޑު ސަމާލު ކަމެއް ނަދީމާއަށް ނުދެވުނީ ބަސްމަދުވެފައި އޮތް ނާލަ ފެނުމުންނެވެ.

''ދަރިފުޅާ...'' ޑޮކްޓަރުގެ ވާހަކަތަކުން ނާލާއަށް ބަދަލުތަކެއް އައިސްފިކަން ނަދީމާއަށް ޔަޤީންކުރެވުނެވެ. ނާލާގެ ހިތުގައި އުއްމީދެއްވީ ބާވައޭ ވެސް ނަދީމާގެ ހިތަށް އެރިއެވެ.

ނަމަވެސް ކީއްވެގެން ހެއްޔެވެ؟ ރުހައިމްއަށްޓަކައި ނާލާގެ ހިތުގައިވާ އިހުސާސްތަކަށް ބަދަލުވުމެއް ނާންނާނީ ހެއްޔެވެ؟ ބޭވަފާތެރިޔަކަށް ވިޔަސް ހެއްޔެވެ؟ މިއީ ކޮންކަހަލަ ނުބައި ސަމާސާއެއް ހެއްޔެވެ؟

''މަންމާ، ނިދާލަން ބޭނުމީ...'' މަންމަ ސުވާލު ކޮށްފާނެތީ ނާލާ ލޯމަރާލިއެވެ. ވާހަކައިގެ އެއްބައި ދުލުގައި އޮތްވާ ނަދީމާއަށް ޖެހުނީ ދިރުވާލާށެވެ.

''ޝައިހާ އެދިޔައީ ފޯނު ވެސް ބާއްވާފަ، މަންމަ މިދަނީ ފޯނު ދޭން، ނިދާބޮކި ދިއްލާލަން ވީ ދޯ؟...'' ނާލާއަށް ނިދަން ފަސޭހަ މާހައުލެއް ހޯދައިދޭން ނަދީމާ ބުނެލިއެވެ. އަދި އެނދުމަތީ އޮތް ޝައިހާގެ ފޯނު ހިފައިގެން ކޮޓަރިން ނިކުންނަން ދަމުން ނިދާބޮކި ދިއްލާލިއެވެ.

*****

''ޑޮކްޓަރު ރާޖް!...'' ޑޮކްޓަރުގެ ފަހަތުން ދިޔަ ޝައިހާއަށް ގޮވާލެވުނެވެ. ހަދަންވީ ޓެސްޓުތަކުގެ މައުލޫމާތު ނަރުސް ކުއްޖާއަށް ދެމުން ދިޔަ ޑޮކްޓަރު ރާޖުގެ ފިޔަވަޅުތައް މަޑު ޖައްސާލީ ޝައިހާގެ އަޑަށެވެ. ޓެސްޓުތަކައިގެން ކުރިއަށް ދިއުމަށް އިރުޝާދު ދެމުން ނަރުސް ކުއްޖާ ގާތު ދިއުމަށް ޑޮކްޓަރު ރާޖް ބުނެލިއެވެ. އޭރު ޝައިހާ އައިސް އަރާހަމަކުރަނީއެވެ.

''އިސް އެވްރީތިންގް އޯކޭ؟...'' ޝައިހާއަށް ސުވާލުކޮށްލެވުނެވެ. އޭނަގެ ހިތް އޭރު ވެސް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. ގޯހެއް އުޅެކަމުގެ އިންޒާރުގެ ރަނގަބީލުތައް އިވޭހެން ހީވާތީއެވެ.

''ރިޒަލްޓްސް، ވަޓް އެބައުޓް ދަ ރިޒްލްޓްސް؟، ކޭން ޔޫ ޕްލީޒް ގިވް މީ މޯ ޑީޓެއިލްސް؟...'' ޝައިހާއަށް އިތުރު ސުވާލުތަކެއް ކޮށްލެވުނެވެ. އެއީ ނަދީމާއަށް ވެސް އެތަނަށް އާދެވުނު ވަގުތެވެ. ޝައިހާ ކުރި ސުވާލުތަކަށް ނަދީމާގެ ސަމާލުކަން ވެސް ހުއްޓިއްޖެއެވެ. ހަމައެއާއެކު ޝައިހާގެ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުންތަކާއި ޑޮކްޓަރު ރާޖް ދޫކޮށްލި ފުންނޭވާގެ ސަބަބުން ނަދީމާގެ ހިތަށް ހާސްކަން ވެރިވާން ފެށިއެވެ.

