ކުރީ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރަތްކުރާ 32 ޓަވަރުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްޑީސީގެ، މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ 4،000 ހައުސިން އަކީ ދެ ޕްރޮޖެކްޓެއް ކަމަށެވެ. އެއީ 2،000 ހައުސިން ޔުނިޓުގެ ދެ ޕްރޮޖެކްޓު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެ ޕްރޮޖެކްޓު ވެސް ކުރިއަށް ގެންދަނީ އެކްޒިމް ބޭންކުން ދޫކޮށްފައިވާ ލޯނެއްގެ ތެރެއިން ފައިނޭންސް ކޮށްގެން ކަމަށް ހަމްދާން ވިދާޅުވިއެވެ.

"ޕްރޮޖެކްޓު މިހާރު އޮތް ޝެޑިއުލަށް ބަލައިފިނަމަ ފެބްރުއަރީ މަހުގެ ނިޔަލަށް އަޅުގަނޑުމެން މި ބަލަނީ ފުރަތަމަ ހަތަރު ޓަވަރު ނިންމާލެވޭތޯ. ދެން އަދި ހުރިހާ 32 ޓަވަރު ޝެޑިއުލްގަ އޮތީ މާޗު 2025 ނިންމުމަށް. އެކަމަކު ވެސް އަޅުގަނޑުމެން މިދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އެ ޝެޑިއުލަށްވުރެ ކުރިން ނިންމާލައި، 31 ޑިސެމްބަރު 2024 އަށް ނިންމާލެވޭތޯ. ޓާގެޓް ކޮށްގެން އަޅުގަނޑުމެން ބޮޑަށް މި މަސައްކަތް ކުރަނީ" ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ މިއަންނަ އަހަރުގެ ފެބްރުއަރީމަހަށް ނިންމާލަން އަމާޒުހިފައިވާ ހަތަރު ޓަވަރުގައި 512 އެޕާޓްމެންޓު ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޓަވަރުތަކުގެ ނިމުމުން، ފުލެޓުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ޓަވަރުތަކުގެ މަސައްކަތް ކުރިއަށް ދަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެފަދަ މަސައްކަތް ކުރާ ކޮލިޓީ އަދި ސްޓޭންޑެޑުގައި ކަމަށް ހަމްދާން ވިދާޅުވިއެވެ. އެތަނުގެ ކޮލިޓީއާ ގުޅޭ ގޮތުން ސުވާލު އުފެއްދެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.