ވަށައިގެން އޮތް މާހައުލަށް ދިން ނަޒަރާއެކު ޑޮކްޓަރު ރާޖް ނިތުގައި ބޮޑުވާ އިނގިލި ހިންގާލަމުން ލޮލުގައިވި ނަންބަރު އައިނު ރަނގަޅުކޮށްލިއެވެ. އަދި ބަލިމީހުންބަލާ ކޮޓަރިއަށް އައުމަށް ބުނެލިއެވެ. ވާނުވާ ނޭނގިފައި ހުރި ނަދީމާގެ ހިތް ބިރުގަންނަން ފެށީ ދެނެވެ. ޑޮކްޓަރު ރާޖުގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވެއްޖެކަން ވެސް އޭނައަށް ދޭހަކުރެވުނެވެ. ހަމައެއާއެކު ބޮޑު ވާހަކައެއް ހިއްސާކުރަން އުޅޭކަމުގެ އިޝާރާތްތައް ވެސް ފެނި ނަދީމާއަށް ނޭވާ ހިފަހައްޓާލަން މަޖުބޫރު ވިއެވެ.

*****

ބަލިމީހުން ބަލާ ކޮޓަރީގައި ތިބި އިރުގައި މާހައުލުގައި އޮތީ ނުތަނަވަސްކަމެވެ. ޑޮކްޓަރު ރާޖު ދައްކަން އުޅޭ ވާހަކައަކާ މެދު ނަދީމާ ބިރުގަންނަން ފެށިއެވެ. ވާހަކަ ފަސޭހައިން ފަށާނެ ގޮތެއް ނޭނގިފައި ޑޮކްޓަރު ރާޖު އިންނަން ފެށުމުން ނަދީމާގެ ނިތުން ފިނި ދަލެއް ވެސް ހިއްލަން ފެށިއެވެ.

''ޑޮކްޓަރު ރާޖް...'' ޝައިހާއަށް ގޮވާލެވުނެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު ޑޮކްޓަރު ރާޖް ވާހަކަދައްކަން ފެށިއެވެ. ފުރަތަމަ ވެސް ފެށީ ނާލާގެ ނަތީޖާތަކުންނެވެ. މަޢާފަށް އެދެމުންނެވެ.

''ލޭގެ ޓެސްޓުގައި މައްސަލަތައް އެބަހުރި...'' ޑޮކްޓަރު ރާޖް ފެށިއެވެ.

ސިހުމުގެ އަސަރުތައް ޝައިހާގެ މޫނުމަތިން ފެނުނެވެ. ދެލޯ ވެސް ބޮޑުކޮށްލެވުނެވެ. އޭގެ މާނަ ނަގައިނުގަނެވުނު ނަދީމާއަށް ވާނުވާއެނގޭ ގޮތެއް ނުވިއެވެ.

''މިހާރު ޔަޤީންކުރަން އިތުރު ޓެސްޓްތަކެއް ހަދަން ދީފިން، އެއަށްފަހު ޔަޤީންކަމާއެކު ބުނަން އެނގޭނީ...'' ޑޮކްޓަރު ރާޖް ބުނެލިއެވެ. ''ޕޭޝަންޓް ގާތު ނުބުނީ ވެސް ސީރިއަސް ކަމަކަށް ވާތީ، މޭންޓަލީ އަދި ފިކިޒަލީ ވެސް އެފަދަ ވާހަކައެއް އަޑުއެހުމުގެ ކުޅަދާނަކަން ލިބިގެން ނުވާތީ... ޢާއިލާ އާއި ހިއްސާކޮށްގެން ވަގުތުން ޓްރީޓްމެންޓް ފެށުން އެންމެ ބުއްދިވެރީ... އިތުރު ޓެސްޓްތައް ހެދުމުން ހުރިހާ މައުލޫމާތެއް ސާފުވާނީ، އޭރަށް ޓްރީޓްމެންޓް ކުރިއަށް ގެންދާނެ ގޮތެއް ވެސް ކަނޑައެޅޭނީ...'

'

''ވަ...ވަޓްސް ޔޯ ޕްރައިމަރީ ޑައިގްނޯސިސް؟...'' ތުރުތުރުއަޅަމުން ދިޔަ އަޑަކުން ޝައިހާ ސުވާލުކުރިއެވެ. އޭރު ނަދީމާއަށް ވެސް ޑޮކްޓަރުގެ ވާހަކަތައް ފަހުމުވެ ހާސްވެގެން ގޮސް ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ.

''ލޫކީމިއާ!...''

(ނުނިމޭ)